24 ނޮވެމްބަރ 2017 - 07:17

ގެވެހި އަންބަކަށް ވާނެ ދުވަހަކަށް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން އަންނަ ކަމަށް ދީޕިކާ ޕަދުކޯން ބުނެފި އެވެ.
އޭނާގެ އާ ފިލްމު "ޕަދްމާވަތީ"އަށް ބޮޑެތި މައްސަލަތައް ދިމާވެ މަރުގެ އިންޒާރުތައް ލިބެމުންދާ މި ދަނޑިވަޅުގައި އިންޑިއާގެ ފިލްމީ މަޖައްލާ އަކަށް ދީޕިކާ ބުނީ އާއިލާއެއް ބިނާކޮށް ގެވެހި ދިރިއުޅުމެއް އުޅުމަކީ އޭނާ ކުޑައިރުއްސުރެ ދެކެމުން އަންނަ ހުވަފެނެއް ކަމަށެވެ.
ނަމަވެސް އަވަސް އަރުވާލައިގެން ކައިވެންޏެއް ކުރާކަށް ދީޕިކާ ބޭނުމެއް ނޫނެވެ. މި އިންޓަވިއުގައި ފުރަތަމަ ފަހަރަަށް ދީޕިކާ ވަނީ ރަންވީރު ސިންގާއި އޭނާގެ ލޯބީގެ ގުޅުމެއް އޮތްކަން ހާމަވާ މޭރުމުން ވާހަަކަ ދައްކާފަ އެވެ. މީގެ ކުރިން އޭނާ އާއި ރަންވީރު އެއްގޮތަކަށް ވެސް އެމީހުންގެ ގުޅުމުގެ ވާހަކައެއް ނުދައްކަ އެވެ.
ދީޕިކާ، 31، ބުނި ގޮތުގައި ކައިވެނި ކުރާނީ ކޮން އިރަކުންތޯ އޭނާއަކަށް އަދި ބުނެވޭކަށް ނެތެވެ.
"އަހަރެން ގަބޫލުކުރަނީ ކޮންމެ ގުޅުމެއް ވެސް އޭގެ ޒާތުގައި ކުރިޔަށް ދާނެކަމަށް. އަހަންނާއި ރަންވީރުގެ ގުޅުން ވެސް ހަމަ އެގޮތުގައި ކުރިޔަށް ދާނެކަމަށް އަހަރެން ގަބޫލުކުރަނީ،" ދީޕިކާ ބުންޏެވެ.
ރަންވީރާ އެކު އުޅޭއިރު އެންމެ ހިތްހަމަޖެހޭނީ ކޮން ކަމަކާތޯ ސުވާލު ކުރުމުން ދީޕިކާ ބުނީ އެ ދެ މީހުން އެކުގައި ހޭދަކުރާ ވަގުތުތަކުގައި އެމީހުންނަށް އެހެން އެއްވެސް އެއްޗެއް އަދި އެހެން މީހެއް ބޭނުން ނުވާ ކަމަށެވެ.
"އަހަރެމެން ދެ މީހުން އެކަކު އަނެކަކުގެ ކައިރީގައި ތިބެލެވުނަސް ހިތްހަމަޖެހޭ. ބައެއް ފަހަރަށް ބުއްދިވެރި ވާހަކަ ދެއްކުމުގައި. އަނެއްބައި ފަހަރަށް ހަމަހިމޭން ކަމުގައި. އަހަރެމެންގެ ގުޅުން ވަރަށް މައުސޫމް،" ރަންވީރާ ބެހޭ ގޮތުން ދީޕިކާ ބުންޏެވެ.
ދީޕިކާ މިހާރު ހުރީ ފިލްމީ ކެރިއަރުގައި އެރޭނެ އެންމެ އުހުގަ އެވެ. އަދި ބޮލީވުޑްގެ ބަތަލާއިންގެ ރޭހުގެ އެންމެ ކުރީގައި ވެސް މިހާރު ދީޕިކާ ހުރީ ވަރަށް ހަމަޖެހިލައިގެންނެވެ. ދީޕިކާއާ މި މަގާމަށް އެންމެ ވާދަކުރާ ޕްރިޔަންކާ ޗޯޕްރާ ފަހަކަށް އައިސް އެއްގޮތަކަށް ވެސް ހިންދީ ފިލްމު ނުކުޅުމަކީ މި މަގާމްގައި ދީޕިކާ އަށް އެއްވެސް ހާސްކަމެއް ނެތި ހުރެވުނު އެއް ސަބަބެވެ. އެހެންވެ މިހާރު ކައިވެންޏެއް ކުރިޔަސް ދީޕިކާ އަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށް ފިލްމީ ދާއިރާގެ ގިނަ މީހުން ގަބޫލު ކުރެ އެވެ.