27 ނޮވެމްބަރ 2017 - 06:13

ދީޕިކާ ޕަދުކޯންގެ "ޕަދްމާވަތީ" އާ ދެކޮޅަށް ކުރާ މުޒާހަރާތަކާ ގުޅިގެން ފިިލްމު ރިލީޒް ނުކުރެވި ލަސްވާތީ އޭނާ އާ ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.
އާންމުގޮތެއްގައި، ފިލްމު ރިލީޒްކުރާ ދުވަސްވަރާ ދިމާކޮށް އެ ފިލްމުގެ ތަރިން އެހެން ފިލްމެއްގެ މަސައްކަތެއް ނުކުރާނެ އެވެ. އެއީ ރިލީޒްކުރާ ފިލްމުގެ ޕްރޮމޯޝަން މަސައްކަތްތައް ކުރުމަށެވެ.
ދީޕިކާ ވެސް "ޕަދްމާވަތީ"ގެ ޕްރޮމޯޝަން މަސައްކަތްތައް ކޮންމެވެސް ވަރަކަށް ކޮށްފައިވެ އެވެ. ނަމަވެސް މިހާރު އޭނާ ވަނީ އެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ. އަދި އަލަށް ފަށާ ފިލްމާ ދޭތެރޭ ވިސްނަން ދީޕިކާ މިހާރު ވަނީ ގަސްތުކޮށްފަ އެވެ.
ކްރީއަރްޖް އެންޓަޓައިންމަންޓުން ވިޝާލް ބަރްދްވާޖް ޕްރޮޑިއުސްކުރާ މި ފިލްމަކީ މާފިއާ ކުއީނެއްގެ ވާހަކައެއްގެ މައްޗަށް ކުޅޭ ފިލްމެކެވެ. ހަނީ ޓްރެހާން ޑައިރެކްޓްކުރާ މި ފިލްމުގައި ދީޕިކާއާ އެކު ފެންނާނީ އޭނާގެ "ޕީކޫ"ގެ ބަތަލު އިރްފާން ޚާނެވެ.
ފިލްމުގެ ޕްރޮޑިއުސަރު ބުނި ގޮތުގައި އެ މީހުން އުފައްދާ ފިލްމުގެ މަސައްކަތް ދީޕިކާ ފަށަން ހަމަޖެހިފައިވަނީ ޖެނުއަރީގަ އެވެ. އަދި ފެބްރުއަރީއާ ހަމައަށް ވެސް ފިލްމުގެ ޝެޑިއުލް ދެމިގެން ހިނގައިދާނެ އެވެ. އަދި މިހާރު ލަފާކުރެވޭ ގޮތުން "ޕަދްމާވަތީ" ވެސް ރިލީޒް ކުރެވޭނީ އެހާ ހިސާބުގަ އެވެ.
ފިލްމުގެ ޝޫޓިން ފަށާ ފަހުން "ޕަދްމާވަތީ" ރިލީޒް ކުރެވޭ ގޮތް ވިޔަސް އެ ފިލްމު ޕްރޮމޯޓްކުރުމުގެ މަސައްކަތްކުރަން ދީޕިކާ އަށް ވަގުތު ދީ ޝޫޓިން މެދުކަނޑާލާނެ ކަމަށް ވެސް ޕްރޮޑިއުސަރު ބުންޏެވެ. ސަބަބަކީ "ޕަދްމާވަތީ" އަށް ދިމާވެގެން އުޅޭ މި މައްސަލައަކީ އެމީހުން ވެސް ވަރަށް ކަންބޮޑުވާ މައްސަލައަކަށް ވާތީ ކަމަށް ވެސް އޭނާ ބުންޏެވެ.