25 ނޮވެމްބަރ 2017 - 13:13

ސޯލް (ނޮވެމްބަރު 25) - ބަޑި ޖަހަނިކޮށް ފިލި ނޯތު ކޮރެއާގެ ސިފައިންގެ މީހާ އަކީ އާދަޔާޚިލާފު ހިތްވަރު ގަދަ މީހެއް ކަމަށް އޭނާ އަށް ފަރުވާދޭ ސައުތު ކޮރެއާގެ ޑޮކްޓަރު ވިދާޅުވެއްޖެ އެވެ.

"އެއީ އާދަޔާ ޚިލާފު މީހެއް. އެއީ ސަޅި މީހެއް،" ސިފައިންގެ މީހާގެ ހަށިގަނޑުގެ އެކި ތަންތަނަށް އަރާފައިވާ ވަޒަންތައް ނަގާ އޭނާ އަށް ފަރުވާ ދެމުންދާ ޑޮކްޓަރު ޖޯން ކުކް-ޖޮންގް ލީ ވިދާޅުވި އެވެ.

ސައުތު ކޮރެއާ އިން ބުނެފައި ވަނީ ނޯތު ކޮރެއާ އިން ފިލި ސިފައިންގެ މީހާ އަކީ 24 އަހަރުގެ އޯހް ނަމަކަށް ކިޔާ މީހެއް ކަމަށެވެ. ދުނިޔޭގައި އެންމެ ބޮޑަށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ބޯޑަރުގައި ލައިވް ވަޒަނުގެ ތެރޭން ހުރަސް ކުރުމުން އޯހް އަށް ވަނީ ދުނިޔޭގެ ސަމާލުކަން ހުއްޓިފަ އެވެ. ނޮވެމްބަރު 13 ވަނަ ދުވަހު ހިނގި މި ހާދިސާގައި އޭނާ ފިލި މަންޒަރާއި އޭނާ ގަޔަށް ބަޑި ޖަހާ މަންޒަރާ އަދި ސައުތު ކޮރެއާ މީހުން އޭނާ ސަލާމަތް ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ވަނީ ޔޫއެން ކޮމާންޑުން އާއްމުކޮށްފަ އެވެ.

ސައުތު ކޮރެއާގެ ހޮސްޕިޓަލަށް ފަރުވާ ދޭން ގެނައި ފަހުން އޯހްއާ މިހާތަނަށް ވާހަކަ ދެއްކި ހަމައެކަނި މީހަކީ ޑޮކްޓަރު ލީ އެވެ. އޯހް އަށް ފަރުވާ ދޭ ކޮޓަރި ދަނީ ސައުތު ކޮރެއާގެ ސްޕެޝަލް ފޯސަސް އާއި އިންޓަލިޖެންސް އޮފިސަރުން ގާޑު ކުރަމުންނެވެ.
ޑޮކްޓަރު ލީ ވިދާޅުވީ އޯހް އަށް އުނދަގޫވެދާނެ ކަމަކާ ގުޅޭ އެއްވެސް ވާހަކައެއް އޭނާއާ ނުދައްކާ ކަމަށެވެ. ލީ ވިދާޅުވީ އޯހް މިހާރު ދިޔާ އެއްޗެހި ބޯ ކަމަށާއި އޭނާގެ އަތް ވެސް ހަރަކާތް ކުރާ ކަމަށެވެ. އޯހް ހޭއެރީ މިދިޔަ އާދިއްތަ ދުވަހު އެވެ.
ލީ ވިދާޅުވީ ނޯތު ކޮރެއާގެ ސިފައިންގެ ޚިދުމަތާ އޯހް ގުޅުނީ، ސެކަންޑަރީ ސްކޫލް ނިމުމާ އެކު، އުމުރުން 17 އަހަރުގައި ކަމަށް އޭނާ ބުނި ކަމަށެވެ. ސައުތު ކޮރެއާ ސިފައިންނާ ގުޅެންވީ ނޫންހޭ މަޖަލަކަށް އެހުމުން އޯހް ވަނީ އޭނާ ދެން ދުވަހަކު ވެސް މިލިޓަރީ ސިސްޓަމެއްގެ ތެރެއަށް ނުވަންނާނެ ކަމަށް ބުނެފަ އެވެ.
އޯހްގެ ހަށިގަނޑުން ވަނީ ހަތަރު ވަޒަން ނަގާ، ފަޅައިގެން ގޮސްފައިވާ އޭނާގެ ގުނަވަންތައް ފަހާ އަދި ކުރިން އޭނާ އަށް ޖެހިފައިވާ ބަލިތައް ކަމަށްވާ ޓީބީ އާއި ހެޕަޓައިޓިސް ބީ އަށް ފަރުވާދީ އަދި ބަނޑުގައި ހުރި ފަނިތައް ނަގައިފަ އެވެ. އޯހްގެ ކޯލޮން ވަނީ ވަޒަންއާ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. ލީ ވިދާޅުވި އޯހް މުޅިން ރަނގަޅުވީ ނަމަވެސް އޭނާގެ ޑައެޓަށް ވަރަށް ސަމާލުވާން ޖެހޭނެ ކަމަށެވެ.
އޯހް ފިލުމާ އެކު ނޯތު ކޮރެއާ އިން ވަނީ ބޯޑަރު ބަލަހައްޓާ ހުރިހާ ގާޑުން ބަދަލުކޮށްފައި ކަމަށް ސައުތު ކޮރެއާގެ ނިއުސް އެޖެންސީއަކުން ބުންޏެވެ.
ލީ ވިދާޅުވީ އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރެއްގައި އޯހް ހޮސްޕިޓަލަށް ގެންދިޔަ އިރު އޭނާގެ ފުއްޕާ މޭ މަސައްކަތް ނުކުރާ ކަމަށެވެ. ޑޮކްޓަރުން ފުރަތަމަ ބެލި އިރު އޯހްގެ އެތެރެ ހަށިން ބައިވަރު ލޭ އަންނަކަން ފާހަގިވި ކަމަށް ލީ ވިދާޅުވި އެވެ. ޑޮކްޓަރުން ވަގުތުން ނިންމީ އޯހްގެ ހަށިގަނޑުގައިވާ ވަޒަންތައް ނަގަން އޮޕަރޭޝަން ކުރުމަށެވެ. އޭނާގެ ހަށިގަނޑަށް މިހާތަނަށް ވަނީ 12 ލިޓަރުގެ ލޭ އަޅައިފަ އެވެ.
"އޯހް ބުނި އޭނާގެ ފުރާނަ ސަލާމަތްކޮށް ދިނީތީ ސައުތު ކޮރެއާ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ވާހަކަ،" ލީ ވިދާޅުވި އެވެ.
ނޯތު ކޮރެއާ އިން ފިލައިގެން ދާ ސިފައިންނަށް ސައުތު ކޮރެއާގެ އިންޓަލިޖެންސް އެޖެންސީން ވަރަށް ގިނަ ސުވާލުތައް ކުރެ އެވެ. އޭގެ ފަހުން ސައުތު ކޮރެއާ އަށް ހޭނެއް ސެޓްލްމެންޓް ސެންޓަރަކަށް ތިން މަސް ދުވަހުގެ މުއްދަތަށް ފޮނުވަ އެވެ. އެ ސެންޓަރުން ދޫކޮށްލުމުން ސައުތު ކޮރެއާ ސަރުކާރުން ހަތް މިލިއަން ވޮން (6،459 ޑޮލަރު) އަހަރެއްގެ ތެރޭ ފޯރުކޮށްދެ އެވެ. އޭގެ ފަހުން ގެދޮރާއި ތައުލީމާއި ވަޒީފާގެ ތަމްރީނު ދެ އެވެ. ފިލައިގެން އަންނަ ކޮންމެ މީހެއްގެ ސަލާމަތީ ކަންކަން ބަލަހައްޓަން ފުލުހުން ތިބެ އެވެ.