25 ނޮވެމްބަރ 2017 - 13:21

ބިއުނަސް އޭރީޒް (ނޮވެމްބަރު 25) - ސަބްމެރިން ގެއްލުނު ސަބަބު ހޯދޭނީ ތަހުގީގު ހިންގައިގެން ކަމަށާއި އެކަން ކުރައްވާނެ ކަމަށް އާޖެންޓީނާގެ ރައީސް މައުރީސިއޯ މަކްރީ ވިދާޅުވެއްޖެ އެވެ.
ރައީސް މަކްރީ ވަނީ ސަބްމެރިން ގެއްލުނު މައްސަލާގައި، ހަގީގަތް އެނގުމުން މެނުނީ އެއްވެސް މީހަކު ބަދުނާމު ނުކުރަން އެދިވަޑައިގެންފަ އެވެ. އަދި 44 ފަޅުވެރިންނާ އެކު ގެއްލުނު ސަބުމެރިން ހޯދުމުގެ މަސައްކަތަށް ދުލެއް ނުދީ ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ. ސަބްމެރިން ހޯދުމުގެ މަސައްކަތް 12 ގައުމަކުން ދަނީ ކުރަމުންނެވެ. އެމެރިކާ އިން ދަނީ ކަނޑު އަޑި ޗެކު ކުރުމުގައި އެންމެ ފަހުގެ ސެންސާ ބޭނުން ކުރަމުންނެވެ.
ސަބްމެރިން ގެއްލުނު ސަރަހައްދުން އެއްޗެއް ގޮވި ޚަބަރު ލިބުމާ އެކު ސަބްމެރިން ފެންނާނެކަމުގެ އުއްމީދު ވަނީ ކުޑަވާން ފަށައިފަ އެވެ. އަދި ސަބްމެރިން ގެއްލުނުތާ ދިހަ ވަރަކަށް ދުވަސްވެފައިވާ އިރު އޭގެ އޮކްސިޖަން ލެވެލްއާ މެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ.
ސަބްމެރިން ގެއްލުނު މައްސަލައިގެ ތަހުގީގު ހިންގަވާނެކަން އިއުލާން ކުރައްވަމުން ކަނޑުގެ ސިފައިންގެ މައި މަރުކަޒުގައި ވާހަކަ ދައްކަވަމުން މަކްރީ ވިދާޅުވީ 34 އަހަރުވީ ސަބްމެރިން ދާދި ފަހުން ވަނީ މަރާމާތުކޮށްފައި ކަމަށާއި ސަބްމެރިން އޮތީ އެންމެ ރަނގަޅު ހާލަތުގައި ކަމަށެވެ.
ސެން ހުއާން ސަބްމެރިން ގެއްލިފައި ވަނީ މެކޭނިކަލް މައްސަލައެއް ރިޕޯޓްކުރި ފަހުންނެވެ. ކެޕްޓަން ބަލްބީ ވިދާޅުވީ މެކޭނިކަލް މައްސަލަ ދިމާވި ފަހުން ވެސް ސަބްމެރިން އިން މެސެޖް ފޮނުވާފައިވާ ކަމަށާއި އެ މެސެޖުގައިވާ ގޮތުން ދިމާވި މަައްސަލަ ވަނީ ހައްލު ކޮށްފަ އެވެ. ސަބްމެރިންނާ އެންމެ ފަހުން ގުޅިފައި ވަނީ މިިދޔަ ހަފުތާގެ ބުދަ ދުވަހު ހެނދުނު އެވެ.
ސަބްމެރިންގައި ތިބި 44 ފަޅުވެރިންގެ ތެރޭން އެކަކު ފިޔަވައި ދެން މުޅިން ވެސް ތިބީ ފިރިހެނުންނެވެ. ސަބްމެރިންގައި ހުރި ހަމައެކަނި އަންހެނަކީ 35 އަހަރުގެ އޮފިސަރު އެލިއާނާ މާރިއާ ކްރޯޒީކް އެވެ. ކަނޑުމަތީގައި އުޅޭލެއް ގިނަ ކަމުން އޭނާ މަޝްހޫރުވެފައި ވެސް ވަނީ "ކަނޑުގެ ރާނީގެ" ގޮތުގަ އެވެ.