24 ނޮވެމްބަރ 2017 - 11:41

ކޮލަރާޑޯ (ނޮވެމްބަރު 24) - ކުޑަކުދިންނާއި އަންހެނުން ވަގަށް ނަގާ ޖިންސީ ވިޔަފާރި ކުރަމުން ދިޔަ އެމެރިކާގެ ކޮލަރާޑޯގެ 31 އަހަރުގެ މީހަކަށް 472 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
މިއީ ހިއުމަން ޓްރެފިކިންގެ މައްސަލައެއްގައި އެމެރިކާގެ ތާރީޚުގައި ވެސް އިއްވި އެންމެ ދިގު މުއްދަތުގެ ޖަލު ހުކުމެވެ. ބްރޮކް ފްރޭންކްލިން ނަމަކަށް ކިޔާ މީހާގެ މައްޗަށް ވަނީ 30 ދައުވާއެއް އުފުލައިފަ އެވެ. އޭގެ ތެރޭގައި އިންސާނުން ވަގަށް ނެގުމާއި ކުޑަ ކުދިންނާއި ޒުވާން އަންހެން ކުދިން ވަގަށް ނަގައިގެން ހަށިވިއްކުމުގެ ވިޔަފާރީގައި ބޭނުން ކުރުން ހިމެނެ އެވެ.
ޕްރޮސެކިއުޓަރުން ބުނި ގޮތުގައި ފްރޭންކްލިން ވަނީ ޑްރަގު ދީގެން ޒުވާން ކުދިން ކޮންޓްރޯލްކޮށް، ފަހުން އެ ކުދިން ހަށިވިއްކުމަށް ބޭނުންކޮށްފަ އެވެ.
"400 އަހަރުގެ ދިގު ޖަލު ހުކުމަކީ އަންހެނުންނަށް ދޭ މި ބާވަތުގެ އަނިޔާތަކާ މެދު އަޅާނުލާ ނުތިބޭނެ ކަމުގެ ވަރުގަދަ މެސެޖެއް،" ކޮލަރާޑޯ އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފައިވެ އެވެ.
ފްރޭންކްލިންގެ ދިފާއީ ޓީމުން ދިޔައީ އެންމެ ކުޑަ ހުކުމް ކަމަށްވާ 96 އަހަރަށް ޖަލަށްލާން އެދެމުންނެވެ. ނަމަވެސް ޕްރޮސެކިއުޓަރުން ވަނީ އަދަބު ބޮޑު ކުރުމަށް ވަކާލާތު ކޮށްފަ އެވެ.