މުގާބޭ އަށް ހިމާޔަތްދީ ދައުވާ ނުކުރަން ނިންމައިފި
މުގާބޭ އަށް ހިމާޔަތްދީ ދައުވާ ނުކުރަން ނިންމައިފި

ހަރާރޭ (ނޮވެމްބަރު 23) - އެހެން އެއްވެސް ގޮތެއް ނެތިގެން ޒިމްބާބުވޭގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވި ރޮބަޓް މުގާބޭ އާއި އަނބިކަނބަލުން ގްރޭސް އަށް ހިމާޔަތްދީ، އެ ދެމަފިރިންގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށް ސިފައިން މިއަދު ބުނެފި އެވެ.

ޒިމްބާބުވޭގެ ޑިފެންސް ފޯސްގެ ތަރުޖަމާން ކާނަލް އޮވަސަން މުގްވިސީ ސީއެންއެން އަށް ވިދާޅުވީ މުގާބޭއާ އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި އެ އެއްބަސްވުމުގެ ދަށުން މުގާބޭ އަށް ރައްކާތެރިކަން ދިނުމާއި އޭނާ އާއި އަނބިކަނބަލުންނަށް ދައުވާ ނުކުރުން ހިމެނޭ ކަމަށެވެ. އެހެންވެ މުގާބޭ ގައުމު ދޫކުރައްވާ ވަޑައިގަންނަވަން ޖެހޭ ހާލަތެއް ނާންނާނެ ކަމަށް ސިފައިން ބުނެފައިވެ އެވެ.

އުމުރުން 93 އަހަރުގެ މުގާބޭގެ ވެރިކަން އަންގާރަ ދުވަހު ނިމުމަކަށް އައީ އޭނާ މަގާމުން ދުރުކުރުމުގެ މަސައްކަތް ޕާލަމެންޓުގައި ކުރިއަށް ދަނިކޮށް ފޮނުވި އިސްތިއުފާގެ ސިޓީންނެވެ.

މުގާބޭ 37 އަހަރުގެ ޚުދުމުޚްތާރު ވެރިކަމުގައި އެތައް ޖަރީމާއެއްގެ ތުހުމަތު އޭނާގެ މައްޗަށް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި އިިދިކޮޅު ފަރާތްތަކުގެ ބާރު އޮންނަ ހިސާބުތަކުގައި 1980 ގެ އަހަރުތަކުގައި ގަތުލްއާއްމެއް ހިންގަން އެންގުން ހިމެނެ އެވެ. އެ ޖަރީމާގައި 20،000 މީހުން މަރާލި ކަމަށްވެ އެވެ. މުގާބޭގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ އެތައް ތުހުމަތެއް ވެސް ކޮށްފަ އެވެ. ގައުމުގެ އިގްތިސާދީ ހާލަތު އިންތިހާ އަށް ދަށަށް ދިޔައިރު މުގާބޭ އާއި އަނބިކަނބަލުން އުޅުއްވާފައި ވަނީ މުއްސަނދި ދިރިއުޅުމެކެވެ.

އަނބިކަނބަލުން ގްރޭސް އަށް ވެރިކަމުގެ މަގުތައް ހުޅުވައިދިނުމުގެ ގޮތުން ނައިބް ރައީސްގެ މަގާމުން އެމާސަން ނަންގަގްވާ ވަކިކުރުން އެންމެ ފަހުން ވެގެން ދިޔައީ މުގާބޭގެ ވެރިކަމުގެ ނިމުމަށެވެ. ސިފައިން ނުކުމެ މުގާބޭ ގޭބަންދު ކުރަން ޖެހުނީ އަނބިކަނބަލުންގެ ހައްގުގައި ގައުމުގެ މިނިވަންކަމުގެ ބަތަލަކު އެއް ފަރާތް ކުރުމުންނެވެ.

މުގާބޭ އިސްތިއުފާ ދެއްވުމުގެ ކުރިން ސިފައިން އޭނާއާ އެކު އެތައް މަޝްވަރާތަކެއް ކުރި ކަމަށް ބައެއް އޮފިޝަލުން ބުނެ އެވެ. އޭގެ ތެރޭގައި މުގާބޭ އަށް ދައުވާ ނުކުރުމުގެ އިތުރުން އޭނާގެ އަގު ބޮޑު ގެދޮރާއި މުދާތައް ސަރުކާރަށް ނުނެގުން ހިމެނެ އެވެ.

މުގާބޭ އަށް ފަހު ޒިމްބާބުވޭގެ ރައީސްކަމުގެ ހުވާ މާދަމާ ކުރެއްވުމަށް ހަމަޖެހިފައި ވަނީ ނަންގަގްވާ އެވެ.