23 ނޮވެމްބަރ 2017 - 14:09

ކ. ކާށިދޫގައި އިންޓަގްރޭޓެޑް ޓޫރިޒަމް ސަރަހައްދެއް ކަނޑައަޅައި، އެ ރަށުގައި 25 ކޮޓަރީގެ ދިހަ ގެސްޓް ހައުސް އަޅަން މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒިމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އާ ހަވާލުކުރަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

މެދު ފަންތީގެ ޓޫރިޒަމް ތަރައްގީކުރަން ސަރުކާރުން އުފައްދާފައިވާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު ނޫސްވެރިންނާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ އެ ޕްރޮޖެކްޓް ނިމޭއިރު 250 އެނދު ހުންނާނެ ކަމަށެވެ. އަދި އެ މަޝްރޫއަށް ގާތްގަނޑަކަށް ހަތަރު މިލިއަން ޑޮލަރު (61.6 މިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ވިދާޅުވި އެވެ.
"އޭގެ އިތުރުން އެއަށް ބޭނުންވާ ސަޕޯޓް ފެސިލިޓީސް ވެސް އަންނާނެ. ރެސްޓޯރަންޓާއި ވޯޓަ ސްޕޯޓްސް ފަދަ ތަންތަން އަންނާނެ،" އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އެ ޕްރޮޖެކްޓް ކުރިޔަށް ގެންދާނެ ގޮތުގެ ތަފުސީލްތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އޭގެ ތަފުސީލްތަކާއި އާއްމު ފަރާތްތަކަށް އެ ޕްރޮޖެކްޓްގައި ބައިވެރިވޭނެ ގޮތްތައް ފަހުން ހިއްސާކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ޕްރޮޖެކްޓް ކުރިޔަށް ގެންދާނެ ސަރަހައްދާއި ސައިޒް ވަރަށް އަވަހަށް ހާމަކުރާނެ. ޓާގެޓްކުރަނީ މި ޕްރޮޖެކްޓް ހަ މަހާއި އަށް މަހާ ދޭތެރޭ މުއްދަތެއްގައި ނިންމާލަން. އަޅުގަނޑުމެން މިބަލަނީ މި އަހަރުގެ ތެރޭގައި ނުވަތަ އަންނަ އަހަރުގެ ތެރޭގައި ޕްރޮޖެކްޓް ފެއްޓޭނެ ކަމަށް،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެތަނުގައި ހަދާ ގެސްޓް ހައުސްތައް ހުންނާނީ ތިން ބުރި ނުވަތަ ހަތަރު ބުރިއަށް ކަމަށެވެ.
ޓޫރިޒަމް މިނިސްޓަރުގެ ނައިބު ހުސެއިން ލިރާރު ވިދާޅުވީ އެ މިނިސްޓްރީން މަސައްކަތްކުރަނީ ކާށިދޫ ކައުންސިލާ މަޝްވަރާކޮށްގެން ބިން ރަޖިސްޓްރީކުރެވުނުހާ އަވަހަކަށް އެތަން އެ ކުންފުންޏާ ހަވާލުކުރާނެ ކަމަށެވެ.
"އެ ކުންފުންޏާ ހަވާލުކުރުމުގެ މައިގަނޑު މަގުސަދަކީ އެމްއައިޓީޑީސީއަކީ ޓޫރިޒަމް ދާއިރާއިން އިންވެސްޓްކުރަން ސަރުކާރުން އުފައްދާފައިވާ ކުންފުންޏެއް. އެ ކުންފުނިން މިހާރު ވެސް ބަރެސްދޫގައި ވެސް ޕްރޮޖެކްޓެއް ކުރިޔަށް އެބަ ގެންދޭ. ފުދޭ ވަރަކަށް ރަނގަޅަށް ޕްލޭންކޮށްގެން ކުރިޔަށް އެބަ ގެންދޭ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެމްއައިޓީޑީސީއަށް ވަރަށް ކާމިޔާބުކަމާ އެކު މި ޕްރޮޖެކްޓް ހިންގިދާނެ،" އޭނާ ވިދާޅުވި އެވެ.
އެމްއައިޓީޑީސީން ވަނީ ލ. ބަރެސްދޫގައި ގެސްޓް ހައުސް އާއި ހޮޓާ އަދި ރިސޯޓާ ގުޅޭ ތަންތަން ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލާން ހުޅުވާލައިފަ އެވެ. ނަމަވެސް އެކަމަށް ކުރިމަތިލި އަދަދެއް އެ ކުންފުނިން އަދި ހާމައެއްނުކުރެ އެވެ.
ގާތްގަނޑަކަށް 75 ހެކްޓަރުގެ ބަރެސްދޫގައި ތަރައްގީކުރަން ނިންމާފައި ވަނީ 25 އެނދުން ފެށިގެން 50 އެނދާ ދެމެދުގެ 50 ވަރަކަށް ގެސްޓްހައުސް އާއި 100 އެނދުގެ ބޮޑު ދެ ހޮޓަލެވެ. އޭގެ އިތުރުން ރެސްޓޯރަންޓްތަކާއި ކެފޭ، ބާ، ސްޕާ، ތީމް ޕާކް، ތިއޭޓަރު، ގޮލްފްކޯސް، ބޮޓޭނިކަލް ގާޑެން އަދި ޑައިވް ސެންޓަރު ފަދަ ތަންތަން ހިމެނެ އެވެ.
މިރަށް ތަރައްގީކޮށް ނިންމަން ކަނޑައަޅާފައި ވަނީ 18 މަސް ދުވަހުގެ ތެރޭގަ އެވެ.