26 ނޮވެމްބަރ 2017 - 05:59

ލިވަޕޫލް (ނޮވެމްބަރު 26) - ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ވިލިއަންގެ ގޯލުން ޕްރިމިއާ ލީގުގައި މިރޭ ޗެލްސީން 1-1 އިން ލިވަޕޫލާ އެއްވަރުކޮށްފި އެވެ.

ރޭ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން 1-0 އިން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ފަސް ޕޮއިންޓަށް ގާތްކޮށްފަ އެވެ. ސިޓީ 12 މެޗުން 34 ޕޮއިންޓާ އެކު ލީގުގެ އެއް ވަނައިގައި އޮތްއިރު، ދެ ވަނައިގައި އޮތް ޔުނައިޓެޑަށް 13 މެޗުން ލިބިފައިވަނީ 29 ޕޮއިންޓެވެ. ލީގުގައި މިރޭ ރަށުން ބޭރުގައި ހަޑްސްފީލްޑް ޓައުން ބަލިކޮށްގެން ސިޓީ އަށް އަލުން އަށް ޕޮއިންޓުގެ ލީޑެއް ނެގޭނެ އެވެ.
މިރޭގެ މެޗުން ލިވަޕޫލާ އެއްވަރުވެ ޗެލްސީ ލީގުގެ ތިން ވަނައިގައި އޮތީ 13 މެޗުން 26 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތީ މިރޭ އަމިއްލަ ދަނޑުގައި ވެސްޓް ބްރޮމްއާ 1-1 އިން އެއްވަރުވި ޓޮޓެންހަމް ހޮޓްސްޕާސް އެވެ. ލިވަޕޫލް އޮތީ 13 މެޗުން 23 ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގަ އެވެ.
ލިވަޕޫލުން މިރޭގެ މެޗު ފެށީ އާންމުކޮށް ފުރަތަމަ އެގާރައިގައި ހިމަނާ ދެ ކުޅުންތެރިން ކަމަށް ސަޑިއޯ މާނޭ އާއި ރޮބާޓޯ ފިރްމީނޯ ނުލަ އެވެ. މާނޭ މެޗުގެ ފަހު ވަގުތު ބޭނުންކުރިއިރު، ފިރްމީނޯ އެއްވެސް ވަރަކަށް ބޭނުމެއް ނުކުރެ އެވެ. އޭގެ ބަދަލުގައި މި މެޗުގައި ފުރަތަމަ އެގާރައިން ފުރުސަތު ދިނީ ޖޭމްސް މިލްނާ އާއި އޮކްސްލޭޑް ޗަމްބަލެއިން އަށެވެ.
މި މެޗުގައި ލިވަޕޫލްގެ ލަނޑު ޖެހީ މި ސީޒަނުގައި އެ ޓީމަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުރިން ޗެލްސީ އަށް ކުޅުނު މިސްރުގެ ވިންގް މުހައްމަދު ސަލާހު އެވެ. މިއީ މި ފަހަރު ލީގުގައި ސަލާހު ޖެހި 10 ވަނަ ގޯލެވެ. ދާދި ފަހުން މިސްރުގައި ދިން ޓެރަރިސްޓް ހަމަލާގެ ސަބަބުން ގިނަ ބަޔަކު މަރުވެފައިވާތީ މި ލަނޑަށް ފަހު ސަލާ އުފާފާޅެއް ނުކުރެ އެވެ.
ވިލިއަން ޗެލްސީ އަށް އެއްވަރުކޮށްދިނީ ކުޅެން ނުކުތްތާ އިރުކޮޅެއްގެ ތެރޭ މެޗު ނިމެން ފަސް މިނިޓަށް ވެފައި ހުއްޓަ އެވެ. ވިލިއަން ހުރަހެއް ގޮތަށް ނެގި ބޯޅަ ގޯލަށް ވަނީ ލިވަޕޫލް ގޯލްކީޕަރު ސައިމަން މިންޔޮލޭ އަތް މަތިން އޮއްސިގެން ގޮހެވެ.
ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގައި މިހާތަނަށް ލިވަޕޫލް ބަލިކުރެވިފައިނުވާއިރު، ރޭގެ މެޗަށް ފަހު އޭނާ ބުނީ މިއީ މޮޅުވެވޭނެ މެޗެއް ކަމަށެވެ.
"އަހަރެން އެންމެ ހިތްހަމައެއް ނުޖެހޭ. އަހަރެމެން ކުޅުނީ މޮޅުވާން. ވަރަށް ރަނގަޅު ފުރުސަތުތަކެއް ވެސް ތަނަވަސްކުރިން. އެމީހުން (ލިވަޕޫލުން) ޖެހި ގޯލުގައި އަހަރެމެން ނަސީބު ދެރަޔޭ ވެސް ބުނެވިދާނެ. އެކަމަކު އެންފީލްޑްގައި ޕޮއިންޓެއް ހޯދޭނީ ވެސް ވަރަށް މަސައްކަތުން،" ކޮންޓޭ ބުންޏެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މޮޅުވޭވެނެ މެޗަކުން ދެ ޕޮއިންޓް ގެއްލިއްޖެ ކަމަށާއި އެހެން ނަމަވެސް ކުޅުމަށް ބަލާއިރު ހިތްހަމަ ޖެހުމެއް އެބައޮތް ކަމަށެވެ.
ޔުނައިޓެޑުން މިރޭ ބްރައިޓަން ބަލިކުރީ މެޗުގެ ދެ ވަަނަ ހާފުގައި ލެވިސް ޑަންކް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. މި ލަނޑު ވަނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޔުނައިޓެޑްގެ އެޝްލީ ޔަންގް ފޮނުވާލި ބޯޅައެއް ޑަންކް ފައިގައި ޖެހިފަ އެވެ.
ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ މިއީ މި ސީޒަނުގެ މިހާތަނަށް ޔުނައިޓެޑުން ކުޅުނު އެންމެ އުނދަގޫ މެޗު ކަމަށާއި ބްރައިޓަން އިން މޮޅު ކުޅުމެއް ދެއްކި ކަމަށެވެ.