06 ޖުލައި 2016 - 21:30

ޕްރިޓޯރިއާ (ޖުލައި 6) - ދެކުނު އެފްރިކާގެ އޮލިމްޕިކްގެ ދުވުންތެރިޔާ އޮސްކާ ޕިސްޓޯރިއަސްގެ ލޯބިވެރިޔާ ރީވާ ސްޓީންކޭމްޕްގެ ގަޔަށް ބަޑި ޖަހާ މަރާލިކަން ސާބިތުވެ އޭނާ ހަ އަހަރަށް ޖަލަށްލާން މިއަދު ހުކުމްކޮށްފި އެވެ.

އެ މައްސަލާގައި ހައި ކޯޓުން އެންމެ ފުރަތަމަ ނިންމީ ގަސްދުގައި މީހަކު މެރިކަން ޕިސްޓޯރިއަސްގެ މައްޗަށް ސާބިތުނުވާ ކަމަށާއި އެކަމަކު ފަރުވާ ކުޑަ އަމަލަކުން މީހަކު މަރުވުމުގެ ކުށުން ޕިސްޓޯރިއަސް ކުށްވެރިވާތީ އޭނާ ފަސް އަހަރަށް ޖަލަށްލުމެވެ. ނަމަވެސް އެ މައްސަލަ ޕްރޮސެކިއުޓަރުން އިސްތިއުނާފް ކުރުމުން މިދިޔަ އަހަރުގެ އޭޕްރީލް މަހު އެ ގައުމުގެ ސުޕްރީމް ކޯޓުން ނިންމީ ގަސްދުގައި މީހަކު މަރާލިކަން ޕިސްޓޯރިއަސްގެ މައްޗަށް ސާބިތުވާ ކަމަށާއި އެހެންވެ އޭނާ އަށް އަދަބެއް ކަނޑައަޅަން އަލުން ހައި ކޯޓަށް މައްސަލަ ފޮނުވުމަށެވެ.

ގަސްދުގައި ރީވާ މަރާލިކަން ސާބިތުވާތީ ސުޕްރީމް ކޯޓުން އެ ގޮތަށް ނިންމިއިރު ޕިސްޓޯރިއަސް ހުރީ ހައި ކޯޓުން އޭނާއަށް ކުރިން އިއްވި ފަސް އަހަރުގެ ޖަލު ހުކުމުގެ އެއް ބައި ތަންފީޒުކޮށް ނިމި، ރިހެބިލިޓޭޝަނަށް ގެއަށް ވެސް ދޫކޮށްލައިފަ އެވެ.

ޕިސްޓޯރިއަސް، 29، ވަނީ ލޯބިވެރިޔާ ރީވާ ފާޚާނާގައި އުޅެނިކޮށް ފާޚާނާގެ ދޮރަށް ބަޑި ޖަހައިފަ އެވެ. ބަޑީގެ ހަތަރު ހަމަލާ ވެސް ވަނީ ރީވާ އަށް އަމާޒުވެފަ އެވެ. ޝަރީއަތުގައި ޕިސްޓޯރިއަސް ތަކުރާރުކޮށް ބުނަމުން ދިޔައީ ރީވާ ފާހާނާގައި އުޅޭކަން ނޭނގޭ ކަމަށާއި ފާހާނާގެ ދޮރަށް ބަޑި ޖެހީ އެ ތަނުގައި ވަގަކު އުޅޭ ކަމަށް ހީކުރެވިގެން ކަމަށެވެ.
ޕްރޮސެކިއުޓަރުން ޑިމާންޑް ކުރަމުން ދިޔައީ ގަސްދުގައި މީހަކު މަރާފައިވާތީ ޕިސްޓޯރިއަސް އަށް މަދުވެގެން 15 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ. ނަމަވެސް ފަނޑިޔާރުގެ ނިންމުމާ ގުޅިގެން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފަ އެވެ.
އުފަންވިއިރު ވެސް ކަކުލުން ތިރީގައި އެއްވެސް ކަށްޓެއް ނެތުމުން ޕްލާސްޓިކް ފައި ބޭނުންކޮށްގެން ހިނގާ ބިނގާވެ އުޅޭ ޕިސްޓޯރިއަސް އޮލިމްޕިކްގައި ދުވީ ވެސް ކަކުކުލުން ތިރީގައި ބްލޭޑެއް ހަރުކޮށްގެންނެވެ. އެހެންވެ އޭނާ މަޝްހޫރުވެފައި ވަނީ ވެސް "ބްލޭޑް ރަނާ" ގެ ނަމުންނެވެ.