25 ނޮވެމްބަރ 2017 - 18:44

ބާސެލޯނާ (ނޮވެމްބަރު 25) - އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ 2021 ގެ ނިޔަލަށް ބާސެލޯނާގެ ކޮންޓްރެކްޓް އާކޮށްފި އެވެ. އެ މުއްދަތުގެ ކުރިން މެސީ ގަންނަން އެހެން ކްލަބަކުން ބޭނުންވެއްޖެނަމަ 700 މިލިއަން ޔޫރޯ ދައްކަން ޖެހެ އެވެ.
އުމުރުން 30 އަހަރުގެ މެސީ ބާސެލޯނާއާ އެކު ކުރިން ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވެ އެވެ. މެސީ ބާސެލޯނާގެ އެއްބަސްވުން އާ ކުރީ އޭނާގެ މުސްތަގުބަލާ ގުޅުވައިގެން ތަފާތު ވާހަކަތަކެއް ދެކެވެމުން ދަނިކޮށެވެ. މެސީ ހޯދަން، ކުރިން ބާސެލޯނާ އަށް އިރުޝާދުދިން އަދި މިހާރު މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާގައި ވާހަކަ ދެކެވިފައިވަނިކޮށް އޭނާ ވަނީ ދާދި ފަހުން އެކަން ދޮގުކޮށްފަ އެވެ.
ބާސެލޯނާއާ އެކު އާ އެއްބަސްވުމެއްގައި ސޮއިކުރަން މެސީ އެއްބަސްވެފައިވާ ކަމަށް މިދިޔަ ޖުލައި މަހު އެ ކްލަބުން ވަނީ ނުރަސްމީ ސިފައެއްގައި މީޑިއާ އަށް މައުލޫމާތު ދީފަ އެވެ. ރަސްމީކޮށް އެއްބަސްވުމުގައި ސޮއިކުރީ މިއަދު އެވެ.
ބާސެލޯނާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިއާ އެ ކްލަބްގައި މަޑުކުރުމަކީ މުޅި ކްލަބަށް އަދި ސަޕޯޓަރުންނަށް ވެސް ލިބުނު ހިތްހަމަ ޖެހުމެއް ކަމަށެވެ.
"އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ވަނީ މިއަދު ބާސެލޯނާއާ އެކު އާ އެއްބަސްވުމެއްގައި ސޮއިކޮށްފައި. މި އެއްބަސްވުމުގެ ދަށުން މެސީ 2020/2021 ވަނަ އަހަރުގެ ނިޔަލަށް ބާސެލޯނާގައި މަޑުކުރާނެ،" ބާސެލޯނާ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ އިން މެސީ ވިއްކާނެ އަގެއްގެ ގޮތުގައި 700 މިލިއަން ޕައުންޑް ހަމަޖެއްސީ ނިމިދިޔަ ޓްރާންސްފާ މާކެޓްގައި ޕީއެސްޖީން ބާސެލޯނާ އަށް ކުޅޭ ބްރެޒިލްގެ ތަރި ނޭމާ 222 މިލިއަން ޔޫރޯ އަށް ގަނެފައިވާތީ ހުރިހާ ގޮތަކުން ވެސް ބެލުމަށް ފަހު އެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދާފައިވާ މެސީ ވަނީ މިހާތަނަށް ބާސެލޯނާއާ އެކު 30 މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އަދި އެ ޓީމަށް 523 ގޯލު ކާމިޔާބު ކޮށްދީފަ އެވެ.