27 ނޮވެމްބަރ 2017 - 06:12

އައިފޯނަށް ފާސްޓް ޗާޖިން ތައާރަފުކޮށްފި އެވެ. އެއީ އައިފޯނަށް މުޅިން އާ ފީޗާއެކެވެ. އައިފޯނަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ނެރުނު އައިފޯން 10، ފާސްޓް ޗާޖްކުރެވެ އެވެ. އައިފޯން 8 އަދި އައިފޯން 8 ޕްލަސް ވެސް ފާސްޓް ޗާޖިން ސަޕޯޓްކުރެ އެވެ.
އައިފޯން 10 ފާސްޓް ޗާޖްކުރުމާ ބެހޭ ގޮތުން އެޕަލް ބުނަނީ، ބައިގަޑިއިރު ތެރޭގައި 50 ޕަސެންޓް ޗާޖްކުރެވޭނެ ކަމަށެވެ. އެކަމަކު، އިތުރު ޚަރަދެއް ނުކޮށް، އައިފޯން 10 ފާސްޓް ޗާޖްކުރެވޭނެ ގޮތް އެޕަލްއިން ހަދައިދީފައެއް ނުވެ އެވެ.
އެޕަލްއިން ބުނީ އާދައިގެ ލައިޓްނިން ކޭބަލަކުން އައިފޯން 10 ފާސްޗާޖްނުކުރެވޭނެ ކަމަށެވެ. މާނަ އަކީ ފޯނާ އެކު ލިބޭ ލައިޓްނިން ކޭބަލުގައި، ފާސްޓް ޗާޖްކުރެވޭ ފެންވަރު ނެތުމެވެ.
އައިފޯން 10 ފާސްޓް ޗާޖްކުރުމަށް ތަފާތު ކޭބަލަކަށް ބޭނުވެ އެވެ. އެއީ އެއްކޮޅުގައި ލައިޓްނިން ކަނެކްޓަރު، އަނެއް ކޮޅުގައި ޓައިޕްސީ ކަނެކްޓަރު އިންނަ ކޭބަލެކެވެ. އަދި އެ ކޭބަލަކީ އެޕަލްއިން ސެޓްފިކެޓް ދީފައިވާ ކޭބަލަކަށް ވާންޖެހެ އެވެ. ޗާޖަރު ވެސް ފާސްޓް ޗާޖިން ސަޕޯޓްކުރަން ޖެހެ އެވެ.
ސްމާޓްފޯން މާކެޓަށް މިހާރު ތައާރުފުކުރާ ހުރިހާ ފޯނެއްހެން ފާސްޓް ޗާޖިން ސަޕޯޓްކުރެ އެވެ. އެކަމަކު އެއިން ކޮންމެ ފޯނެއްގައި ވެސް، ފެކްޓަރީން ނެރޭއިރު، ފާސްޓް ޗާޖިންކުރަން ބޭނުންވާ ކޭބަލް އަދި ޗާޖަރު ވެސް ހިމަނަ އެވެ. ފޯނުތައް ވަކި ވަކިން ވިއްކާ މީހުން އަގު ހެޔޮކުރުމަށް އެ ކޭބަލްތައް ނެގި ނަމަވެސް، އޮރިޖިނަލް ފޮށީގައި އެ ސާމާނު ހުރެ އެވެ.
ލައިޓްނިން ކޭބަލް އުފައްދަން ބޭނުންވާ ކުންފުނިތަކަށް ލައިސަންސް ވިއްކައިގެން އެޕަލް އަށް ވަރަށް ގިނަ ފައިސާ ލިބެ އެވެ. އައިފޯންތަކުގައި މިހާރު ބޭނުންކުރާ ލައިޓްނިން ކޭބަލް ބޭނުންކޮށްގެން އައިފޯން 10 ފާސްޓް ޗާޖްކުރެވޭ ގޮތް އެޕަލްއިން ނުހެދި ބޭނުމަކީ، ފާސްޓް ޗާޖްކުރުމަށް ވެސް ވަކި ޚާއްސަ ކޭބަލެއް ކަނޑައަޅައި ވިޔަފާރިން ނަފާހޯދުން ކަމަށް ބެލެވެ އެވެ.
އައިފޯން އާއިލާ އަށް ތައާފުރުކުރި އެންމެ އަގު ބޮޑު ފޯނަކީ އައިފޯން 10 އެކެވެ. އެ ވަރުން ވެސް އިތުރު ޚަރަދެއް ނުކޮށް އައިފޯން 10 ފާސްޓް ޗާޖްކުރެވޭ ގޮތެއް ނެތެވެ. ވަގުތު ސަލާމަތްކުރަން އެދޭ ނަމަ، ފާސްޓް ޗާޖްކުރުމަށްޓަކައި ޖެހެނީ އެ ކަމަށް ބޭނުންވާ ސާވާނު ވަކިން ގަންނާށެވެ. އެކަމަކު ވެސް އައިފޯން 10، އައިފޯން 8 ޕްލަސް އަދި އައިފޯން 8 ވެސް ފާސްޓް ޗާޖިން ސަޕޯޓްކުރެ އެވެ.