އެއްޗެއް ގޮވި ޚަބަރާ އެކު ސަަބްމެރިން އިން މީހުން ސަލާމަތް ކުރެވިދާނެ ކަމުގެ އުއްމީދު ކުޑަވަނީ
އެއްޗެއް ގޮވި ޚަބަރާ އެކު ސަަބްމެރިން އިން މީހުން ސަލާމަތް ކުރެވިދާނެ ކަމުގެ އުއްމީދު ކުޑަވަނީ

ބިއުނަސް އޭރީޒް (ނޮވެމްބަރު 24) - ސައުތު އެޓްލާންޓިކް ކަނޑަށް މިދިޔަ ހަފުތާގެ ބުދަ ދުވަހު ސަބްމެރިން ގެއްލުނު ހިސާބުން ބާރު އެއްޗެއް ގޮވި ޚަބަރު ލިބުމާ އެކު އާޖެންޓީނާގެ ސަބްމެރިންގައި ތިބި 44 ފަޅުވެރިން ސަލާމަތް ކުރެވިދާނެކަމުގެ އުއްމީދު ކުޑަވަމުންދާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ސަބްމެރިން ގެއްލުނު ހިސާބުން ބާރު އަޑެއް ރެކޯޑްކުރެވިފައިވާ ކަމަށް އެމެރިކާ އިން ވެސް ވަނީ ބުނެފަ އެވެ. މި ޚަބަރާ އެކު ސަބްމެރިންގެ ފަޅުވެރިންގެ ގާތްތިމާގެ މީހުންނަށް ވަނީ އިތުރު ހިތްދަތިކަމެއް ލިބިފަ އެވެ.

ވިއެނާގައި ހުންނަ ކޮމްޕްރެހެންސިވް ނިއުކްލިއާ-ޓެސްޓް-ބޭން ޓްރީޓީ އޮގަނައިޒޭޝަން (ސީޓީބީޓީއޯ) އިން ބުނީ ކަނޑު އަޑިން އެއްޗެއް ގޮވި އަޑުގެ ސިގްނަލް ހައިޑްރޯ-އެކޮސްޓިކް ސްޓޭޝަންތަކަށް ލިބިފައިވާ ކަމަށެވެ.

އާޖެންޓީނާ ކަނޑުގެ ސިފައިންގެ ތަރުޖަމާން ކެޕްޓަން އެންރީކް ބަލްބީ ވިދާޅުވީ އެއްޗެއް ގޮވި އަޑު އިވިފައި ވަނީ ސަބްމެރިންނާ އެންމެ ފަހުން މުވާސަލާތު ކުރި ހިސާބުން ކަމަށެވެ. އަދި ކަނޑުގެ ސިފައިންނަށް އެނގެނީ އެއްޗެއް ގޮވި ސަރަހައްދު ކަމަށާއި ގޮވި އެއްޗަކާ ބެހޭ މައުލޫމާތު ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. ސަބްމެރިން ސަލާމަތުން އޮތް ނަމަވެސް އޭގެ އޮކްސިޖަން ލެވެލް ހުންނާނެ މިންވަރާ މެދު ވެސް މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

ސަބްމެރިން ހޯދުމުގެ މަސައްކަތުގައި ރަޝިޔާ، އެމެރިކާ، ބްރެޒިލް، ޗިލީ، ކޮލަމްބިއާ، ފްރާންްސް، ޖަރުމަން، ޕެރޫ، ސައުތު އެފްރިކާ، އުރުގުއާއީ އަދި އިނގިރޭސި ވިލާތުން ވަނީ ބައިވެރިވެފަ އެވެ.

ސެން ހުއާން ސަބްމެރިން ގެއްލިފައި ވަނީ މެކޭނިކަލް މައްސަލައެއް ރިޕޯޓްކުރި ފަހުންނެވެ. ކެޕްޓަން ބަލްބީ ވިދާޅުވީ މެކޭނިކަލް މައްސަލަ ދިމާވި ފަހުން ވެސް ސަބްމެރިން އިން މެސެޖް ފޮނުވާފައިވާ ކަމަށާއި އެ މެސެޖުގައިވާ ގޮތުން ދިމާވި މަައްސަލަ ވަނީ ހައްލު ކޮށްފަ އެވެ. ސަބްމެރިންނާ އެންމެ ފަހުން ގުޅިފައި ވަނީ މިިދޔަ ހަފުތާގެ ބުދަ ދުވަހު ހެނދުނު އެވެ.

ސަބްމެރިންގައި ތިބި 44 ފަޅުވެރިންގެ ތެރޭން އެކަކު ފިޔަވައި ދެން މުޅިން ވެސް ތިބީ ފިރިހެނުންނެވެ. ސަބްމެރިންގައި ހުރި ހަމައެކަނި އަންހެނަކީ 35 އަހަރުގެ އޮފިސަރު އެލިއާނާ މާރިއާ ކްރޯޒީކް އެވެ. ކަނޑުމަތީގައި އުޅޭލެއް ގިނަ ކަމުން އޭނާ މަޝްހޫރުވެފައި ވެސް ވަނީ "ކަނޑުގެ ރާނީގެ" ގޮތުގަ އެވެ.