ބްރިޖަށް ކިޔާ ދިވެހި ދެ ނަން: "ބުރިޖު"، "ދާލަން"
ބްރިޖަށް ކިޔާ ދިވެހި ދެ ނަން: "ބުރިޖު"، "ދާލަން"

ބްރިޖަށް ދިވެހިން ކިޔާނެ ދެ ނަމެއްގެ ގޮތުގައި "ބުރިޖު" އާއި "ދާލަން"، ކަނޑައަޅައި އެކަން ދިވެހި ބަހުގެ އެކަޑަމީން މިއަދު އިއުލާންކޮށްފި އެވެ.

ދިވެހިން ބަހުން ލިޔާއިރު "ބްރިޖް"ގެ ބަދަލުގައި ދިވެހި ބަހުގެ އެކަޑަމީން އެ ނަން ދިވެހިކޮށްލީ ބ އަދި ޖ، ގައި އުބުފިލި ޖަހައިގެން "ބުރިޖު" މި ގޮތަށެވެ.

އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ ބްރިޖަށް ކިޔާނެ ސީދާ ދިވެހި ނަމެއްގެ ގޮތުގައި "ބުރިޖު" އާއި "ދާލަން" ހަމަޖެއްސީ އެކި ގޮތްގޮތަށް ވިސްނާފައި އެންމެ ގުޅޭ ގޮތަށް ކަމަށެވެ. އެހެންވެ، އާއްމުކޮށް ވާހަކަ ދައްކާއިރު ވެސް ބްރިޖްގެ ބަދަލުގައި ދިވެހި އެ ދެ ލަފުޒު ބޭނުންކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ، އެއްގޮތަކަށް ވެސް މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖަށް ކިޔާ ނަމެއް ނޫން. ބުރިޖު ނުވަތަ ދާލަން އެއީ، އިނގިރޭސި ބަހެއް ކަމަށްވާ ބްރިޖްގެ ދިވެހި ދެ ލަފުޒު،" އޭނާ ވިދާޅުވި އެވެ.

މި ބަސް ބޭނުންކުރާނެ ގޮތުގެ މިސާލެއް ވެސް އަޝްރަފް ވަނީ އޭނާގެ ފޭސްބުކް މެދުވެރިކޮށް ވިދާޅުވެ ދެއްވައިފަ އެވެ. އެގޮތުން، "މާދަމާ ހުޅުލެ އަށް ދާނީ ދާލަމުން ނުވަތަ މާދަމާ ހުޅުލެ އަށް ދާނީ ބުރިޖުން" އޭނާ ވިދާޅުވެފައިވެ އެވެ.

ބްރިޖުގެ ދިވެހި ނަމުގެ ގޮތުގައި ދާލަން ކަނޑައެޅިއިރު، ޖެޓީ ފަދަ އެއް ތަނުން އަނެއް ތަނަށް ދާން ހަދާފައި ހުންނަ ތަންތަނަށް ދިވެހި ނަމެއްގެ ގޮތުގައި ފާލަން ބޭނުންކުރެ އެވެ.

"ފާލަމާ ގުޅޭ ގޮތަށް ދާލަން މިއައީ. ފާލަން ކިޔައި އުޅެނީ ވަކި ކަހަލަ ތަންތަނަށް. މިސާލަކަށް އެއް ތަނުން އަނެއް ތަނަށް ދާއިރު، ނުގުޅި އޮންނަ ތަނަކަށް ކިޔާފާނެ ފާލަން،" އަޝްރަފް ވިދާޅުވި އެވެ.

"ބުރިޖު މި އޮންނަނީ ގުޅިފައި ވަކި ކަހަލަ ގޮތަކަށް. އެހެންވެ ބްރިޖަށް ހާއްސަކޮށް ވަކި ނަންތަކެއް އޮތުމަކީ ދިވެހި ބަހަށް ވެސް ލިބޭނެ އިތުރު މުއްސަނދި ކަމަކަށް ވާތީވެ މި ދެ ލަފުޒު މި ކަނޑައަޅަނީ."

ބުރިޖަށް ކިޔާނެ ދެ ބަހެއް ކަނޑައެޅިިއިރު، ހުޅުލެ އާއި މާލެއާ ދެމެދު އަޅާ "ޗައިނާ- މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" އަށް ކިޔާނެ ދިވެހި ނަމެއް ހުށަހަޅަން ދިވެހި ބަހުގެ އެކަޑަމީން ވަނީ ހުޅުވާލައިފަ އެވެ. އެކަމަކު އެ ބްރިޖަށް ކަނޑައެޅި ދިވެހި ނަމެއް އަދި އިއުލާނެއް ނުކުރެ އެވެ.