07 ޖުލައި 2016 - 07:35

ތިޔަ ސުވާލަށް ދެތިން ޖުމުލައިން ޖަވާބު ދީ ނިންމާލެވިދާނެ އެވެ. އެކަމަކު ވެސް ބުނަމެވެ. ސްމާޓްފޯނެއްގައި ހުރުމަށް އެކި މީހުން އެދެނީ އެކި ސިފަ އެވެ. ކުރަން ބޭނުންވަނީ އެކި މަސައްކަތެވެ. ހުންނަން ޖެހެނީ އެކި ކުޅަދާނަ ކަމެވެ.
މި ދެއްކި ވާހަކަތަކުގެ ތެރެ އަށް ތަންކޮޅެއް ބޮޑަށް ވަދެލަމާ ހިނގާށެވެ. ފޯނުގެ ސިފަ، ބައްޓަން އަދި ބުރުސޫރަ ރީތިވުމަކީ ލާޒިމް ކަމެކެވެ. ބާރުގަދަ ކެމެރާއެއް ވެސް ހުންނަން ޖެހެ އެވެ. ކުލައަލި ސާފު ސްކްރީނަކީ ވެސް ޝަރުތެކެވެ. ފާސްޓްވުމާއި އަޑު ރީތިވުން ވެސް އެހާ މުހިންމެވެ. ހިތް ފުރި އިތުރުވާ ވަރަށް ޖާގަ އެވެ.
ސްމާޓްފޯނެއްގައި އެ ހުރިހާ ކަމެއް ހުންނަން ޖެހޭ ކަމަށް ބުނާ ނަމަ، އެންމެ މުހިންމީ ކޮންކަމެއް ކަމެއް އަދި ނޭނގުނެވެ. އެންމެ ބޮޑަށް ބަލާ ކަމެއް ބުނެދިނުމަށް އެދި ކުރި ސުވާލަށް ހަގީގަތުގައި ދޭން ޖެހޭނީ އެންމެ ޖަވާބެކެވެ.
އަހަންނަށް އެންމެ މުހިންމީ ބެޓެރީ އެވެ.
ސްމާޓްފޯނެއް ހަމަ ގައިމު ވެސް ސްމާޓް ވާނެ އެވެ. ސްމާޓްފޯނަކުން ކުރުމަށް އެދެވޭ ހުރިހާ ކަމެއް ކުރެވޭނެ އެވެ. އެ ހުރިހާ ކަމެއް ކުރުމަށް އެންމެ މުހިންމީ ބެޓެރީ އެވެ.
ބާރުގަދަ ކެމެރާއެއް ހިންގޭހާ ކުޅަދާނަކަން ބެޓެރީގައި ހުންނަން ޖެހެ އެވެ. ސްކްރީންގެ ސާފުކަމާއި އަލިކަން ދެމެހެއްޓުމަށް ވެސް ބެޓެރީ އެވެ. ބިނާކުރަނިވި މަސައްކަތްތަކެއް ކުރަން އެދެވޭ ނަމަ ވެސް ބެޓެރީ އެވެ.
އެންމެ މުހިންމީ ބެޓެރީކަން ގަބޫލުކުރަން އުނދަގޫ ނަމަ އަދި ވެސް ފަސޭހަކޮށްދެވިދާނެ އެވެ. ހެނދުނު ގެއިން ނިކުންނައިރު ފުލް ޗާޖްކޮށްގެން އޮފީހަށް ގޮސް އެނބުރި އައުމުގެ ކުރިން ބެޓެރީ ހުސްވާ ނަމަ، ކުރާ މަސައްކަތާ ބައްދަލު މިންވަރަށް ބެޓެރީ ނުކުޅެދުންތެރީ އެވެ. ބާރުގަދަ ކެމެރާއަކަށް ވުރެ ބެޓެރީ މުހިންމުވީ އެވެ.
ފޮޓޯ ސެޝަނެއް ފުރިހަމަކުރަން ބެޓެރީ ޕެކެއް ކޮންމެހެން ވެސް މުހިންމު ނަމަ، ފޯނުގައި އިން ބެޓެރީން ނުފުދެނީ އެވެ. ކެމެރާ ޖައްސައި ދެ ތިން ފޮޓޯއެއް ކުރަހާލާ ތަނުން ބެޓެރީ ހުލިވާނެކަން ކަށަވަރުވަނީ އެވެ.
މަސައްކަތުގެ އަށް ގަޑިއިރު ޑާޓާ ޕެކް ހިފަހައްޓާލެވޭ ވަރު ބެޓެރީގައި ނެތް ނަމަ، އެންމެ މުހިންމު އެއްޗަކީ ބެޓެރީ އެވެ. ސޯޝަލް އެޕްލިކޭޝަންތަކުގައި ފިނިބުރުޖަހަން ބެޓެރީ ހުރަސްއަޅާ ނަމަ، އެ އަށް ވުރެ ބޮޑު ތަކުލީފަކީ ކޮަބައި ހެއްޔެވެ؟
ތިޔަ ކުރާ ސުވާލުތަކަށް ޖަވާބުދިނުމުގައި އަމިއްލަ އަށް ފެންނަ ގޮތް އެންމެ ރަނގަޅު ކަމަށް ދުވަހަކު ވެސް ނުނިންމަމެވެ. އެކި މީހުން ކުރެން އަހަމެވެ. އަންހެން އަދި ފިރިހެން ތަފާތުނުކޮށެވެ. މަތީގައި އެ އޮތް ސުވާލަށް ޖަވާބެއް ހޯދުމަށް ކުރި މަސައްކަތްތަކުގައި މި އޮތީ މީހަކު ދިން ޖަވާބެކެވެ: ވަޅި ރީތީ ތޫނިއްޔާ އެވެ. އަނބި ރީތީ ހެވިއްޔާ އެވެ.