26 ނޮވެމްބަރ 2017 - 13:06

ކިޑްނީ އަށް ދިމާވި މައްސަލައަކާ ގުޅިގެން، އާއްމު ކެއުންތައް ދޫކޮށްލަން އިސްމާއިލް ސަމްރޭޒަށް މަޖުބޫރުވިތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ. މީގެ ތިން އަހަރު ކުރިން ފެށިގެން، އޭނާގެ އާއްމު ކެއުމަކީ ފެނުކެއްކި ތަރުކާރީކޮޅެކެވެ. ނަމަވެސް "ހަރުކަށި" ޑައިޓެއްގެ ދަށުން ކައިބޮއި، ބޭސްކޮށް ހެދި ނަމަވެސް މިދިޔަ މަހު އޭނާގެ ކިޑްނީ ވަނީ ފެއިލްވެފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަޒީފާ އަދާކުރާ، އަދި ދެ ކުދިންނާއި އަނބިމީހާއާ އެކު އުފާވެރި ދިރިއުޅުމެއް ހޭދަކުރަމުން އަންނަ އިއްސެ އަށް އާއްމުންގެ އެހީތެރިކަން މިހާރު ވަނީ ބޭނުންވެފަ އެވެ. ހުޅުމާލެ އިން ލިބިފައިވާ އަމިއްލަ ގޯތީގައި ދިރިއުޅުނު ނަމަވެސް، ގިނަ ދުވަސްތަކެއް ވާންދެން ބޭސްފަރުވާ ކުރަން ޖެހުމުން އޭނާ އަށް އެއްވެސް ފައިސާއެއް ރައްކައެއް ނުކުރެވުނެވެ. ޑަޔަލިސިސްގެ އެހީގައި މިހާރު ދިރިހުރި އިއްސެ އަށް ދާއިމީ ފަރުވާއެއް ލިބެން އޮތީ ކިޑްނީއެއް ލިބިގެންނެވެ.
"ކިޑްނީ ޑޯނާއެއް މިހާރު މި ހޯދަނީ. އޮޕަރޭޝަނާއެކު މިކަމަށް 30،000 ޑޮލަރު ( ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ) ބޭނުން އެބަ ވޭ،" 46 އަހަރުގެ އިއްސެ ބުންޏެވެ.
ކިޑްނީ އަށް މައްސަލައެއް ދިމާވެފައިވާކަން އޭނާ އަށް އެނގުނީ 2014 ވަނަ އަހަރު ޑޮކްޓަރަށް ދެއްކުމުންނެވެ. އޭގެ ފަހުން، އިއްސެ ބުނިގޮތުގައި އުޅެން ޖެހިފައިވަނީ ވަރަށް ބަލައިގެންނެވެ. އަހަރަކު ދެ ފަހަރު، ރާއްޖޭން ބޭރަށް ގޮސް ފަރުވާ ހޯދައި، ކޮންމެ ފަހަރަކު ވެސް ޓެސްޓުތައް ހަދަން ޖެހެ އެވެ. ގަވައިދުން ބޭސްކައި، ލޮނު މަދުކޮށް، ތަރުކާރީ ފަދަ އެއްޗެހި ވަކި ވަރަކަށް ވަކި ވަގުތަކަށް ކާން ޖެހެ އެވެ. ނަތީޖާއެއްގެ ގޮތުން މިދިޔަ އަހަރާ ހަމައަށް އޭނާގެ ހާލު ރަނގަޅެވެ.
"އެކަމަކު މިދިޔަ މަހު ދެ ކިޑްނީ ވެސް ފެއިލް ވެއްޖެ. ދެން މިހާރު ޑަޔަލިސިސް ހަދައިގެން މިއުޅެނީ،" އިއްސެ ބުންޏެވެ.
އޭނާ ބުނިގޮތުގައި ކިޑްނީ ފެއިލްވީ ލޭ މާބޮޑަށް މައްޗަށް ގޮސްގެން ކަމަށް ޑޮކްޓަރުން ބުނެ އެވެ.
އިއްސެގެ ދޮށީ ފިރިހެން ދަރިފުޅަށް އަންނަ އަހަރު 18 އަހަރު ފުރުނު ނަމަވެސް، ދެ ދަރިންގެ ވެސް ބްލަޑް ގުރޫޕު އޭނާއާ ދިމަލެއް ނުވެ އެވެ. އާއިލާގައި އޭނާގެ ބްލަޑް ގްރޫޕު (އޯ ޕޮޒިޓިވް) ހުންނަ ކޮއްކޮއެއް ހުރި ނަމަވެސް އޭނާގެ ސިއްހީ ހާލަތު މިކަހަލަ ކަމަކަށް އެންމެ އެކަށީގެންނެއް ނުވެ އެވެ. އެހެންވެ، ވީއެންމެ އަވަހަކަށް ކިޑްނީ ހަދިޔާ ކުރާނެ މީހަކު އިއްސެ ބޭނުންވެ އެވެ.
"އާސަންދައާ ނުލައި ވެސް މިކަމަށް ބޮޑު ހަރަދެއް ދާނެ. އެހެންވެ، ކިޑްނީ ހަދިޔާ ކުރާނެ މީހަކާއި އެކަމަށް ބޭނުންވާ ފައިސާ ހޯދަން އަޅުގަނޑު އާއްމުންގެ އެހީތެރިކަމަށް އެދެން،" އޭނާ ބުންޏެވެ.
އިއްސެ އެހީވުމަށާއި މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުން ނަމަ، އޭނާގެ ނަމްބަރު، 7925156 ގުޅުމަށް އެދެ އެވެ.