25 ނޮވެމްބަރ 2017 - 08:32

ދައުލަތަށް ބައި ގަރުނަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރައްވައި އެތައް ބަޔެއްގެ ލޯތްބާއި އިހުތިރާމް ހޯއްދަވާފައިވާ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ މަރްހޫމް އަބްދުއްސައްތާރު މޫސާ ދީދީގެ ހަނދާނުގައި ދިވެހި ބަހުގެ އެކެޑަމީން ފޮތެއް ނެރެފި އެވެ.
"ދެވަނައެއް ނެތްފަދަ އަބްދުއްސައްތާރު މޫސާ ދީދީ" މި ނަމުގައި އެ އެކެޑެމީން ތައްޔާރުކުރި މި ފޮތް ދިވެހިރާއްޖޭގެ އަޑުގައި ބޭއްވި ރަސްމިއްޔާތެއްގައި، ނެރެދެއްވީ އެމަނިކުފާނު ހެލްތު މިނިސްޓަރުކަން ކުރެއްވި އިރު ނައިބަކަށް ހުންނެވި ޑރ. އަބްދުއްސައްތާރު ޔޫސުފެވެ.
މި ފޮތް އެކުލަވާލާފައިވަނީ އެމަނިކުފާނާ ބެހޭގޮތުން އެކި ބޭފުޅުން ލިޔުއްވާފައިވާ މަޒްމޫނުތަކުންނެވެ. އެ ލިޔުންތަކުގައި އެމަނިކުފާނުގެ ހަޔާތްޕުޅުގެ އެކި ދައުރުތަކަށް އަލިއަޅުވާލާފައިވެ އެވެ. އަދި އެމަނިކުފާނުގެ އެކި މަސައްކަތްޕުޅުތަކުން ނެގިދާނެ ފިލާވަޅުތަކާއި ލިބޭ އިރުޝާދުތައް ވެސް ހިމަނާފައިވެ އެވެ. މީގެ އިތުރުން އަބްދުއްސަތާރާ ބެހޭގޮތުންނާއި ހަނދާނުގައި ޝާއިރުން ހައްދަވާފައިވާ ޅެންތަކާއި އެމަނިކުފާނުގެ ގިނަ އަދަދެއްގެ ފޮޓޯ ވެސް ހިމަނާފައިވެ އެވެ. މީގެ ތެރެއިން ގިނަ ފޮޓޯތަކަކީ އާއްމުކޮށް ފެނިފައިނުވާ ހާއްސަ ފޮޓޯތަކެކެވެ.
މި ފޮތް ނެރެދެއްވުމަށް ފަހު ޑރ. އަބްދުއްސައްތާރު ޔޫސުފް ވިދާޅުވީ އަބްދުއްސައްތާރަކީ އާދަޔާހިލާފު ވެރިއެއް ކަމަށާއި އެއީ އެންމެންގެ ހިޔާލު ހޯއްދަވައި އެންމެންގެ ރުހުމާ އެކު ކަންކަން ނިންމެވި ބޭފުޅެއް ކަމަށެވެ. މީގެ އިތުރުން އަބްދުއްސައްތާރު ޔޫސުފް ވިދާޅުވީ ޔުނިވާސިޓީތަކުން ލިބެނީ އިލްމު ކަމާށާއި އެކަމަކު ހަޔާތުގައި ކަންކަންކުރާނެ ގޮތުގެ ތަޖުރިބާ އާއި ލަފާތަކާއި އިރުޝާދުތައް ލިބެނީ އަބްދުއްސައްތާރު މޫސާ ދީދީ ފަދަ ބޭފުޅުންގެ ފަރާތްޕުޅުން ކަމަށެވެ.
ރޭގެ ހަފުލާގައި އެކެޑަމީން ވަނީ މި ފޮތް ރާއްޖޭގެ ސްކޫލްތަކާއި ކޮލެޖް އަދި ޔުނިވާސިޓީތަކަށް ހަދިޔާކޮށްފަ އެވެ.
ދިވެހިރާއްޖޭގެ ސިއްހަތު، ތައުލީމު އަދި ހާރިޖީ ދާއިރާއަށް އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ އަބްދުއްސައްތާރު ވަނީ ކުރީގެ ދެ ރައީސުން ކަމަށްވާ އިބްރާހިމް ނާސިރު އަދި މައުމޫން އަބްދުލްގައްޔޫމުގައި ސަރުކާރުގައި ވެސް އިސް މަގާމްތަކެއް ފުރުއްވައިފަ އެވެ. އެމަނިކުފާނުގެ އެންމެ ހާއްސަ އެއް ހިދުމަތަކީ އިނގިރޭސިންގެ އަތްދަށުން ރާއްޖެ އަށް މިނިވަންކަން ހޯއްދަވައިދޭން ރައީސް ނާސިރު ކުރެއްވި މަސައްކަތުގައި، ސްރީ ލަންކާގައި ހުންނެވި ރާއްޖޭގެ އެމްބެސެޑަރުގެ ހައިސިއްޔަތުން ކުޅުއްވި ރޯލެވެ. މިނިވަންކަމުގެ އެއްބަސްވުމުގައި ރައީސް ނާސިރު ސޮއިކުރެއްވި ގަލަންކޮޅު އަބްދުސައްތާރަށް ހަދިޔާކުރެެއްވުމަކީ އެކަމުގެ އަލިގަދަ ދަލީލެކެވެ. އެ ގަލަންކޮޅު އަވަހާރަވުމާ ހަމައަށް ވެސް ރައްކާތެރިކަމާ އެކު ގެންއުޅުއްވި އެވެ.
ގިނަ ބަޔަކު އަބްދުސައްތާރު ފާހަގަކުރަނީ އަމިއްލަ އެދުމެއް ނެތް އިހުލާސްތެރި، ހިދުމަތްތެރި ބޭފުޅެއްގެ ގޮތުގަ އެވެ. އެގޮތުން ރައީސް ނާސިރުގެ ދައުރުގައި ވެސް ސިޔާސީ ގޮތުން ލިބެން ހުރި ބޮޑެތި މަގާމްތަކެއް ދޫކޮށްލައްވައި، ގައުމީ ހިދުމަތުގައި ދެމި ހުންނެވި އެވެ.
އެމަނިކުފާނު އަހަވާރަވީ 2015 ވަނަ އަހަރުގެ ނޮވެމްބަރު 27 ވަނަ ދުވަހު އެވެ. އެމަނިކުފާނުގެ ހަޔާތްޕުޅާ ބެހޭގޮތުން "ފަނޑުވުމެއް ނެތް ހަނދާންތައް" މި ނަމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ވެސް ވަނީ ފޮތެއް ނެރެފަ އެވެ.