25 ނޮވެމްބަރ 2017 - 17:53

ސަންއާ (ނޮވެމްބަރު 25) - ޔަމަނަށް އެހީ ގެންދަން ހުރި ހުރިހާ ދޮރުތަކެއް ސައުދީ ކޯލީޝަނުން ބަންދުކޮށްފައި ދުވަސްކޮޅަކު ބޭއްވުމަށް ފަހު އަލުން އެހީގެ ފްލައިޓްތައް ޖެއްސުމުގެ ހުއްދަ ދީފި އެވެ.
އެހީ ހިފައިގެން ދިޔަ އދ.ގެ ފުރަތަމަ ފްލައިޓުން ގެންގޮސްފައި ވަނީ 1.9 މިލިއަން ޑޯޒުގެ ވެކްސިނެވެ. އިތުރު ތިން ފްލައިޓުގައި ވަނީ އެހީ ދިނުމުގައި އުޅޭ އދ. އާއި ރެޑް ކްރޮސްގެ ސްޓާފުން ޔަމަނަށް ގޮހެވެ.
ސައުދީ ކޯލީޝަނުން ޔަމަނުގެ ބަނދަރުތައް ނޮވެމްބަރު 6 ވަނަ ދުވަހު ބަންދުކުރީ ސައުދީ ވެރިރަށް ރިޔާޒަށް ޔަމަނުގެ ހޫތީން މިސައިލް ހަމަލާ ދިނުމާ ގުޅިގެންނެވެ. އެ މިސައިލު ވަނީ އަމާޒަށް ފޯރުމުގެ ކުރިން ގޮއްވާލައިފަ އެވެ.
ޔަމަނުގެ ވެރިރަށް ސަންއާ އެއާޕޯޓާ އެކު ވަނީ ރަތް ކަނޑުގެ ހުދައިދާހު ބަނދަރު ވެސް ހުޅުވާލައިފަ އެވެ. އެކަމަކު ހުދައިދާހް ބަނދަރަށް އެހީގެ އެއްވެސް ޝިޕްމަންޓެއް އަދި ބަނދަރުކޮށްފައެއް ނުވެ އެވެ. ބަނދަރުތައް އަލުން ހުޅުވާލީ ޝިޕްމަންޓްތައް ކްލިއާ ކުރާ ގޮތް ޗެކް ކުރުމަށް ފަހު އެވެ. ކޯލީޝަނުން ބުނެފައި ވަނީ އެހީގެ ޝިޕްމަންޓުގެ ތެރޭގައި ހަތިޔާރު ނެތްކަން ޔަގީން ކުރަން ބޭނުންވާ ކަމަށެވެ. ސައުދީން ތުހުމަތު ކުރާ ގޮތުގައި ހޫތީން ބޭނުން ކުރަން މިސައިލް ސަޕްލައި ކޮށްދެނީ އީރާނުންނެވެ.
އެހީދޭ އެޖެންސީތަކުން ބުނި ގޮތުގައި ޔަމަނުގެ 20 މިލިއަން މީހުން ވަނީ ކުއްލި އެހީ އަށް ބޭނުންވެފަ އެވެ. މީގެ ތެރޭން 11 މިލިއަނަކީ ކުޑަ ކުދިންނެވެ. އަދި 400،000 އަށް ގިނަ މީހުންނަށް ވަނީ ކާޑު ބަލިވެފަ އެވެ.