24 ނޮވެމްބަރ 2017 - 11:35

ރިޔާޒް (ނޮވެމްބަރު 24) - ސައުދީ އަރަބިއާގެ މައްކާ އާއި މަދީނާ އަށް ކޮންމެ އަހަރަކު އެތައް މިލިއަން ބަޔަކު ދަތުރު ކުރި ނަމަވެސް ފުރަތަމަ ފަހަރަށް ޓޫރިސްޓް ވިސާ ދޫކުރަން ނިންމައިފި އެވެ.
ސައުދީ ޓޫރިޒަމް އަދި ނޭޝަނަލް ހެރިޓޭޖް ކޮމިޝަނުގެ ވެރިޔާ ޕްރިންސް ސުލްތާން ބިން ސަލްމާން ވިދާޅުވީ އަންނަ އަހަރުން ފެށިގެން ޓޫރިސްޓް ވިސާ ދޫކުރުމުގެ ބޭނުމަކީ ކޮންވެންޝަނަލް ޓޫރިޒަމްގެ ތެރޭން ސައުދީގައި ހުރި ޚާއްސަ ކަންކަން ތަޖްރިބާކޮށްލުން ކަމަށެވެ. ސައުދީން މީގެ ކުރިން ވިސާ ދޫކުރަނީ އެ ގައުމުގައި މަސައްކަތް ކުރުމަށާއި އަޅުކަމަށްދާ މީހުންނަށެވެ.
ތެލަށް ބަރޯސާވުން ކުޑަކުރަން ސައުދީން އެކުލަވާލި ވިޝަން 2030 ގެ މައިގަނޑު އަމާޒަކީ ވެސް ޓޫރިޒަމެވެ. އެ ގައުމުން އަމާޒު ހިފާފައި ވަނީ އަހަރަކު މިހާރު ޒިޔާރަތްކުރާ 18 މިލިއަންގެ ބަދަލުގައި 2030 ވަނަ އަހަރާ ހަމައަށް ދާއިރު 30 މިލިއަން މީހުން ގެންދިއުމެވެ. އަދި ޓޫރިޒަމުން ލިބޭ އާމްދަނީ 2020 ވަނަ އަހަރު 47 ބިލިއަން ޑޮލަރަށް މައްޗަށް ޖައްސަން ވެސް ވަނީ ނިންމައިފަ އެވެ.
މި އަމާޒުތަކަށް ވާސިލްވުމަށްޓަކައި ސައުދީން ވަނީ ރަތް ކަނޑުގެ އައްސޭރީގައި 50 ރިސޯޓް ހެދުމުގެ މަޝްރޫއެއް އިއުލާންކޮށްފަ އެވެ. ރަތް ކަނޑުގެ ރިސޯޓް މަޝްރޫ އަށް މިހާރު ވެސް ވަނީ ބިލިއަނަރު ރިޗަޑް ބްރެންސަން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ސައުދީން އަލަށް ހަދާ ރިސޯޓްތަކުގެ އަމަލީ މަސައްކަތް 2019 ވަނަ އަހަރު ފަށަން ވަނީ ނިންމައިފަ އެވެ. ފުރަތަމަ ފިޔަވަހި 2022 ވަނަ އަހަރު ނިންމަން ވަނީ ޕްލޭންކޮށްފަ އެވެ. މި ފިޔަވަހީގައި އެއާޕޯޓާއި ލަގްޒަރީ ހޮޓާތަކާއި ހައުސިން މަޝްރޫއެއް ވެސް ހިމެނެ އެވެ.
މީގެ އިތުރުން ސައުދީން ވަނީ ވިޔަފާރި ޒޯނެއް ހިމެނޭ ގޮތަށް 500 ބިލިއަން ޑޮލަރުގެ މެގަ ސިޓީއެއް ހެދުމުގެ ޕްލޭނެއް ވެސް މިދިޔަ މަހު އާއްމުކޮށްފަ އެވެ. ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެފައި ވަނީ 26،500 އަކަ ކިލޯ މީޓަރުގެ "ނިއޯމް" ޒޯން ތަރައްގީ ކުރާނީ މިސްރާއި ޖޯޑަންއާވީ ފަޅިން ގައުމުގެ ހުޅަނގު އުތުރުގައި ކަމަށެވެ. މެގަ ސިޓީ ތައްޔާރު ކުރާނީ ނުވަ ސެކްޓަރަކަށް އަމާޒުކޮށްގެންނެވެ. އޭގެ ތެރޭގައި ފުޑް ޓެކްނޮލޮޖީ އާއި ހަކަތަ އަދި ފެން ހިމެނެ އެވެ.