ޗެލްސީގައި ސަލާހަށް ފުރުސަތެއް ނުދޭ: ކޮންޓޭ
ޗެލްސީގައި ސަލާހަށް ފުރުސަތެއް ނުދޭ: ކޮންޓޭ

ލިވަޕޫލް (ނޮވެމްބަރު 25) - ޗެލްސީގައި މުހައްމަދު ސަލާހުގެ ބޭނުން ނުހިފުނީ މައްސަލަތަކެއް ހުރުމުން ކަމަށާއި އޭނާ އަށް އެންމެ ރަނގަޅަށް ކުޅުމުގެ ފުރުސަތެއް ނުދޭ ކަމަށް އެ ޓީމުގެ މިހާރުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ޗެލްސީގައި ސަލާހަށް ފުރުސަތެއް ނުދޭ: ކޮންޓޭ
ޗެލްސީގައި ސަލާހަށް ފުރުސަތެއް ނުދޭ: ކޮންޓޭ

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ ރަށުން ބޭރުގައި ލިވަޕޫލާ ދެކޮޅަށް ނުކުންނައިރު މި ވަގުތު އެ ޓީމުގައި އެންމެ ރަނގަޅަށް ކުޅެމުން އަންނަނީ ކުރިން ޗެލްސީ އަށް ކުޅުނު ސަލާހު އެވެ. ސީޒަނުގެ މިހާތަނަށް ސަލާހު ވަނީ ލިވަޕޫލަށް 14 ގޯލު ޖަހައިދީފަ އެވެ. ކޮންޓޭ ބުނީ މި މެޗަށް ނުކުންނައިރު ސަލާހާ މެދު ސަމާލުވާން ޖެހޭ ކަމަށެވެ.

"ސަލާހުގެ އިތުރުން ކުޓީނިއޯ، މާނޭ، ފިރްމީނޯ އަދި ސްޓަރިޖާ މެދު ވެސް ސަމާލުވާން ޖެހޭ. އަހަރެންގެ ނަޒަރުގައި ސަލާހަށް ޗެލްސީގައި ފެންވަރު ނުދެއްކުނީ މައްސަލަތަކެއް ހުރީމަ. ސަލާހު ވެސް އޭރު ވަރަށް ޒުވާން. އެކަަމަކު މިހާރު އޭނާ އަކީ ތަފާތު ކުޅުންތެރިއެއް،" ކޮންޓޭ ބުންޏެވެ.

ސަލާހު 2014 ވަނަ އަހަރު ޖެނުއަރީ މަހު ބަސެލް ދޫކޮށް ޗެލްސީ އަށް ބަދަލުވީ 11 މިލިއަން ޕައުންޑަށެވެ. އެ ފަހަރު ވެސް ސަލާހު ހޯދަން ޗެލްސީއާ އެންމެ ވާދަކުރީ ލިވަޕޫލުންނެވެ. ސަލާހު ޗެލްސީގައި ހޭދަކުރި އަހަރުގައި އޭނާ އަށް ކުޅުމުގެ ފުރުސަތު ގިނައިން ނުލިބެ އެވެ. ނަތީޖާއެއްގެ ގޮތުން އޭނާ ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ޖެހިގެން އައި އަހަރު ފިއޮރެންޓީނާ އަށް ބަދަލުވެފަ އެވެ. ފިއޮރެންޓީނާ އަށް ފަހު ސަލާހު ދެން ފެނުނީ ރޯމާ އިންނެވެ. ރޯމާގައި ބޮޑުކުރިއެރުމެއް ހޯދައި ސަލާހު ވަނީ 35 މިލިއަން ޕައުންޑަށް މި ސީޒަނުގައި ލިވަޕޫލާ ގުޅިފަ އެވެ.

ޗެލްސީގެ ޕްލޭމޭކަރު އެޑެން ހަޒާޑް ބުނީ ސަލާހަށް އޭރު ޗެލްސީގައި ފެންވަރު ނުދެއްކުނީ އެއް މަގާމެއްގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް ތިބުމުން ކަމަށެވެ.

"އޭރު ސަލާހަށް ފެންވަރު ނުދެއްކުނީ އެއް މަގާމެއްގައި ކުޅޭ ގިނަ ކުޅުންތެރިން ތިބުމުން. ސަލާހަކީ ވަރަށް ވަރަށް މޮޅު ކުޅުންތެރިއެއް. އޭނާ ގާތުގައި މެޗަށް ފަހު ޖާޒީ ބަދަލުކުރަން އަހަރެން އެދޭނަން،" ހަޒާޑް ބުންޏެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ސަލާހަށް ޗެލްސީގައި ދިމާވި ކަމަކީ އޭނާ އަށް މުހިއްމު ކަމެއް ނޫން ކަމަށެވެ.

"ސަލާހު ޗެލްސީގައި ކާމިޔާބުވިނަމަ އޭނާ ލިވަޕޫލުން ނުފެންނާނެ ކަންނޭނގެ. މާޒީގައި ވެފައި އޮތް ކަމަކުން ކަމެއް ހޯދުމަކީ އަހަރެން ކުރާހިތްވާ ކަމެއް ނޫން. މި ވަގުތު ހުރިހާ އަމާޒެއް ބަހައްޓަންވީ މި ހާލަތަށް. ސަލާހު މިހާރު ހުރީ ލިވަޕޫލުގައި. ޗެލްސީ އަށް އޭނާ ސާބިތު ކޮށްދޭން ޖެހޭނެ އެއްޗެއް އޮތް ކަމަކަށް ނުދެކެން،" ކްލޮޕް ބުންޏެވެ.

ޗެމްޕިއަންސް ލީގުގައި އަޒަރުބައިޖާންގެ ގަރަބަގްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ޗެލްސީން އެނބުރި ލަންޑަނަށް އައިއިރު މޫސުން ގޯސްވުމުގެ ސަބަބުން ފްލައިޓްގައި ކަންތައްތަކެއް ދިމާވި ކަމަށާއި އެހެން ނަމަވެސް އެއީ މިރޭގެ މެޗަށް އަސަރެއް ކުރާނެ ކަމެއް ނޫން ކަމަށް ކޮންޓޭ ބުންޏެވެ.

ލިވަޕޫލާއި ޗެލްސީ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 22:30 ގަ އެވެ.