25 ނޮވެމްބަރ 2017 - 07:03

އޯޓިސްޓިކް ކުއްޖަކު ލިބެން މެދުވެރިވަނީ ކީއްވެގެންކަން ޔަގީންކަމާ އެކު ބުނެދެވޭ ވަރުގެ ހޯދުމެއް ނެތެވެ. މިއީ އެކަމާ ބެހޭ ގޮތުން ކުރަމުން އަންނަ ދިރާސާތަކުގެ ތެރެއިން އެއް ދިރާސާއެއްގައި ލަފާކުރާ ކަމެއްގެ ވާހަކަ އެވެ.
އޯޓިޒަމް ރީސާޗް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނަނީ އެއްފަހަރު ބަލިވެއިނުމަށް ފަހު އަލުން ބަލިވެއިނުމާ މެދު ހޭދަވާ މުއްދަތާ އޯޓިޒަމްއާ ގުޅުމެއް ހުރެދާނެ ކަމަށެވެ. އޭގައި ބުނަނީ ދަރިއަކު ހޯދުމަށް ފަހު އިތުރު ދަރިއެއް ހޯދުމަށް މާ ގިނަ ދުވަސް ހޭދަކުރުމުން ނުވަތަ މާ އަވަހަށް އަނެއްކާވެސް ދަރިއަކު ހޯދުމާ އޯޓިޒަމާ ކޮންމެވެސް ގުޅުމެއް ހުރެދާނެ ކަމަށެވެ.
މި މަހުގެ 22 ވަނަ ދުވަހު ޝާއިއުކޮށްފައިވާ ދިރާސާއިން އެނގިފައިވާ ގޮތުގައި އޯޓިޒަމް ސްޕްކްޓްރަމް ޑިސްއޯޑާ ހުރުމުގެ ފުރުސަތު، ވިހެއުމަށް ފަހު 18 މަސް ދުވަހަށް ވުރެ އަވަށް އަނެއްކާ ބަލިވެ އިނދެފި ނަމަ އިތުރުވެ އެވެ.
ހަމަ މިގޮތަށް، ދަރިއަކު ހޯދުމަށް ފަހު އިތުރު ދަރިއެއް ހޯދުމާ ދެމެދު ގމާ ދިގު މުއްދަތެއް ހޭދަ ނުކުރުމަށް ވެސް ދިރާސާގައި ބާރު އަޅަ އެވެ. އެގޮތުން ބަލިވެއިނުމުގެ ދޭތެރެ ދުރުމިން 60 މަސް ދުވަސް (ފަސް އަހަރު) އަށް ވުރެ ލަސް ނުކުރުމަށް ބުނެފައިވެ އެވެ.
ނަމަވެސް ދިރާސާގައި ބުނެފައި ވަނީ ބަލިވެ އިނުމުގެ ދޭތެރޭ ހުން ދުރުމިނާ އޯޓިޒަމްއާ ގުޅުމެއް ހުރި ކަމަށް ދެއްކި ނަމަވެސް މިއީ ކަނޑައެޅިގެން ބުނަން އެނގޭ ވަރަށް ވުރެ އޮޅުންބޮޅުން ބޮޑު މައްސަލައެއް ކަމަށެވެ.
މާ ގާތްގާތުގައި ބަލިވެ އިނުމަކީ ސިއްހީ ގޮތުން ނުރައްކާތައް އެކުލެވޭ ކަމެކެވެ. އެގޮތުން، ވިހެއުމަށް ފަހު ހަ މަސް ދުވަސް ނުވަނީސް އަނެއްކާ ބަލިވެއިނދެފި ނަމަ ދުވަސް ނުފުރާ ވިހެއުމާއި ވިހެއުމުގެ ތެރޭގައި މަރުވުމާއި ވިހެއުމުގެ ތެރޭގައި ދިމާވާ ސިއްހީ އެކި މައްސަލަތަކުގެ ފުރުސަތު އެތައް ގުނައަކަށް އިތުރުވާ ކަމަށް ސިއްހީ މާހިރުން އިންޒާރު ދެއްވަ އެވެ.
މީގެ އިތުރުން، ބަލިވެއިންތާ ހަ އަހަރު ފަހުން ބަލިވެ އިނދެފި ނަމަ ބައިގެންދިއުމާއި ވިހެއުމުގެ ތެރޭގައި މަރުވުމާއި މާބަޑުއިރު ދިމާވާ ހަކުރުބަލީގެ ނުރައްކާ ވެސް އިތުރުވެ އެވެ.
ސިޒޭރިއަން ހަދައިފި ނަމަ، އެންމެ އަވަހަށް ވެސް ދެން ބަލިވެ އިންނަން ވާނީ އެއް އަހަރު ފަހުން ކަމަށް ތަޖުރިބާކާރުން ލަފާ ދެއްވަ އެވެ.