ލޭ މައްޗަށް ދާތީ ބޭސް ކާ މީހުންނަށް މުހިންމު ހޯދުމެއް
ލޭ މައްޗަށް ދާތީ ބޭސް ކާ މީހުންނަށް މުހިންމު ހޯދުމެއް

ލޭމައްޗަށް ދިއުން ކޮންޓްރޯލް ކުރުމަށް ހާއްސަކޮށް ދޭ ޑޭޝް ޑައިޓާ އެކު ލޮނު މަދުކޮށްލުމުގެ ފައިދާ، ލޭމައްޗަށް ދިއުން ކޮންޓްރޯލް ކުރުމަށް ބޭސް ކެއުމާ އެއްވަރު ކަމަށް ޖާނަލް އޮފް ދަ އެމެރިކަން ކޮލެޖް އޮފް ކާޑިއޮލޮޖީގައި ޝާއިއުކޮށްފައިވާ އާ ދިރާސާއެއްގައި ބުނެފި އެވެ.

ޑޭޝް ޑައެޓަކީ މޭވާ އާއި ތަރުކާރީ އާއި ގޮވާމުގެ ބާވަތްތައް ވެސް ހިމެނޭ ގޮތަށް އަދި ލޯ ފެޓް ނުވަތަ ފެޓް ފްރީކޮށް މަސް، ބިސް އަދި ތޮޅި އާއި ނަޓްސް ފަދަ ތަކެތި ހިމެނޭ ކެއުމެވެ.

މި ދިރާސާ ކޮށްފައި ވަނީ ޑޭޝް ޑައެޓާއި ލޮނު މަދު ޑައެޓެއް އެއްކޮށް ދިނުމުން ކުރާ އަސަރު ދެނެގަތުމަށެވެ. ޕްރީހައިޕަޓެންޝަން ނުވަތަ ސްޓޭޖް 1 ހައިޕަޓެންޝަން ހުރި 412 މީހަކު މި ދިރާސާގައި ބައިވެރިކުރި އެވެ. މިއިން އެއްވެސް މީހަކީ ލޭމައްޗަށް ދާތީ ބޭސް ކާ މީހެއް ނޫނެވެ. އަދި އިންސިއުލިން ވެސް ބޭނުންކުރާ މީހުނެއް ނޫނެވެ. މީގެ އިތުރުން މިއީ ކުރިން ކޮލެސްޓްރޯލް ނުވަތަ ހަކުރު ބައްޔާ ގުޅުން ހުރިކަން ވެސް ކުރިން އެނގިފައި ނުވާ މީހުންނެވެ.

މީގެ ތެރެއިން އެއް ބަޔަކަށް 12 ހަފުތާ ވަންދެން ދިނީ ޑޭޓް ޑައެޓެވެ. އަދި ބައެއް މީހުންނަށް މި މުއްދަތުގައި ހަތަރު ހަފުތާ ވަންދެން ދުވާލަކު 50-150 އެމްއެމްއޯއެލް ލޮނު ދިނެވެ.

ހަތަރު ހަފުތާ ފަހުން ބެލި އިރު ސިސްޓޮލިކް ބްލަޑް ޕްރެޝަ 150 ނުވަތަ އެއަށް ވުރެ މަތީގައި ހުރެ ޑޭޝް ޑައެޓް ބޭނުންކުރި މީހުންގެ ލޭގެ ޕްރެޝަރު އެވްރެޖްކޮށް 11 މިލިމީޓަ އޮފް މާކިއުރީ ދަށްވި އެވެ. އެކަމަކު ހަމައެކަނި ޑޭޝް ޑައެޓްގައި ތިބި މީހުންގެ ދަށްވީ 4 މިލިމީޓަ އޮފް މާކިއުރީ އެވެ.

ދިރާސާގައި އިސްކޮށް ހުންނެވި ސްޓެފަން ޖުރެސްޗެކް ވިދާޅުވީ ލޭމައްޗަށް ދިއުން ކޮންޓްރޯލް ކުރުމަށް ކެއުމަށް ބަދަލު ގެނައުމަކީ ބޭސް ބޭނުންކުރުމާ އެއްވަރުގެ ނުވަތަ ފައިދާ މާބޮޑު ކަމެއްގެ ގޮތުގައި މި ދިރާސާއިން އެނގުނު ކަމަށެވެ.