23 ނޮވެމްބަރ 2017 - 18:31

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ދިހަ މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑުރަގް އެންފޯސްމަންޓްގެ ހެޑް ސްޕުރިޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީ ވިދާޅުވީ ހުޅުމާލެއިން 44 އަހަރުގެ ދިވެހި ފިރިހެނަކާއި 32 އަހަރުގެ ބަންގުލަދޭޝް ފިރިހެނަކު ހައްޔަރުކޮށް ހިންގި އޮޕަރޭޝަންގައި ހަތް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަތް ކަމަށެވެ.

އެމީހުން މަސައްކަތް ކުރާ ގުދަނެއް ބަލައި ފާސްކުރުމުގެ ތެރޭގައި ފެނުނު އެ މަސްތުވާތަކެތީގެ ތެރޭގައި 5.2 ކިލޯ ހަޝިޝް އޮއިލް އާއި 503 ގުރާމްގެ ހެރޮއިންނާއި 2.1 ކުރިސްޓަލްމެޓް ހިމެނެ އެވެ.
މޫސަ ވިދާޅުވީ އެއީ މިހާތަނަށް ހިންގި އޮޕަރޭޝަންއެއްގައި ކުރިސްޓަލްމެޓް އެންމެ ގިނައިން އަތުލައިގަނެވުނު ފަހަރު ކަމަށެވެ.
ހައްޔަރުކުރި 44 އަހަރުގެ ދިވެހި ފިރިހެން މީހާއަކީ މީގެ ކުރިން ވެސް މަސްތުވާތަކެތީގެ މައްސަލައެއްގެ ކުށް ސާބިތުވެ ޕެރޯލްގެ ދަށުން ދޫކޮށްފައިވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު އޭނާއާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ނުދެ އެވެ.
ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ވަނީ ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފަ އެވެ.