06 ޖުލައި 2016 - 15:04

އއ. އުކުޅަސް ކައިރީގައި އޮންނަ މާތިލަ ކައިރި އަށް ފީނަން ގޮސް އުޅުނު ޒުވާނަކު މިއަދު މަރުވެއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާގެ މައުލޫމާތު ލިބުނީ މެންދުރުފަހު 1:00 ހާއިރު އެވެ. އުކުޅަހާ ދެ މޭލު ބޭރުގައި އޮންނަ މާތިލަ ކައިރި އަށް ފީނަން ގޮސް އުޅެނިކޮށް މަރުވީ، ފުލުހުން ބުނި ގޮތުގައި، އުކުޅަހު އިރުމަތީގެ، އަލީ ފިޒާލް، 28، އެވެ.
ފިޒާލް ފީނަން ދިޔައީ، އެނގިފައިވާ ގޮތުގައި، އިތުރު ހަ މީހަކާ އެކު އެވެ. އެ އެންމެން ވެސް ފުޅި އަޅައިގެން ފީނި ކަމަށް ވެ އެވެ.
އެނގިފައިވާ ގޮތުގައި ފިޒާލް ފެނުނީ މާތިލަ ކައިރިން، 43 މީޓަރު އަޑިންނެވެ. އާއްމުންގެ ބަޔަކު އޭނާ ކަނޑުއަޑިން ނެގިއިރު، ކުރަމަތި ރިސޯޓަށް ގެންދިޔައީ ފީނި ގުރޫޕުން މާތިލަ އަށް ދިޔަ ލޯންޗުގައި ކަމަށް ވެ އެވެ. އޭރު ވެސް ފިޒާލް އޮތީ، އެނގިފައިވާ ގޮތުގައި، މަރުވެފަ އެވެ.
"ރިސޯޓަށް ގެނައިރު ވެސް ފިޒާލްގެ ހަރަކާތް އޮތީ ހުއްޓިފައި. އަނގައިންނާއި ނޭފަތުން ވަރަށް ބޮޑަށް ލޭ ފައިބަމުން ދިޔަ،" ރިސޯޓުގައި ހުންނަވައި ފޯނުން ވާހަކަ ދައްކަވަމުން ރަސްދޫ ކައުންސިލްގެ ރައީސް އަބްދުލް ޖަލީލް މޫސާ ވިދާޅުވި އެވެ.
އުކުޅަސް ކައިރި އަށް ފީނަން ގޮސް އުޅުނު ދިވެއްސަކު މަރުވިއިރު، ހަމަ އެ އަތޮޅުގައި އޮންނަ ނިކަ އައިލެންޑް ރިސޯޓު ކައިރި އަށް ސްނޯކްލިން އަށް ގޮސް އުޅުނު ފްރާންސްގެ ފަތުރުވެރިޔަކު ވެސް މިއަދު ވަނީ މަރުވެފަ އެވެ.