26 ނޮވެމްބަރ 2017 - 10:08

މެޑްރިޑް (ނޮވެމްބަރު 26) - ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލާ އެކު ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑް 3-2 އިން މަލާގާ އަތުން މޮޅުވެއްޖެ އެވެ.
ރޭގެ މެޗުން ރެއާލް މޮޅުވި ނަމަވެސް އެ ޓީމު ވަނީ ލީގުގެ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ. އެއީ އެތުލެޓިކޯ މެޑްރިޑް 5-0 އިން ލެވާންޓޭ އަތުން މޮޅުވުމުންނެވެ. ރެއާލާއި އެތުލެޓިކޯ އަށް 13 މެޗުން ލިބިފައި ވަނީ 27 ޕޮއިންޓެވެ. އެތުލެޓިކޯ ކުރީގައި އޮތީ ފައިދާ ލަނޑުންނެވެ. ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އާއި ދެ ވަނައިގައި އޮތް ވެލެންސިއާ ކުޅޭނީ މިރެ އެވެ. ބާސެލޯނާ އަށް 34 ޕޮއިންޓް ލިބިފައިވާއިރު، ވެލެންސިއާ އަށް 30 ޕޮއިންޓެވެ.
މެޗު ފަށައިގެން ނުވަ ވަނަ މިނިޓްގައި ކަރިމް ބެންޒެމާގެ ގޯލުން ރެއާލް ލީޑު ނަގާފައިވަނިކޮށް މަލާގާ އަށް އެއްވަރުކޮށްދިނީ ޑިއޭގޯ ރޯލާން އެވެ. ކަސެމީރޯ ރެއާލަށް ދެ ވަނަ ފަހަރަށް ލީޑު ނަގައިދީފައި ވަނިކޮށް މަލާގާ އަށް އެއްވަރުކޮށްދިނީ ގޮންޒާލޯ ކާސްޓްރޯ އެވެ. ރެއާލް މޮޅުކޮށްދިން ލަނޑު ރޮނާލްޑޯ ޖެހީ މެޗު ނިމެން 14 މިނިޓަށް ވެފައިވަނިކޮށެވެ. މިއީ މި ފަހަރުގެ ލީގުގައި ރޮނާލްޑޯ ޖެހި ދެ ވަަނަ ގޯލެވެ.
ރެއާލުގެ ކޯޗު ޒިނެދިން ޒިދާން ބުނީ މި ނަތީޖާއާ އެކު ހިތްހަމަ ޖެހުމެއް ލިބުނު ކަމަށެވެ.
"ވާދަވެރިކޮށް ދިޔަ މެޗެއްގައި އަހަރެމެންނަށް މޮޅެއް ހޯދުނީމަ އަހަރެން ވަރަށް ހިތްހަމަ ޖެހިއްޖެ. އެއީ މާޒީގައި ކަންތައް ހިނގާފައި އޮތް ގޮތަށް ބަލާއިރު އަހަރެމެންނަށް މި މެޗުގައި ނަތީޖާ ނެރެން ހުރަސްތަކެއް ވެސް ހުރުމުން،" ޒިދާން ބުންޏެވެ.
ރޭ ލެވާންޓޭ ކޮޅަށް އެތުލެޓިކޯގެ ލަނޑުތައް ކާމިޔާބުކުރީ ކެވިން ގަމޭރޯ އާއި އެންޓޮއިން ގްރީޒްމަން ކޮންމެ ކުޅުންތެރިއަކު ދެ ގޯލުގެ އިތުރުން ލެވާންޓޭގެ ރޮބާ ސުއަރޭޒް ބައިކޮޅަށް ވަން ގޯލެކެވެ.