24 ނޮވެމްބަރ 2017 - 09:26

ބާސެލޯނާ (ނޮވެމްބަރު 24) - އާސެނަލަށް ކުޅޭ ޖަރުމަނުގެ ޕްލޭމޭކަރު މެސުޓް އޮޒިލް އަށް ބިޑް ކުރުމަށް ބާސެލޯނާގެ ކޯޗުންނާއި ބޯޑު މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މި ސީޒަނަށް ފަހު އުމުރުން 29 އަހަރުގެ އޮޒިލް އާސެނަލާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާއިރު، އޭނާ އެ ޓީމާ އެކު ކޮންޓްރެކްޓް އާ ކުރަން ބޭނުންނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އޮޒިލް ހޯދަން ބާސެލޯނާ އާއި މެންޗެސްޓާ ޔުނައިޓެޑުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާ ބޯޑުން ވަނީ އޮޒިލްގެ އޭޖެންޓާ މަޝްވަރާތަކެއް ބާއްވައިފަ އެވެ. އަދި 20 މިލިއަން ޔޫރޯ ހުށަހަޅަން ބާސެލޯނާ އިން ވަނީ ނިންމައިފަ އެވެ. އާސެނަލާ އެކު އޮޒިލް ކޮންޓްރެކްޓް އާ ނުކުރާނަމަ ޖެނުއަރީ މަހު އެ ކްލަބުން އޭނާ ވިއްކާލާނެ ކަމަށް ބެލެވެ އެވެ. އެއީ ސީޒަން ނިންމާފައި އޭނާ ހިލޭ އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު އޮތުމުންނެވެ. އަދި އޮޒިލް ބޭނުންނަމަ ޖެނުއަރީ މަހު އެހެން ކްލަބާ އެކު އެއްބަސްވުން ހެދޭނެ އެވެ. އެއީ މި ސީޒަން ނިންމާފައި އެ ކްލަބަކާ ރަސްމީކޮށް ގުޅޭގޮތަށެވެ.
ބާސެލޯނާގެ ބޯޑު މެމްބަރުން ކުރިން ރެއާލް މެޑްރިޑަށް ކުޅުނު އޮޒިލް ގަންނަން ބޭނުން ނަމަވެސް އެ ޓީމުގެ ކޯޗިން ސްޓާފުން އެކަން ކުރަން ބޭނުންނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ބާސެލޯނާގެ ބޯޑަށް ކޯޗިން ސްޓާފުން ހުށަހަޅާފައިވަނީ ޒުވާން ކުޅުންތެރިއަކު ގެނައުމަށެވެ. އެއީ މުސްތަގުބަލަށް ވެސް ވިސްނުމަށް ފަހު އެވެ. އޮޒިލްގެ ބަދަލުގައި ބާސެލޯނާ ކޯޗިން ސްޓާފުން ބޭނުންވަނީ ޝާލްކާ އަށް ކުޅޭ ޒުވާން މިޑްފީލްޑަރު ލިއޯން ގޮރެޓްޒްކާ ގެންނާށެވެ.
ޖަރުމަނުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ދާދި ފަހުން ނެރުނު އެޑިޑާސް އިޝްތިހާރު ނެގި ދުވަސްތަކުގައި ޔުނައިޓެޑްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ވަނީ އޮޒިލް އެ ކްލަބާ ގުޅެން ދައުވަތު ދީފަ އެވެ.
ސީޒަނުގެ ފުރަތަމަ މެޗުތަކުގައި އޮޒިލް އަށް އާސެނަލުގައި ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް ފަހަކަށް އައިސް އޮޒިލް ވަނީ އޭނާގެ ކުޅުން ވަރަށް ރަނގަޅު ކޮށްފަ އެވެ.