26 ނޮވެމްބަރ 2017 - 06:28

ބުދަ ދުވަހާ ގުޅޭ
ހިތަށްއެރިއެވެ. އެންމެ ފަހުން އަހަރެންގެ ހަށިގަނޑާ ހަމައަށް ވެސް އައީތާއެވެ. ނުވަތަ އެއީ އެހެން ގޮތަކުން ލިބިފައިވާ އަނިޔާއެއް ހެއްޔެވެ؟ އަހަރެންގެ ލޮލުގައި ކުރިން އަޅައިނުގަތީބާއެވެ؟ އިނާޔާ އޮތީ ނިދައިފައެވެ. އަހަރެން މަޑުމަޑުން ތެދުވީމެވެ. ފާޚާނާއަށް ވަދެ ވުޟޫކޮށްލީމެވެ. ދެ ރަކުޢަތް ނަމާދެއް ކޮށްފައި، ކިޔަވަންވީ އާޔަތްތައް ކިޔަވައިފައި، މުޅި ކޮޓަރި ރައްކާތެރިކޮށްލީމެވެ. ދެން އަހަންނެއް ނުނިދަމެވެ. ކިޔަވަން އޮތީއެވެ. ފަތިސްނަމާދު ކޮށްގެން ތިރިޔަށް ދިޔައީމެވެ. އެއްވެސް މީހަކު ނެތެވެ. އަނެއްކާ ކޮޓަރިއަށް އައިސްފައި އިރުކޮޅެއް ކޮށްލައިފައި ތިރިޔަށް ފޭބީމެވެ. އޭރު ވެސް މީހަކު ނެތެވެ. ދެން ހަދާނެ ގޮތަކާމެދު ވިސްނަން ހުއްޓައި މުސްކުޅި ފިރިހެނަކު ވަނެވެ. ނަމަކީ ޔޮގިންދަރެވެ. އޭނައަކީ ހޮޓަލުގެ ވެރިމީހާއެވެ. އަހަރުމެން ދެ މީހުން އެކަކުއަނެކަކަށް ތަޢާރުފުވީމެވެ.
"ކިހިނެއް މި ތަން؟" އޭނަ އިނގެރޭސިބަހުން އެހިއެވެ.
"ދެން ރަނގަޅު!" އަހަރެން ބުނީމެވެ. "އެކަމަކު އެބަހުރި ކުދިކުދި ކަންކަން. ދެން އެހެން ހުންނާނެތާ!"
ހޮޓަލުން ދިމާވި، ހިތްހަމަނުޖެހޭ ބައެއް ކަންކަން ވެސް އަހަރެން ކިޔައިދިނީމެވެ. ހޫނު ފެނުގެ މައްސަލައާއި، ކެއުމުގެ މައްސަލައާއި، ކަރަންޓުދިޔުމާއި، މަދިރީގެ މައްސަލަ ވެސް މެއެވެ.
"ލައްކަ ކަންތައް ދިމާވެއްޖެ ދޯ!" ޔޮގިންދަރު ހީނގެންފައި ބުންޏެވެ. "އަސްލު ވަރަށް ފަޤީރު ހިސާބެއް މީ. މި ތަނާ އަޅާބަލާއިރު ތި ކިޔައިދިން ކަންތައްތައް ތީ ވަރަށް ކުދިކުދި ކަންތައްތައް. ހަމަ ރަނގަޅަށް މި ބުނީ. ކަލޭ ދޭބަލަ އެހެން ހޮޓަލަކަށް. މިއަށް ވުރެ މާ ސަކަރާތްވާނެ. ކަރަންޓު ކެނޑޭވަރުން އޮބިނޯންނާނެ. ނަސީބެއްތާ އަހަރުމެން އަތުގަ ބެކަޕް ޖަނަރޭޓަރުގަނޑެއް ހުރިކަން. ކަރަންޓު ކެނޑުނީމަ، ފަސްވަރަކަށް މިނެޓު ފަހުން އަހަރުމެންނަށް ކަރަންޓު ދެވޭނެ."
"ކީއްވެ ފަސް މިނެޓު ނަގަނީ؟" އަހަރެން އެހީމެވެ. "ހަމަ ކަރަންޓު ކެނޑޭއިރަށް ޖަނަރޭޓަރު އޮޓޯއިން ޖެހެން ޖެހޭނެއްނު."
"އެއީ މެނުއަލް އެއްޗެއް،" ޔޮގިންދަރު ބުންޏެވެ. "ހެންޑެލި އަނބުރައިގެން ޖެއްސޭނީ. ދެން މި ތަނުގެ ހައުސްކީޕިންއަށް ހުންނާނީ އެންމެ މީހެއް. ކަރަންޓު ކެނޑުނީމަ، އޭނަ ކުޑައެއް ނަގައިގެން ގެއިން ހިނގާފަ މި ތަނަށް އައިއްސަތާ ޖެއްސޭނީ. އެ ކަމަށް ނަގާ ވަގުތު އެއީ. އެހެން ހޮޓަލަކުން އެ ވަރު ވެސް ނުވާނެ. އައި އިރަކުން ކަރަންޓު އަންނަންދެން ތިބެންޖެހޭނީ. މިތާ ކައިރީގަ އޮންނާނެ ރިސޯޓެއް ވެސް. ވަރަށް ހާލު ދެރަވާނެ. ކަލެއަށްވާ މަދިރި މަރަން ރެކެޓުގަނޑެއް ވެސް ލިބިއްޖެތާ! އެ ތަނުން އެ ވަރު ވެސް ނުވާނެ."
"އެކަމަކު އަންހެނުންނާ ދަރިޔާ ނިންދަވައިފަ މަ ހުންނަން ޖެހޭނީ ރެކެޓު ހިފައިގެން ހޭލައެއްނު!" އަހަރެން ބުނީމެވެ. "ދުވާލުތާ މަށަށް ނިދޭނީ. އޭރުން އަންހެނުން ހުންނަންޖެހޭނީ ރެކެޓު ހިފައިގެން ހޭލައެއްނު!"
ޔޮގިންދަރު ހިނިގަނޑެއް ޖަހައިލިއެވެ. އޭނަ ދެއްކި ވާހަކަތައް އަހަންނަށް ގަބޫލުކުރެވެއެވެ. އެހެންނަމަވެސް، ފަސް ތަރީގެ ތަނެއްކަމަށް ޖަހައިފައިވާ ހޮޓަލެއްގައި ހުންނަން ޖެހޭނީ އެ ފެންވަރުކަމަކަށް އަހަންނަކަށް ގަބޫލެއް ނުކުރެވުނެވެ.
ހެނދުނު ސައިބޮއިގެން އަހަރުމެން ފުރަން ތައްޔާރުވީމެވެ. ފައިމަގުގައި، ކައިރި ހިސާބުތަކަށް ދިޔައީމެވެ. ބާރަޖެހިއިރު ވެސް ޑުރައިވަރެއް ނައެވެ. އަހަރެން ފޯނުކުރީމެވެ.
"ބޮޑު ހަޅުތާލެއް ފަށައިގެން އުޅޭތީ މިއަދަކު ނުނިކުމެވޭނެ،" ޑުރައިވަރު ބުންޏެވެ. "އަހަރެން ވަރަށް ގުޅީމޭ! އެންގޭޖުވެފަ ހުންނަނީ. އެކަމަކު ފަތިހު މި ކޮޅުން ނައްޓައިލައިގެން ނަމަވެސް މާދަމާ ތި ކޮޅަށް ދާނަން."
މައްސަލައަކީ ހެނދުނު ޑުރައިވަރަށް ގުޅައިފައި އަހަންނަށް ކަށަވަރު ނުކުރެވުނުކަމެވެ. ދެވަނަ ރެޔަކު އޫޓީގައި ހުންނަންޖެހުނެވެ. އަހަރެން ހުރީ އަތްދިގު ސުވިޓަރެއް ލައިގެންނެވެ. އަތުގައި ވަކިއަޅައިފައި ހުރިތަން އިނާޔާއަށް ފެންނާކަށް އަހަރެން ބޭނުމެއް ނޫނެވެ. މެންދުރު އަހަރުމެން ކެއީ އެހެން ހޮޓަލަކުންނެވެ. އެ ތަނުގައި ހުރި އެއްޗެހި ދަރިފުޅަށް ވަރަށް ކަމުދިޔައެވެ. އެ މާޙައުލު ވެސް ތަންކޮޅެއް ރަނގަޅީއެވެ. ކާންތިބެފައި އިނާޔާގެ ފައިން އަހަރެންގެ ފައިގައި ކޮއްޓައިލިއެވެ.
"ކުއްލިއަކަށް ނުބަލައްޗޭ!" އަހަންނާ ދިމާއަށް ބަލަހައްޓައިގެން އިނދެފައި އިނާޔާ ބުންޏެވެ. "އަހަރެންގެ ކަނާއަތް ފަރާތުގަ އެހެރަ މީހާ ހާދަ އިރެއް ވެއްޖޭ އަހަރުމެންނަށް ބަލާތާ!"
އަހަރެން ސިއްރުސިއްރުން ބަލައިލީމެވެ. އޭނަގެ ތޫނު ބެލުމާއި، އެ ބެލުމުގައި ހުރި ބީރައްޓެހިކަމުން ފުން މާނައެއް އަހަންނަށް ދޭހަވިއެވެ. އަހަރެން ތެދުވީމެވެ. އަޅައިނުލަން އިނާޔާ ބުނެބުނެ އިންދައި އަހަރެން ހިނގައިގަތީމެވެ. އޭނަ ގާތަށް ހުއްޓުމާއެކު އޭނަ ވާހަކަދައްކަން ފެށިއެވެ.
"ތީ ވެސް ރާޤީއެއް،" އޭނަ ވާހަކަދެއްކީ ރީތި އިނގެރޭސިބަހުންނެވެ. "އަހަންނަކީ ވެސް ރާޤީއެއް. އެކަމަކު، އަހަރުމެން ދެ މީހުންނަށް ވެސް ފެންނަ އެއްޗެއްސާ ނުފެންނަ އެއްޗެހި ހުންނާނެ. އަހަންނަށް އެބަ ފެނޭ ތި މޭޒު ކައިރީގަ ޖިންނިއެއް ހުރިތަން. އޭނަ އެ ހުންނަނީ ދަނޑިވަޅަކަށް ބަލަބަލާ! ވިސްނައިގެން ހުންނާތި!"
އޭނައަކީ ކޮންމެ މީހަކު ކަމުގައި ވިޔަސް މޮޅު މީހެކެވެ. އަހަރެން އެނބުރިފައި އިނާޔާއަށް ބަލައިލީމެވެ. މޭޒު ކައިރީގައި އެ ބުނާ އެއްޗެއް ހުރިތަނެއް އަހަންނަކަށް ނުފެނެއެވެ. އެކަމަކު، އޭގެ މާނައަކީ އެ ތަނުގައި އެއްޗެއް ނެތެކޭ ނޫނެވެ. ދެން އަހަރެން އެނބުރުނުއިރު އެ މީހާއެއް ނެތެވެ. ދޭނެ ޖަވާބެއް ވިސްނައިލައިފައި އަހަރެން އައިސް އިށީނީމެވެ.
"އެއީ ކާކު؟" އިނާޔާ ސުވާލުކުރިއެވެ. "ކީއްވެ ކުއްލިއަކަށް އޭނަ އެ ދިޔައީ؟"
"ވަރަށް ފަހުން ގެއްލުނު އޭނަގެ ދަރިފުޅާ އިނާޔާއާ މާ ވައްތަރިއްޔޯ!" އަހަރެންނަށް ޖެހުނީ ދޮގެއްހަދާށެވެ. "ހިނގާ އަވަހަށް މި ތަނުން ދަމާ! އިރުކޮޅަކުން އޭނަ އައިސް ބުނެފާނެ ތީ އޭނަގެ ކޯޔާހުވާ ބޭޓީއޭ!"
އެ ދުވަހަކީ، ކުރީ ދުވަހަށް ވުރެ ވިއްސާރަ ދުވަހެކެވެ. މަގުތައް ވަރަށް ފަޅެވެ. ކުއްލިއަކަށް މަގުމަތީގައި ދުއްވާއެއްޗެހި ގިނަވެއްޖެއެވެ. ކުރޮޅިއާއި ކާރުތައް އައި ތަނެއް ނޭނގެއެވެ. އަހަރެން ވަރަށް ބާރަށް އިނާޔާއާއި ދަރިފުޅުގެ އަތުގައި ހިފެހެއްޓީމެވެ. އިނާޔާއަށް ޝައްކުވިއެވެ. އެހާ ގިނަ ދުއްވާއެއްޗެހި އެ ރަށުގައި ނޫޅޭކަން އިނާޔާއަށް ވެސް އެނގެއެވެ. ހޮޓަލަށް ވަދެފައި ދެން ބަލައިލިއިރު އަނެއްކާ ވެސް މަގުމަތި އޮތީ ފަޅުވެފައެވެ. އިނާޔާ ވައްކަޅިން އަހަންނަށް ބަލައިލިއެވެ. ކުޑަ އުނދަގުލަކާ އެކުގައި ހިނިތުންވެލިއެވެ.
ރޭގަނޑުގެ ވަގުތެވެ. ރެސްޓޯރަންޓަށް ކާން ގޮސްފައި، ދޮރު ކައިރީގައި ހުރި ގޮނޑީގައި އިންނާކަށް އިނާޔާއަކަށް ނުކެރުނެވެ. ކުރީ ރޭ ހިނގި ހާދިސާއާއި މަގުމަތިން ފެނުނު މަންޒަރުގެ ސަބަބުންނެވެ. އިނާޔާގެ ބިރުކެނޑުވުމަށް ޓަކައި އަހަރެން ވަރަށް ގިނަ ވާހަކަދެއްކީމެވެ. އެ ރޭ އަހަރުމެން ގެނައީ ބިރިޔާންޏެވެ. އެހާ މީރު ބިރިޔާންޏެއް އަހަރެން ދުވަހަކު ވެސް ނުކަމެވެ. ބަނޑުން ލޯއަޑު ކިޔަންދެން ކައިގެން އަހަރުމެން ކޮޓަރިއަށް އައީމެވެ. ކެވުނުލެއް ގިނަކަމުން އަހަރުމެން ވަރަށް ލޮޑުވިއެވެ. ވާހަކަދައްކަން އެނދުގައި ތިއްބައި ނިދުނު ގޮތް ނުވެސް އެނގެއެވެ. އެ ރޭ ފެނުނު ހުވަފެނުގައި ވެސް، ކުރީ ރޭ ފެނުނު ބުޅާ އުޅުނެވެ. އެކަމަކު ބުޅަލުގެ ސައިޒު ބޮޑެވެ. ޅަ ވަރެއްގެ ބަކައްޓެއް ވަރު ވެއެވެ. ބުޅާ އެނދުން ފުންމައިލައިފައި އަހަންނަށް ބަލައިލިއެވެ. ބުނާ ކަހަލައެވެ. އަންނާށެވެ. ދާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެކަމަކު ބުޅާ ފަހަތުން އަހަރެން ހިނގައިގަތީމެވެ. ކޮޓަރިން ނުކުމެ، ހޮޓަލުން ވެސް ނުކުތީމެވެ. މަގުމަތި ވަރަށް އަނދިރިއެވެ. ބުޅާ ފިޔަވައި ދިރޭ އެހެން މަޚްލޫޤެއް އަހަރެން ނުދެކެމެވެ. ކުއްތާ ގޮވާ އަޑު ދުރުދުރުން އިވެއެވެ. ހީވަނީ އަހަރެންގެ ގައިގައި އަލިކަމެއް ހުންނަހެންނެވެ. އަލިއެޅިފައި ހުންނަނީ ބުޅަލާ ހަމައަށެވެ. ބައެއް ފަހަރު ބުޅާ ކުރިޔަށް ގޮސް ގެއްލެއެވެ. ދެން ފެންނަން އޮންނަނީ މަގުގެ ދެ ފަރާތުގައި ތިރިކޮށް ހެދިފައިވާ ވިނަގަސްތަކާއި މަގެވެ. އަހަރެން ހުއްޓެމެވެ. އަނެއްކާ ބުޅާ އާދެއެވެ. އަހަރެން ހިނގައިގަންނަމެވެ. ވަރަށް ގިނައިރު އެ ގޮތަށް ހިނގީމެވެ. އަބަދުވެސް ހިތަށްއަރައެވެ. އެ ބުޅަލުގެ ފަހަތުން އަހަރެން މި ދަނީ ކޮންތާކަށް ހެއްޔެވެ؟ ކީއްކުރަން ހެއްޔެވެ؟ ދާކަށް ބޭނުމެއް ނޫނެވެ. އެކަމަކު ދިޔައީމެވެ. ކުއްލިއަކަށް އަހަރެންގެ ހިތް ބުންޏެވެ. ހުއްޓޭށެވެ. ދެން ކުރިޔަށް އެންމެ ފިޔަވަޅެއް ވެސް ނާޅާށެވެ. އަހަރެން ހުއްޓުނީމެވެ. ތަނަށް ވެރިވެފައިވާ ފިނިކަން އިހުސާސް ކުރެވުނީ އެ ވަގުތުއެވެ. އަހަންނަށް ހޭލެވުނެވެ. ވަށައިގެން ބަލައިލެވުނެވެ. އަހަރެން ހުރީ ފަޅު ހިސާބެއްގައެވެ. ވަށައިގެން އޮތީ އަނދިރިކަމެވެ. ވަރަށް ވައިޖެހެއެވެ. ފިނިކަމުން ހަންގަނޑު ތޮރުފޭ ކަހަލައެވެ. ނިދީގައި އަހަންނަށް ވަރަށް ދުރަށް ހިނގިއްޖެއެވެ. އަހަންނަކީ ނިދީގައި ހިނގާ މީހެއް ނޫނެވެ. ހީކަރުވައިގެން ތުރުތުރުއަޅަން ފެށިއެވެ. ކުރިން ފެނުނު ބުޅަލެއް ނެތެވެ. އިރުކޮޅަކުން ތަންތަން ފެންނަން ފެށިއެވެ. އަހަންނަށް ހުރެވުނީ ފަރުބަދައެއް ކަހަލަ ތަނެއްގެ ކައިރިފަށުގައެވެ. އެންމެ ފިޔަވަޅެއް ކުރިޔަށް އެޅި ނަމަވެސް، އެތައް ސަތޭކަ ފޫޓެއްގެ ތިރިޔަށް އަހަރެން ވެއްޓުނީހެވެ. ހުރިހައި ވެސް މައްސަލައަކީ، ފަތިސްނަމާދަށް ފޯނު ސޯނާކުރަން އަހަރެން ހަނދާންނެތުމެވެ. ފަތިސްނަމާދަކީ ދިފާޢު އަލުން ވަރުގަދަކޮށްދޭ ބާރެކެވެ. އެ ކަން ނުކުރެވުމުން ޖިންނީން އޭގެ ފައިދާ ނެގީއެވެ. އެހެންނަމަވެސް، އަހަރެން ސަލާމަތްވާން ހުރީތީ ސަލާމަތްވީއެވެ.
އަމިއްލައަށް މަގު ހޯދައިގެން ހޮޓަލަށް އާދެވުނުއިރު ހެނދުނު އަށެއް ޖަހައިފިއެވެ. އިނާޔާއާއި ދަރިފުޅު އޮތީ ގަދަނިދީގައެވެ. އެ މީހުންނަށް ހޭލެވުނު ނަމަ، ލައްކަ ވާހަކަ ހަދަން އަހަންނަށް މަޖުބޫރުވީހެވެ. އެ ދުވަހު އަހަރުމެން އޫޓީން ފުރީމެވެ. އެ ބިރުވެރި ހާދިސާ އިނާޔާއަކަށް ކިޔައެއްނުދެމެވެ. އޮތް އެއްޗެއް އޮތީ އަހަރެންގެ ހިތުގައެވެ. އަހަންނަށް ދެވަނަ ދިރުމެއް ލިބުނު ކަހަލައެވެ. އަހަރެންގެ ލޯމަތިން ޢާއިލާ ގެއްލިފައި އަލުން ލިބުނު ކަހަލައެވެ.
"އޭ! ކޮންކަމަކާ ތި ވިސްނަނީ؟" އިނާޔާ ސުވާލުކުރިއެވެ.
"ކުޅަދުންވަންތަކަމާ ދޭތެރޭގަ." ކާރުގެ ކުޑަދޮރުން ބޭރަށް ނަޒަރުހުއްޓައިލައިގެން އިނދެ އަހަރެން ބުނެލީމެވެ.
ފިނިކަން ގަދަ މޫސުމާއި، ފެހިކަން ގަދަ ގަސްކަރަ ފަހަތަށް ދޫކުރަމުން ކާރު ދަތުރުކުރިއެވެ. މަރާ އެހާ ގާތަށް ގޮސްފައި އެނބުރި އާދެވުމުން އަހަރެންގެ އީމާތްތެރިކަން މި ވަނީ އިހުނަށް ވުރެ ވަރުގަދަވެފައެވެ. އަހަރެންގެ ހިތް މިވަނީ ޝުކުރުން ފުރިފައެވެ. މިއީ، ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.
ނިމުނީ