26 ނޮވެމްބަރ 2017 - 11:23

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް، ޕްރޮފެސަރު ހަސަން އުގެއިލް ތާއީދު ނުކުރައްވަން ނިންމެވުމަކީ އިދިކޮޅު ސިޔާސީ ޕާޓީތަކުން ކުރާ އިސްލާހީ މަސައްކަތަށް ލިބޭނެ ހިތްވަރެއް ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ސިޔާސަތުތަކާ އުގެއިލް ދެކޮޅުވުމަކީ ޕާޓީތަކުގެ އިތުރުން ރައްޔިތުންގެ ގިނަ ބަޔަކަށް ވެސް ލިބޭނެ އުފާވެރި ޚަބަރެއް ކަމަށެވެ.
ރިޔާޒް، މިގޮތަށް ވިދާޅުވެފައި މިވަނީ، ރައީސް ޔާމީން ބަލިކުރަން އިދިކޮޅު ފަރާތްތަކުން ގެންގުޅޭ އެއް ކެންޑިޑޭޓު ނެރުމުގެ ފޯމިއުލާގައި، އެ ކެންޑިޑޭޓަކީ އުގެއިލް ކަމަށް ވެދާނެ ކަމަށް ބައެއް މީހުން ލަފާކުރަމުން އަންނަނިކޮށެވެ. އެކަމަކު، އިންތިހާބުގައި ވާދަކުރެއްވުމާ ގުޅޭގޮތުން އުގެއިލް މިހާތަނަށް ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭގޮތުން އުގެއިލް "މިހާރު" ގައި ލިއުއްވި ކޮލަމެއްގައި އޭނާ ވަނީ ނުސީދާކޮށް ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ކޮރަޕްޝަނާއި ފަސާދަ އާއްމުވެ، ރާއްޖޭގެ ޝަރުއީ ނިޒާމާއި ސިއްހީ އަދި ތައުލީމީ ނިޒާމު މިހާރު އޮތީ ބޮއްސުންލައި އޮޔާ ގޮސްފައި ކަމަށް އޭނާ ވިދާޅުވި އެވެ.
ގައުމީ މަސްލަހަތަށް ވުރެ އަމިއްލަ އެދުން އިސްކޮށްފައިވާތީ، ގައުމުގެ ހުރިހާ ކަމެއް ވެސް ދެން ފަށަން ޖެހޭނީ ސުމަކުން ކަމަށް އުގެއިލް ވިދާޅުވި އެވެ.
މިހާލަތު ބަދަލު ކުރުމުގައި 2018 ވަނަ އަހަރު ގެންނަ ރައީސަކީ، އޭނާ ވިދާޅުވި ގޮތުގައި، ކޮރަޕްޝަނާއި ފަސާދަ ދެކޮޅަށް ތެދުވާނެ، އަދި ތެދުވާން ޖެހޭ ސަބަބުތައް ގަބޫލުކުރާނެ މީހަކަށް ވާން ޖެހެ އެވެ.