ކެޓުރީނާއާ އެކު ފިލްމު ކުޅެން ދެކޮޅެއް ނަހަދަން: ޝާހިދު
ކެޓުރީނާއާ އެކު ފިލްމު ކުޅެން ދެކޮޅެއް ނަހަދަން: ޝާހިދު

ޝާހިދު ކަޕޫރު ދެން އެންމެ އަވަހަށް ފަށާނީ "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ"ގެ ޑައިރެކްޓަރު ޝްރީ ނާރަޔަން ސިންގްގެ "ބައްތީ ގުލް މީޓާ ޗާލޫ" އެވެ. މި ފިލްމުގެ ބަތަލާއަކަށް ހަމަޖައްސަން އުޅެނީ ކެޓުރީނާ ކައިފް ކަމަށާއި ނަމަވެސް ޝާހިދު އެކަމާ ހިތްހަމަ ނުޖެހޭ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ބުނެފަ އެވެ. ނަމަވެސްޝާހިދު ވަނީ މި ވާހަކަ ދޮގުކޮށްފަ އެވެ.

ފިލްމުގެ ޑައިރެކްޓަރު ވެސް ވަނީ އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ބުނެފަ އެވެ. ޝްރީ ނާރަޔަން ސިންގް ބުނި ގޮތުގައި ޝާހިދަކީ ފިލްމުގެ ކްރިއޭޓިވް މަސައްކަތާއި ކާސްޓިން ކަންތަކާ އެއްވެސް ވަރަަކަށް ބެހޭ މީހެއް ނޫނެވެ.

"އަހަރެމެން އަދި ފިލްމުގެ ބަތަލާއެއް ނުނިންމަން. ޕްރޮޑިއުސަރާއި އަހަރެން އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަން ވަރަށް އަވަހަށް ބައްދަލުކުރާނަން. ފިލްމަށް ނަގާނީ ކެޓުރީނާތޯ ނުވަތަ އެހެން ބަތަލާއެއްތޯ ނިންމާތީ ޑައިރެކްޓަރު. އެ ނިންމުމަށް ޝާހިދު ތާއީދުކުރާނެ،" ޑައިރެކްޓަރު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ފިލްމަށް ކެޓުރީނާ ހަމަޖެހުނަސް ޝާހިދުގެ އެއްވެސް މައްސަލައެއް ނެތެވެ.

މި ފިލްމުގައި ޝާހިދު ކުޅެނީ ގާނޫނީ ވަކީލެއްގެ ރޯލެވެ. މިއީ ކަރަންޓު ބިލު ބޮޑުވުމާ ގުޅޭ މައުލޫއަކަށް އުފައްދާ ފިލްމެކެވެ.

ޑައިރެކްޓަރު ބުނީ އޭނާގެ "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ" ގޮތަށް މި ފިލްމަކީ ވެސް މުޖުތަމައުގައި ވަރަށް ބޮޑުވެފައިވާ މައްސަލައަކާ ގުޅޭ ގޮތުން އުފައްދާ ފިލްމެއް ކަމަށެވެ. ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޮގަސްޓް 31 ގައެވެ.

ޝާހިދާއި ކެޓުރީނާ އަދި އެއްވެސް ފިލްމެއްގައި އެކުގައި މަސައްކަތެއް ނުކުރެ އެވެ.