26 ނޮވެމްބަރ 2017 - 06:32

ސަންޖޭ ލީލާ ބާންސާލީ ޑައިރެކްޓްކޮށްފައިވާ "ޕަދްމާވަތީ" ރިލީޒްކުރުމާ ދެކޮޅަށް މުޒާހަރާ ކުރަމުން ދަނިކޮށް އެކަމާ ގުޅުން ހުރި ކަމަށް ބެލެވޭ މަރެއްގެ މައްސަލަ ފެންމަތިވެ ބިރުވެރިކަން ބޮޑުވެއްޖެ އެވެ.
އިންޑިއާގެ ޖައިޕޫރުގެ ނަހަރްގަރް ފޯޓުގައި މީހަކު ދަންޖެހިފައި ހުއްޓާ ފެނުނު އިރު އެތަނުގެ ކައިރީ ހުރި ގާތަކެއްގައި ހުރި ލިޔުންތަކެއް ފެނި، އެއީ ދަން ޖައްސާފައި ހުރި މީހެއް ކަމަށް ވަނީ ބެލެވެން ފަށައިފަ އެވެ.
"އަހަރެމެންނަކީ ޕަދްމާވަތީއާ ދެކޮޅަށް އިހްތިޖާޖްކުރުމުގެ ގޮތުން ހަމައެކަނި މީހުންގެ ސޫރަ ހަދައިގެން އެލުވާ ބައެއް ނޫން. އަހަރެންގެ ހިތްވަރު އެބަހުރި،" އެތަނުން މެސެޖެއްގައި ބުނެފައިވެ އެވެ.
ފިލްމުގެ ޑައިރެކްޓަރާއި ބަތަލާ ދީޕިކާ ޕަދުކޯންގެ ބޯ ކަނޑާލައިގެން ގެންނަ މީހަކަށް ބޮޑު އިނާމެއް ހުށަހެޅި މީހަކާ ދެކޮޅަށް ފިލްމުތަކުގެ ލަވަތައް ލިޔާ ޝާއިރު ޖާވީދު އަޚްތަރު ވާހަކަ ދެއްކުމުން މިހާރު އޭނާ އާ ދެކޮޅަށް ވެސް ބަޔަކު ވަނީ ތެދުވެފަ އެވެ.
އިންޑިއާގައި މި ފިލްމު ދެއްކޭ ގޮތް ނުވެގެން އުޅެނީ މިއީ ހިންދޫންގެ ގަބޫލުކުރުންތަކަކާ ގުޅުން ހުރި ފިލްމަކަށް ވެފައި އެ މީހުން ނުރުހޭ ގޮތަކަށް ފިލްމު ހަދާފައިވާ ކަމަށް ބުނެ ހަޅުތާލުކުރާތީ އެވެ. ފިލްމާ ހިތްހަމަނުޖެހިގެން އުޅޭ ހިންދޫ އެކި ގްރޫޕްތަކުން ބުނަނީ ރާނީ ޕަދްމާވަތީ އާއި ޚިލްޖީގެ ވަރަށް ގައިގޯޅި މަންޒަރުތަކެއް ފިލްމުގައި ހިމެނޭ ކަމަށެވެ. ނަމަވެސް ފިލްމުގެ ޑައިރެކްޓަރާއި ޕްރޮޑިއުސަރުން ވަނީ މި ވާހަކަ ދޮގުކޮށްފަ އެވެ. ބާންސާލީ ބުނެފައި ވަނީ ދީޕިކާ އާއި ރަންވީރުގެ ކެރެކްޓާ އެކުގައި ފެންނަ އެންމެ މަންޒަރެއް ވެސް ފިލްމުގައި ނުހިމެނޭ ކަމަށެވެ.
"ޕަދްމާވަތީ" ކުރިން ރިލީޒްކުރަން އޮތީ ޑިސެމްބަރު 1 ވަނަ ދުވަހު ނަމަވެސް ފިލްމާ ދެކޮޅު ހަރަކާތްތައް ގިނަވެ ފިލްމު ވަނީ ވަކި މުއްދަތެއް ނެތި ފަސްކޮށްފަ އެވެ.