23 ނޮވެމްބަރ 2017 - 14:37

ރިޔާޒް (ނޮވެމްބަރު 23) - ޔަމަނުގައި ހޫތީންގެ ބާރުގެ ދަށުގައިވާ ހިސާބުތަކަށް ވެސް އެހީ ދިނުމަށް ސަންއާ އެއާޕޯޓާއި ހުދައިދާހު ބަނދަރު ހުޅުވާލަން ސައުދީ ކޯލީޝަނުން ނިންމައިފި އެވެ.
ސައުދީ ކޯލީޝަނުގެ ތާއީދު އޮތީ ޔަމަން ސަރުކާރަށެވެ. ޔަމަނަށް ކަނޑުމަގުންނާއި ވައިގެ މަގުން އެހީ ގެންދިއުން ކޯލީޝަނުން މީގެ ދެ ހަފުތާ ކުރިން ހުއްޓާލީ ސައުދީ އަރަބިއާގެ ވެރިރަށް ރިޔާޒަށް އަމާޒުކޮށް ހޫތީން ދިން މިސައިލް ހަމަލާއަކާ ގުޅިގެންނެވެ.
ޔަމަނުގެ ބަނދަރުތައް ހުޅުވާލަން ކޯލީޝަނުން ނިންމީ ޔަމަނުގެ ރައްޔިތުން ބަނޑަށް ޖެހިދާނެކަމުގެ އިންޒާރު އދ. އިން ދީފައި ވަނިކޮށެވެ. ޔަމަނަށް ބޭނުންވާ ތަކެތީގެ 80 ޕަސެންޓަކީ އިމްޕޯޓެވެ.
ސައުދީން ތުހުމަތުކޮށްފައިވާ ގޮތުގައި ޔަމަނުގެ ހޫތީންނަށް ހަތިޔާރު ފޯރުކޮށްދެނީ އީރާނުންނެވެ. އެކަމަކު އީރާނުން އެކަން ދޮގު ކުރެ އެވެ. ހޫތީން ބުނެފައި ވަނީ މިސައިލް ހަމަލާ ދިނީ ކޯލީޝަނުން ޔަމަނަށް ދޭ ވައިގެ ހަމަލާތަކަށް ބަދަލު ހިފަން ކަމަށެވެ.
ކޯލީޝަނުން ބުދަ ދުވަހު ބުނެފައި ވަނީ އެހީގެ ޝިޕްމަންޓްތައް އދ.އިން އިންސްޕެކްޓްކުރާ ޕްރޮސީޖާ ބަލާފައިވާ ކަމަށެވެ. ކޯލީޝަނުން އެކަން ޗެކްކުރީ ހަތިޔާރު ވަގަށް އެތެރެކުރުން ހުއްޓުވުމަށެވެ.
ވޯލްޑް ހެލްތު ޕްރޮގްރާމް، ވޯލްޑް ފުޑް ޕްރޮގްރާމް އަދި ޔުނިސެފުން މިދިޔަ ހަފުތާގައި ވަނީ ޔަމަނުގެ ބަނދަރުތައް ހުޅުވާލަން ކޯލީޝަނަށް ގޮވާލައިފަ އެވެ.