24 ނޮވެމްބަރ 2017 - 09:31

ރިޔާދު، ސައުދީ އެރެބިއާ (ނޮވެމްބަރު 24) - ސައުދީ އެރެބިއާގެ ކޯޗުކަމުން ދެ މަހަށް ފަހު އެޑްގާޑޯ ބައުޒާ ވަކިކޮށްފި އެވެ.
އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕަށް ސައުދީ އެރެބިއާ ކޮލިފައިކޮށްދިން ކޯޗު ނެދަލެންޑްސްގެ ބާޓް ވެން މާވިކް ވަކިކޮށް ސަައުދީގެ ކޯޗަކަށް ހަމަޖެއްސީ މިދިޔަ ސެޕްޓެމްބަރު މަހުގެ މެދުތެރޭގަ އެވެ. ބައުޒާ މަގާމުން ދުުރުކުރީ މިދިޔަ ބުދަ ދުވަހު އެވެ.
ސައުދީގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ ބައުޒާ މަގާމުން ދުރުކުރީ ޓެކްނިކަލް ކޮމިޓީގެ ލަފާގެ މަތިން ކަމަށެވެ.
"އެންމެ ފަހުން ކުޅުނު ރަހުމަތްތެރިކަމުގެ ފަސް މެޗުގައި އަހަރެމެންގެ ޓެކްނިކަލް ކޮމިޓީން ބަލާ ފެންވަރާ ގާތަށް ވެސް ބައުޒާ އަށް ގައުމީ ޓީމުގެ ނަތީޖާ ނުނެރެވޭ އަދި ރަނގަޅު ކުޅުމެއް ވެސް ނުދެއްކޭ. ބައުޒާ މަގާމުން ދުރުކުރީ ޓެކްނިކަލް ކޮމިޓީގެ ލަފާގެ މަތިން،" ސައުދީ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އަޑެލް އިޒަތު ބުންޏެވެ.
ބައުޒާގެ ކޯޗުކަމުގައި ސައުދީ ކުޅެފައިވާ ފަަސް މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވިއިރު، މޮޅުވީ އެއް މެޗުންނެވެ. ޖެމެއިކާ އަތުން 5-2 އިން މޮޅުވިއިރު، ގާނާ، ލެޓްވިއާ، ޕޯޗުގަލް އަދި ބަލްގޭރިއާ އަތުން ބަލިވީ ލަނޑެއް ވެސް ނުޖެހި އެވެ. މި ހަތަރު މެޗުގައި ސައުދީ ކޮޅަށް ވަނީ ނުވަ ގޯލު ވަދެފަ އެވެ.
ސައުދީއާ ބައުޒާ ހަވާލުވީ މި އަހަރު އޭޕްރީލް މަހު އާޖެންޓީނާގެ ގައުމީ ޓީމު ކޯޗުކަމުން ވަކިކުރި ފަހުން ފުޓްބޯޅައިން ބްރޭކެއް ނަގައިގެން ހުރެފަ އެވެ. ބައުޒާ މަގާމުން ދުރުކުރީ އަންނަ އަހަރު ރަޝިއާގައި އޮންނަ ވޯލްޑް ކަޕަށް އާޖެންޓީނާ ކޮލިފައިނުވެދާނެ ކަމުގެ ބިރު ބޮޑުވެފައިވަނިކޮށެވެ. އާޖެންޓީނާ ކޮލިފައިވީ ޖޯޖް ސަމްޕައޮލީ އެ ޓީމާ ހަވާލުވެ ނަތީޖާ ރަނގަޅު ކުރުމުންނެވެ.