ބަޔާން މިއުނިކް ބަލިވުމުގެ ފައިދާ ލިޕްޒިގަށް
ބަޔާން މިއުނިކް ބަލިވުމުގެ ފައިދާ ލިޕްޒިގަށް

މިއުނިކް (ނޮވެމްބަރު 26) - ޖަރުމަނު ލީގުގައި ރޭ ބޮރޫސިއާ މޮންޗެންގްލަޑްބެކް އަތުން 2-1 އިން ބަޔާން މިއުނިކް ބަލިވުމުގެ ފައިދާ ދެ ވަނައިގައި އޮތް އާރްބީ ލިޕްޒިގުން ނަގައިފި އެވެ.

ލިޕްޒިގު ވަނީ 2-0 އިން ވާޑާ ބްރެމެން ބަލިކޮށް ބަޔާނުގެ ލީޑު ތިން ޕޮއިންޓަށް ކުޑަކޮށްފަ އެވެ. ބަޔާން އެއް ވަނައިގައި އޮތީ 13 މެޗުން 29 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ލިޕްޒިގު އޮތީ 13 މެޗުން 26 ޕޮއިންޓާ އެކު އެވެ.

މިއީ ބަޔާންގެ ކޯޗުކަމާ ޔުޕް ހެއިންކެސް ހަވާލުވި ފަހުން ބަޔާން ބަލިވި ފުރަތަމަ މެޗެވެ. އަމިއްލަ ދަނޑުގައި ކުޅުނު މޮންޗެންގްލަޑްބެކުގެ ދެ ލަނޑު ޖެހީ ތޯގަން ހަޒާޑާއި މަޓިއަސް ގިންޓާ އެވެ. ބަޔާނުގެ ހަމައެކަނި ލަނޑު ޖެހީ އާޓޫރޯ ވިޑާލް އެވެ.

ރޭގެ މެޗަށް ފަހު ހެއިންކެސް ވަނީ އަންނަ އަހަރުގެ ޖޫން މަހު ބަޔާން ކޯޗު މަގާމުގައި އޭނާ ނުހުންނާނެ ކަމަށް ބުނެފަ އެވެ.

"ކޮންމެ ހަފްތާ އަކު އަހަރެން އެއް ވާހަކަ އެއް ދައްކަން ބޭނުމެއް ނެތިން. އަންނަ އަހަރުގެ ޖޫންގެ ފަހުން އަހަރެން ބަޔާނުގައި ނުހުންނާނެ،" ހެއިންކެސް ބުންޏެވެ.

ވާޑާ ބްރެމެން ކޮޅަށް ލިޕްޒިގުގެ ލަނޑުތައް ރޭ ޖެހީ ނަބީ ކެއިޓާ އާއި ބެނާޑޯ އެވެ.

ބޮރޫޝިއާ ޑޯޓްމަންޑް ރޭ ހަތަރު ގޯލުގެ ލީޑެއް ނަގާފައި އޮއްވައި ޝާލްކާ އިން ވަނީ ދެ ވަނަ ހާފްގައި އަރައި 4-4 އިން އެއްވަރުކޮށްފަ އެވެ. ފުރަތަމަ 25 މިނިޓް ތެރޭ ޑޯޓްމަންޑުން ހަތަރު ގޯލުގެ ލީޑެއް ނެގިއިރު މި ލަނޑުތައް ޖެހީ ޕިއޭ އެމެރިކް އޮބާމަޔަން، މާރިއޯ ގޮޓްޒާ އާއި ރަފައެލް ގަރޭރޯގެ އިތުރުން ޝާލްކާގެ ބެންޖަމިން ސްޓަމްބޫލީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ޝާލްކާގެ ލަނޑުތައް ދެ ވަނަ ހާފުގައި ކާމިޔާބުކޮށްދިނީ ހުއީޑޯ ބާގްސްޓޯލާ، އަމިން ހަރިތު، ޑެނިއަލް ކަލިހުއިރީ އަދި ނާލްޑޯ އެވެ. މި މެޗުގެ ފަހު 18 މިނިޓް ޑޯޓްމަންޑުން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 72 ވަނަ މިނިޓްގައި އޮބާމަޔަން އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ.