24 ނޮވެމްބަރ 2017 - 11:30

ހަރާރޭ (ނޮވެމްބަރު 24) - ޒިމްބާބުވޭގެ އާ ރައީސް ހުވާ ކުރަން މިއަދު ތައްޔާރުވާ އިރު ވެރިކަމުން އިސްތިއުފާ ދެއްވި ރޮބަޓް މުގާބޭ ހުންނެވި ތަނަކާ ބެހޭ ގޮތުން ބައެއް މީހުން ދަނީ ސުވާލު އުފައްދަމުންނެވެ. އުމުރުން 93 އަހަރުގެ މުގާބޭ އިސްތިއުފާ ދެއްވީ ވެރިކަމުގައި ދެމިހުންނެވުމަށް ކުރެއްވި ހުރިހާ މަސައްކަތެއް ނާކާމިޔާބުވެ ގޮތް ހުސްވުމުންނެވެ.
ތިރީސް ހަތް އަހަރުގެ ދިގު ވެރިކަން ދޫކޮށްލި ފަހުން ވެސް މުގާބޭ ހުންނެވީ ވެރިރަށް ހަރާރޭގަ އެވެ. ނަމަވެސް މުގާބޭ ހުންނެވީ ކޮން ޝަރުތުތަކަކާ އެކު ކަމެއް ސިފައިން ހާމައެއް ނުކުރެ އެވެ. އެކަމަކު ސިފައިންގެ ތަރުޖަމާނަކު ސީއެންއެން އަށް އިއްޔެ ބުނެފައި ވަނީ މުގާބޭ އާއި ކުރީގެ ފަސްޓް ލޭޑީ ގްރޭސް މުގާބޭ އަށް ހިމާޔަތް ދޭނެ ކަމަށާއި އެ ދެމަފިރިންގެ މައްޗަށް ދައުވާ ނުކުރާނެ ކަމަށެވެ.
މުގާބޭގެ ދިގު ވެރިކަމުގައި އެތައް ޖަރީމާއެއްގެ ތުހުމަތު އޭނާގެ މައްޗަށް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި އިިދިކޮޅު ފަރާތްތަކުގެ ބާރު އޮންނަ ހިސާބުތަކުގައި 1980 ގެ އަހަރުތަކުގައި ގަތުލްއާއްމެއް ހިންގަން އެންގުން ހިމެނެ އެވެ. އެ ޖަރީމާގައި 20،000 މީހުން މަރާލި ކަމަށްވެ އެވެ. މުގާބޭގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ އެތައް ތުހުމަތެއް ވެސް ކޮށްފަ އެވެ. ގައުމުގެ އިގްތިސާދީ ހާލަތު އިންތިހާ އަށް ދަށަށް ދިޔައިރު މުގާބޭ އާއި އަނބިކަނބަލުން އުޅުއްވާފައި ވަނީ މުއްސަނދި ދިރިއުޅުމެކެވެ.
މުގާބޭ އިސްތިއުފާ ދެއްވުމުގެ ކުރިން ސިފައިން އޭނާއާ އެކު އެތައް މަޝްވަރާތަކެއް ކުރި ކަމަށް ބައެއް އޮފިޝަލުން ބުނެ އެވެ. އޭގެ ތެރޭގައި މުގާބޭ އަށް ދައުވާ ނުކުރުމުގެ އިތުރުން އޭނާގެ އަގު ބޮޑު ގެދޮރާއި މުދާތައް ސަރުކާރަށް ނުނެގުން ހިމެނެ އެވެ.
ސޯޝަލް މީޑިއާގައި ދާދި ފަހުން ދައުރުވި ފޮޓޯއެއްގައި، މުގާބޭ އިސްތިއުފާ ދެއްވި ފަހުން އަނބިކަނބަލުންނާ އެކު ސޯފާއެއްގައި އިންނެވި އިރު އެޑްވައިޒަރުން ފަހަތުގައި ތިބި މަންޒަރު ފެނެ އެވެ. ކެމެރާ އަށް ގްރޭސް ބަލަހައްޓައިގެން އިންނެވި އިރު މުގާބޭ އިންނެވީ ތާއްޔާ ޖެހިފަ އެވެ.
މުގާބޭ އަށް ފަހު މިއަދު ވެރިކަމަށް ވަޑައިގަންނަވަނީ މުގާބޭ މަގާމުން ދުރުކުރި ނައިބް ރައީސް ނަންގަގްވާ އެވެ. އޭނާގެ މަގާމު ގެއްލުވާމީ އަނބިކަނބަލުން ގްރޭސް އަށް ވެރިކަމުގެ ދޮރުތައް ހުޅުވައި ދިނުމަށެވެ. ޒިމްބާބުވޭގެ ޖަސްޓިސް މިނިސްޓަރު ކަމާއި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ނަންގަގްވާ ދުރުކުރުމަކީ ސިފައިންނަށް ބަލައިގަނެވުނު ކަމެއް ނޫނެވެ. އެހެންވެ ސިފައިން ނުކުމެ މުގާބޭ ގޭ ބަންދުކުރުމަށް ފަހު، އެންމެ ފަހުން މުގާބޭ އަށް ވެސް ވެރިކަން ދޫކޮށްލަން ޖެހުނީ އެވެ.
ގްރޭސް ވިދާޅުވެފައިވާ ގޮތުގައި ނަންގަގްވާ އުޅުއްވީ ބަޣާވާތްކޮށް މުގާބޭގެ ވެރިކަން ވައްޓާލުމަށެވެ. އަދި ގްރޭސް ވިދާޅުވެފައި ވަނީ ނަންގަގްވާ އަކީ ގޮތް ނޭނގޭ ހަރުފަ އެވެ. ނޭނގި ހުއްޓާ ފަހަތުން އައިސް ދައިގެންފާނެ ކަމަށެވެ. އެހެންވެ ނަންގަގްވާގެ ވެރިކަމުގައި މުގާބޭ އާއި ގްރޭސް އަށް އަޅުއްވާނެ ފިޔަވަޅެއް އަދި ނޭނގެ އެވެ.