27 ނޮވެމްބަރ 2017 - 06:13

އާމިރު ޚާނަކީ ބޮލީވުޑްގެ "މިސްޓަ ޕާފެކްޝަނިސްޓް"ގެ އެވެ. އެއީ ފިލްމެއް އުފެއްދުމުގެ މަރުހަލާގައި ކުރާ ހުރިހާ ކަމެއް ވީ އެންމެ ރަނގަޅަކަށް ކުރަން ސަމާލުކަން ދޭތީ ކިޔާ ނަމެކެވެ. ނަމަވެސް އާމިރު އެއްބަސްވި ގޮތުގައި ކެރިއަރުގެ ކުރީކޮޅު އޭނާ ފިލްމުތައް ޚިޔާރުކޮށްފައި ވަނީ ވަރަށް ފަރުވާ ކުޑަކޮށެވެ.
އޭގެ ތެރެއިން ވެސް އޭނާ އެންމެ ފާހަގަކުރާ އެއް ފިލްމަކީ 1995 ގައި ނުކުތް "އާތަންކް ހީ އާތަންކް" އެވެ. މިއީ ހޮލީވުޑް ފިލްމު "ގޯޑްފާދާ"ގެ ބޮލީވުޑް ވާޝަން އެވެ. ފިލްމުގައި އާމިރު އަދާކުރީ "ގޯޑްފާދާ"ގައި މައިކަލް ކޯލިއޯނޭ ކުޅުނު ބައެވެ.
"ފިލްމު ރިލީޒްވުމަށް ފަހު އަހަރެންނަށް ލިބުނީ ޝޮކެއް. އެ ފިލްމު ކުޅެވުނީތީ އަހަރެން ހިތާމަކުރިން. އެ ފިލްމު ބަލާލާފައި އަހަރެން ހިތަށް އެރި އަހަރެންނަށް މި ފިލްމުގައި މި ރޯލު އަދާކުރެވިފައި މިވަނީ ވަރަށް ކަމުނުދާ ގޮތަކަށޭ. މިކަހަލަ ބައެއް ފިލްމުތައް ކެރިއަރުގެ ކުރީކޮޅު އަހަންނަށް ކުޅެފައިވޭ،" އާމިރު ބުންޏެވެ.
"އާތަންކް ހީ އާތަންކް"ގައި އާމިރުގެ ސިފައަށް ގިނަ ބަޔަކު ތައުރީފު ކުރި ނަމަވެސް އޭނާއަށް ހެދުނު ގޯސް އާމިރަށް ވިސްނުނީ ފިލްމު ރިލީޒްކުރި ފަހުންނެވެ. އެއީ އެ ފިލްމު އުފެއްދިފައި ވަނީ އިންޑިއާގެ އޯޑިއަންސަށް އަމާޒުކޮށް ނޫން ވީމަ އެވެ.
އެ ފިލްމުގައި އާމިރު ދައްކާފައިވާ މޮޅު އެކްޓިން އަށް ގިނަ ބަޔަކު ތައުރީފުކުރި ނަމަވެސް އޭނާއަށް ހެދުނު ބޮޑު ގޯސް މަތިން އާމިރަށް ހަނދާން ނައްތައެއް ނުލެވުނެވެ.
އާމިރު މިހާރު މަސައްކަތް ކުރަމުން އަންނަނީ "ތަގްސް އޮފް ހިންދުސްތާން"ގަ އެވެ. މި ފިލްމުގައި އާމިރާ އެކު މަޝްހޫރު އެކްޓަރު އަމީތާބް ބައްޗަން ބައިވެރިވެ އެވެ.