27 ނޮވެމްބަރ 2017 - 06:11

ކުޑަ ފިރިހެން ކުއްޖެއްގެ ފުރާނަ ސަލާމަތްކުރަން ދޭން ޖެހުނު އަގުބޮޑު ފަރުވާގެ ބިލް އޭނާގެ މައިންބަފައިންނަށް ދެއްކޭނެ ގޮތް ނުވުމުން ޑޮކްޓަރުން އިސް ނަގައިގެން ފައިސާ އެއްކޮށް އެ ކުއްޖާގެ ހޮސްޕިޓަލް ބިލު ދައްކައިދީފި އެވެ.
ނިއުމޯނިއާ އާއި ޑެންގީއާ ގުޅިގެން ދިމާވި އިތުރު ބޮޑެތި ސިއްހީ މައްސަލަތަކެއްގެ ސަބަބުން ހަ އަހަރުގެ ސަރަން ފަރުވާ ހޯދީ އިންޑިއާގެ ޗެންނާއީގެ ހޮސްޕިޓަލެއްގަ އެވެ. އޭނާގެ ބިލަށް 3.4 މިލިއަން ރުޕީސް އަށް އެރި އެވެ. ނަމަވެސް މިއީ ކުއްޖާގެ މައިންބަފައިންނަށް ދެއްކޭ ވަރަށް ވުރެ މާ ބޮޑު އަދަދެއް ކަމުން އެ މީހުން ތިބީ ހަދާނެ ގޮތް ހުސްވެފަ އެވެ.
އެވަގުތު އެމީހުންނަށް އެހީވުމުގައި އިސްނެގީ އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރުންތަކެކެވެ. ޑޮކްޓަރުން ފަންޑު ފޮއްޓެއް ހުޅުވައިގެން ފައިސާ ހޯދައިދީ އެ ކުއްޖާގެ މައިންބަފައިންނަށް އެހީތެރިކަން ފޯރުކޮށްދިނެވެ.
ސަރަން ހޮސްޕިޓަލުގައި ހޭދަކުރި 57 ދުވަހުގެ ތެރެއިން 33 ދުވަހު އޮތީ ޕީޑިއެޓްރިކް އައިސީޔޫގަ އެވެ. އޭނާ އަށް ފަރުވާ ދޭން ބޭނުންކުރީ ފުއްޕާމެއަށް ލުއިކަން ގެނެސްދީ، ހަށިގަނޑު ހަމަޖައްސާ މެޝިނެކެވެ.
"ކުއްޖާ ހޮސްޕިޓަލުގައި އޮންނަތާ ގިނަ ދުވަސްތަކެއް ފާއިތުވެ، ބިލް ބޮޑުވަމުން ދިޔައިރު ކުއްޖާ ރަނގަޅުވުމުގެ އެއްވެސް އަލާމާތެއް ނުފެނޭ. ނަމަވެސް ކުއްޖާއަށް ވާނެ ގޮތެއް ވާން ދޫކޮށްނުލަން އަހަރެމެން ނިންމިން،" ހޮސްޕިޓަލުގެ ސީނިއަ ޑޮކްޓަރެއް ކަމަށްވާ ޑރ. ބާލާ ރާމަޗަންދްރަން، ޓައިމްސް އޮފް އިންޑިޔާ އަށް ވިދާޅުވި އެވެ.
"ކުއްޖާގެ މައިންބަފައިންނަށް ހޮސްޕިޓަލު ބިލް ނުދެއްކިއްޖެ ނަމަ އަހަރެމެން ފަންޑެއް ހުޅުވައިގެން ނަމަވެސް ފައިސާ ހޯދަން ނިންމާފައި އޮތީ."
އެގޮތުން އެހީދޭ އެކި އެޖެންސީތަކާ ގުޅިގެން އޮކްޓޯބަރު މަހު ފެށި މަސައްކަތުން ގިނަ އަދަދެއްގެ ފައިސާ ހޯދި އެވެ.
ސަރަންގެ ބައްޕަ އަޝޯކް ކުމާރު އަކީ ކޮރެއާގެ މެނުފެކްޗަރިން ފާމެއްގައި މަސައްކަތްކުރާ މީހެކެވެ. ދަރިފުޅުގެ ފަރުވާއަށް ފައިސާ ހޯދަން ޑޮކްޓަރުން ކޮށްދިން އަގުހުރި މަސައްކަތަށް ޝުކުރު އަދާކުރާނެ ގޮތެއް ވެސް ނޭނގޭ ކަމަށް އަޝޯކް ބުންޏެވެ.
ކުއްޖާ ގުޅާފައި ހުރި އީސީއެމްއޯ މެޝިން އުފެއްދި ފަރާތުން ވެސް އެ އާއިލާއަށް ޑިސްކައުންޓެއް ދިނެވެ. އަދި ހޮސްޕިޓަލުން ވަނީ ޑޮކްޓަރުންގެ ފީތަކަށް ވާ 60،000 ރުޕީސް ވެސް ކަނޑާލައިފަ އެވެ.
އަޝޯކަށް ބިލް ދެއްކެން އޮތީ 1.8 ބިލިއަން ރުޕީސް ލިބިގެންނެވެ. ޑޮކްޓަރުންގެ މަސައްކަތުން ހޯދައިދިނީ އެ އަދަދެވެ.
ސަރަން އެންމެ ފުރަަތަމަ އެ ހޮސްޕިޓަލަށް ގެންދިޔައީ މިދިޔަ ސެޕްޓެމްބަރު 27 ގަ އެވެ. އޭރު އޭނާއަށް ވަނީ ނިއުމޯނިއާ ޖެހި ހާލު ސީރިއަސް ވެފަ އެވެ. އެހެންވެ ވެންޓިލޭޓާ އަށް ގުޅައިގެން ދެ ދުވަސް ވީއިރު ވެސް ކުއްޖާގެ ހާލު ރަނގަޅުވާ ގޮތް ނުވެގެން އީސީއެމްއޯ މެޝިނަކަށް ގުޅީ އެވެ. އޭނާ އޭރު އޮތީ ޑެންގީ އާއި ޑެންގީ ހެމަރެޖިކް ޝޮކް އަދި އިންފެކްޝަނަށް ޕޮޒިޓިވެފަ އެވެ.
ސަރަންގެ ފުރާނަ ސަލާމަތްވުމުގެ 70 ޕަސެންޓް ފުރުސަތު އޮތްއިރު އޭނާ ޑައިލެސިސް ވެސް ހަދަން ޖެހުނެވެ. ނަމަވެސް ޑޮކްޓަރުން ކުރި ބުރަ މަސައްކަތުން 31 އޮކްޓޯބަރުގައި އޭނާ ވަނީ އެ މެޝިނުން ނަގާފަ އެވެ. އަދި ދުވަސްކޮޅަކު ވެންޓިލޭޓާގައި ބޭއްވި އެވެ.
ސަރަން ހޮސްޕިޓަލުން ދޫކޮށްލީ މިދިއަ ބުރާސްފަތިދުވަހު އެވެ.