25 ނޮވެމްބަރ 2017 - 13:28

ސޯލް (ނޮވެމްބަރު 25) - ނޯތު ކޮރެއާ ސިފައިންގެ މީހަކު ބޯޑަރު ހުރަސްކޮށް ސައުތު ކޮރެއާ އަށް ދުވެފައި ވަދެ ފިލި ހާދިސާ އަށް ފަހު ދެ ގައުމު ގުޅޭ ސަރަހައްދުގައި އޮންނަ ޑިމިލިޓަރައިޒް ޒޯން (ޑީއެމްއެޒް) ގައި ކާނު ކޮނުމުގެ މަސައްކަތް ނޯތު ކޮރެއާ އިން ފަށައިފި އެވެ.
ސައުތު ކޮރެއާގައި ހުރި އެމެރިކާގެ ޑިޕްލޮމެޓަކު ވަނީ ބޯޑަރުގައި ވަޅު ކޮނުގެ މަސައްކަތް ކުރާ ފޮޓޯއެއް ޓްވީޓްކޮށްފަ އެވެ. ސޯލްގައި ހުންނަ އެމެރިކާ އެމްބަސީގެ ޝާޒެ ޑެފެއާޒް މާކް ކްނެޕާ މި ފޮޓޯ ޓްވީޓް ކުރައްވާފައި ވަނީ ޑީއެމްޒެޑަށް ޒިޔާރަތް ކުރެއްވުމަށް ފަހު އެވެ. އެ ސަރަހައްދަށް ޒިޔާރަތް ކުރި އެހެން ޑިޕްލޮމެޓަކު ވެސް ރޮއިޓާސް އަށް ވިދާޅުވެފައި ވަނީ ބޯޑަރުގައި ނޯތު ކޮރެއާގެ ގިނަ އަދަދެއްގެ ބަޔަކު ކާނު ކޮންނަމުންދާ މަންޒަރު ފެނުނު ކަމަށެވެ.
ނޯތު ކޮރެއާގެ ސިފައިންގެ މީހާ ވެހިކަލެއްގައި ދުއްވާފައި ގޮސް އޭގެ ފުރޮޅު ތާށިވުމުން ވަނީ ދުވެފައި ގޮސް ސައުތު ކޮރެއާ ސަރަހައްދަށް ވަދެ ފިލައިފަ އެވެ. އޭނާ ފަހަތުން ދުވި ނޯތު ކޮރެއާގެ ގާޑުން ބަޑި ޖެހި ނަމަވެސް ސައުތު ކޮރެއާ ސިފައިން ވަނީ ނޯތު ކޮރެއާ މީހާ ސަލާމަތްކޮށްފަ އެވެ. އޭނާގެ ހަށިގަނޑަށް އަރާފައިވާ ވަޒަންތައް ނަގާ މިހާރު ދަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ. ނޯތު ކޮރެއާގެ ސިފައިންގެ މީހާ ސަލާމަތްކުރި ސައުތު ކޮރެއާ ސިފައިންނަށް ވަނީ މެޑަލް ދީފަ އެވެ. ޔޫއެން ކޮމާންޑުން އާއްމުކުރި ވީޑިއޯ އިން ފެންނަ ގޮތުގައި ވެހިކަލުގެ ފުރޮޅު ތާށި ނުވި ނަމަ ސިފައިންގެ މީހާ ދުއްވާފައި ގޮސް ސައުތު ކޮރެއާ ސަރަހައްދަށް ވަންނާނެ އެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ދެ ކޮރެއާ ގުޅޭ އެ ސަރަހައްދުގައި ފެންނަ ގޮތަށް ފެންސެއް، ކޮންކްރީޓް ބްލޮކެއް ފަދަ އެއްޗެއް ނެތެވެ.
ދެ ކޮރެއާގެ ދެމެދު އޮންނަ 250 ކިލޯ މީޓަރު (155 މޭލު) ދިގު ޑީއެމްޒެޑަކީ އެންމެ ވަރުގަދަ އެއް ސެކިއުރިޓީ ޒޯން އެވެ. އެކަމަކު ޖޮއިންޓް ސެކިއުރިޓީ އޭރިއާ (ޖޭއެސްއޭ) އަކީ ދެ ގައުމުގެ ސިފައިން ޖެހިޖެހިގެން ކަހަލަ ގޮތަކަށް ތިބޭ ހަމަ އެކަނި ސަރަހައްދެވެ.