ހިތް އޮތީ ނިއުގައި، އެކަމަކު ސައްޓު ރަނގަޅު އޮފާއެއްގެ އިންތިޒާރުގައި
ހިތް އޮތީ ނިއުގައި، އެކަމަކު ސައްޓު ރަނގަޅު އޮފާއެއްގެ އިންތިޒާރުގައި

ރަނގަޅު ހުށަހެޅުމެއް ލިބިއްޖެ ނަމަ ރަށް ދޫކޮށް އަންނަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުގެ ޓީމަކަށް ކުޅެން މާލެ އަންނަން ތައްޔާރު ކަމަށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ށ. މިލަންދޫ ޓީމަށް މޮޅު ކުޅުމެއް ދެއްކި ބ. އޭދަފުށީގެ ހުނަރުވެރި ފޯވާޑް އިޝާން އިބްރާހިމް (ސައްޓު) ބުނެފި އެވެ.

ހިތް އޮތީ ނިއުގައި، އެކަމަކު ސައްޓު ރަނގަޅު އޮފާއެއްގެ އިންތިޒާރުގައި
ހިތް އޮތީ ނިއުގައި، އެކަމަކު ސައްޓު ރަނގަޅު އޮފާއެއްގެ އިންތިޒާރުގައި

އޭނާ މިލަންދޫ ޓީމަށް ކުޅުނީ ޕްރެކްޓިހެއް ނެތި އެވެ. އެއީ އޭދަފުށީ ބެންކުގައި ވަޒީފާއަދާކުރަމުން އަންނާތީ ޓީމާ ގުޅެން ދަތިތަކެއް ހުރުމުންނެވެ. އެހެންވެ އޭނާ ކޮންމެ ފަހަރަކު މެޗު ކުޅެން މާލެ އަންނަނީ އެވެ. އެކަމަކު ވެސް އޭނާ ތަފާތު ދެއްކި އެވެ. ފަސް މެޗެއްގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދިއިރު އަށް ގޯލް ޖެހި އެވެ.

ފަހު މެޗުގައި ރޭ ގދ. ތިނަދޫ ކޮޅަށް ހެޓްރިކް ހެދުމަށް ފަހު "މިހާރަ"ށް ވާހަކަދައްކަމުން ސައްޓު ބުނީ އެއްވެސް ޕްރެކްޓިހެއް ނެތި ދެއްކުނު ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ގަވާއިދުން ޕްރެކްޓިސް ކޮށްގެން ކުޅޭ ނަމަ މިއަށް ވުރެ ތަފާތު ދެއްކޭނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

އޭދަފުށީގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިއާ އަބްދުލްމަޖީދު އިބްރާހިމް (މަޖިއްޓެ) ގެ ކޮއްކޮ ސައްޓު ބުނީ އަންނަ ސީޒަނުގައި މާލެ ބަދަލުވާން ތައްޔާރު ކަމަށާއި އެކަމަކު އެއީ އޭނާ ހިތްހަމަޖެހޭވަރުގެ އޮފާއެއް ލިބިއްޖެ ނަމަ ކަމަށެވެ.

"އަންނަ އަހަރު ރަނގަޅު އޮފާއެއް އައިސްފިއްޔާ ވިސްނާން. މިހާރު މިހިރީ ކުޅެލަން މާލެ ބަދަލުވާ ވިސްނުމުގައި. އެކަމަކު އެއީ އަޅުގަނޑު ހިތްހަމަޖެހޭ އޮފާއެއް ލިބިއްޖެއްޔާ،" އުމުރުން 29 އަހަރުގެ ކުޅުންތެރިއާ ބުންޏެވެ.

އޭނާ ބުނީ އަބަދުވެސް ސަޕޯޓްކުރަނީ ނިއު ރޭޑިއަންޓަށް ކަމަށާއި އެކަމަކު ވަކި ކްލަބަކަށް ކުޅުމުގެ ވިސްނުމެއް ނެތް ކަމަށެވެ. މި ވަގުތު އޭނާގެ ހަމައެކަނި ޝަރުތަކީ ރަނގަޅު ހުށަހެޅުމެކެވެ.

"ކުޑައިރުއްސުރެ ސަޕޯޓްކުރަނީ ނިއު އަށް،" ސައްޓު ބުންޏެވެ.

ސައްޓު އަށް ގައުމީ ޓީމުން ޖާގައެއް ހައްގު ކަމަށް ވެސް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އެކަމަކު އޭނާ ބުނީ މި ފަހަރު އެއްވެސް ވަރަކަށް ގައުމީ ޓީމުގެ ޖާގައަކަށް އުއްމީދުނުކުރާ ކަމަށާއި އެކަމަކު ގަވާއިދުން އައިސް ކުޅެން ފަށައިފި ނަމަ ފުރުސަތު ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

"އޮމާން މެޗުގެ ކުރިން އެފްއޭއެމުން ގުޅާފައި ބުނި ސްކޮޑުގައި އިން ވާހަކަ. ދެން ހުރިހާ ޑީޓެއިލްސްތަކެއް ހޯދި،" ސައްޓު ބުންޏެވެ. "އަޅުގަނޑު އަދި އެއްވެސް ވަރަކަށް ގައުމީ ޓީމުގެ ޖާގައަކަށް އުއްމީދެއް ނުކުރަން. އެކަމަކު ގަވާއިދުން ޕްރެކްޓިސްކޮށްގެން ކުޅެން ފެށީމާ އަރާނެ ކަމަށް އުއްމީދުކުރަން."

ސައްޓު ބުނީ ޕްރެކްޓިހެއް ނެތި ވެސް އޭނާ އަށް ރަނގަޅަށް ކުޅެވުމުގެ ސިއްރަކީ މިލަންދޫގެ ކޯޗު މުހައްމަދު ނާސިރާއި ކުޅުންތެރިން ކުރި އިތުބާރު ކަމަށެވެ. އޭނާ އަށް ޖާގަ ދޭތީ އެއްވެސް ކުޅުންތެރިއަކު މައްސަލަ ނުޖައްސާ ކަމަށާއި އަދި މެޗަށް އަރާއިރު ކޯޗު ކުރާ އިތުބާރުން ބޮޑު ހިތްވަރެއް ލިބޭ ކަމަށް ވެސް ބުންޏެވެ.