ޚިދުމަތް ކުރާނީ ރައްޔިތުންގެ ރައީސެއްގެ ގޮތުގައި: ނަންގަގްވާ
ޚިދުމަތް ކުރާނީ ރައްޔިތުންގެ ރައީސެއްގެ ގޮތުގައި: ނަންގަގްވާ

ހަރާރޭ (ނޮވެމްބަރު 24) - ޚިދުމަތް ކުރައްވާނީ ޒިމްބާބުވޭގެ ހުރިހާ ރައްޔިތުންގެ ވެރިއެއްގެ ގޮތުގައި ކަމަށް އެ ގައުމުގެ ރައީސްކަމުގެ ހުވާ މިއަދު ކުރެއްވި އެމާސަން ނަންގަގްވާ ވިދާޅުވެއްޖެ އެވެ.

ހުވާ ކުރުމަށް ފަހު މީހުން ފުރިބާރުވެފައި އޮތް ގައުމީ ސްޓޭޑިއަމްގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް ރޮބަޓް މުގާބޭގެ ވެރިކަމުގައި ނައިބް ރައީސްކަމުން ދުރުކުރި ނަންގަގްވާ ވިދާޅުވީ ހަމުގެ ކުލައަކަށް، ދީނަކަށް، ނަސްލަކަށް، ގަބީލާއަކަށް، ސިޔާސީ ފިކުރަކަށް ނުބަލާ އޭނާ ވެރިކަން ކޮށްދޭނީ ހަމަހަމަކޮށް ކަމަށެވެ. ނަންގަގްވާގެ ތަގްރީރުގައި ވަނީ މުގާބޭ އަށް ވެސް ތައުރީފް ކުރައްވައިފަ އެވެ. މަގާމުން ދުރުކުރި ނަމަވެސް މުގާބޭ އާއި އަނބިކަނބަލުން ގްރޭސް އަށް ނުރުހުމުގެ ބަހެއް ވިދާޅެއް ނުވެ އެވެ.

އާ ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތަށް މުގާބޭ ވަޑައެއް ނުގަންނަވަ އެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ ކުރީގެ ރައީސް އަށް އަރާމު ބޭނުންވާތީ އެވެ.

މުގާބޭ އިސްތިއުފާ ދެއްވި ނަމަވެސް އެއީ ސިފައިން މަޖްބޫރުކޮށްގެން ދިން އިސްތިއުފާ އެކެވެ. ސިފައިންގެ ތަރުޖަމަނާކު އިއްޔެ ބުނި ގޮތުގައި މުގާބޭ އާއި އަނބިކަލުން ގްރޭސް އަށް ވަނީ ހިމާޔަތްދީ އެ ދެމަފިރިންގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފަ އެވެ. މުގާބޭގެ މައްޗަށް ވަނީ ގަތުލްއާއްމު ހިންގުމާއި ކޮރަޕްޝަނުގެ ތުހުމަތުކޮށްފަ އެވެ.

ނައިބް ރައީސްގެ މަގާމުން ނަންގަގްވާ ދުރުކުރީ މުގާބޭގެ އަނބިކަނބަލުން ވެރިކަމަށް ގެންނަން މަގު ފަހި ކުރުމަށެވެ. މަގާމުން ދުރުކުރުމާ އެކު ނަންގަގްވާ ވަނީ ސައުތު އެފްރިކާ އަށް ވަޑައިގެންފަ އެވެ. އޭނާ އެނބުރި ގައުމަށް ވަޑައިގެންނެވީ ވެރިކަމާ ހަވާލުވުމަށެވެ. ނައިބް ރައީސް ވަކިކުރުމާ ގުޅިގެން ސިފައިން ނުކުމެ ވަނީ މުގާބޭ ގޭ ބަންދުކޮށްފަ އެވެ. އަދި ޕާޓީގެ ލީޑަރުކަމުން ވެސް ވަނީ ދުރުކޮށްފަ އެވެ. މުގާބޭ އިސްތިއުފާ ދެއްވީ އޭނާ ވެރިކަމުން ދުރުކުރުމުގެ މަސައްކަތް ޕާލަމެންޓުގައި ކުރިއަށް ދަނިކޮށެވެ.