23 ނޮވެމްބަރ 2017 - 19:58

ރިޔާޒް (ނޮވެމްބަރު 23) - ސައުދީ އަރަބިއާގެ ވެރިރަށް ރިޔާޒުގެ ސްކޫލެއްގެ ކުރިމަތީގައި ހިންގި ތަޅާފޮޅުމެއްގައި ހައްޔަރު ކުރި ފަސް މީހުންގެ ތެރޭގައި ޕްރިންސެއް ހިމެނޭ ކަމަށް ފުލުހުން ބުނެފި އެވެ.
ހައްޔަރު ކުރި މީހުންގެ ތެރޭން ހަތަރު މީހުންނަކީ ސައުދީ މީހުންނެވެ. ދެން ހުރީ ސޫދާން މީހެކެވެ. މިއީ ދެ ގްރޫޕެއްގެ މެދުގައި ކުރިން ޖެހުނު މައްސަލައަކާ ގުޅިގެން ހިންގި ތަޅާފޮޅުމެއް ކަމަށް ރިޔާޒް ސަރަހައްދުގެ ފުލުހުންގެ ތަރުޖަމާން ކާނަލް ފަވާޒް އަލް މައިމަން ވިދާޅުވި އެވެ. މި ހަމަނުޖެހުމުގެ ތެރޭގައި ވަނީ ޕްރިންސާ އެކު ހުރި މީހާ ބިރު ދެއްކުމުގެ ގޮތުން މެޝިން ބަޑިއެއް ބޭނުން ކޮށްފަ އެވެ. ފުލުހުން ބުނީ އެ ބަޑި މިހާރު އަތުލާފައިވާ ކަމަށެވެ.
ސައުދީ ފުލުހުން މިހާރު ދަނީ މި ހަމަނުޖެހުމާ ގުޅުން ހުރި އެހެން މީސް މީހުން ވެސް ހޯދަމުންނެވެ. އަލް މައިމަން ވިދާޅުވީ މި ހަމަނުޖެހުމާ ބެހޭ މައުލޫމާތު ރިޔާޒް ސަރަހައްދުގެ އެޓާނީ ޖެނެރަލްގެ އޮފީހަށް އަންގާފައިވާ ކަމަށެވެ.