23 ނޮވެމްބަރ 2017 - 13:05

ބިއުނަސް އޭރީޒް (ނޮވެމްބަރު 23) - ސައުތު އެޓްލާންޓިކް ކަނޑަށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން 44 ފަޅުވެރިންނާ އެކު އާޖެންޓީނާގެ ސަބްމެރިން ގެއްލުނު ފަހުން ބާރު އަޑުފައްގަނޑެއް އިވުނު ކަމަށް ބުނަން ފަށައިފި އެވެ.
އާޖެންޓީނާ ކަނޑުގެ ސިފައިންގެ ތަރުޖަމާން ކެޕްޓަން އެންރީކް ބަލްބީ ވިދާޅުވީ ސަބްމެރިން ގެއްލުނު ފަހުން ބާރު އަޑުފައްގަނޑެއް އިވުނު ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް އެ ސަރަހައްދުން އެއްޗެއް ގޮވި ކަމަށް އޭނާ ވިދާޅެއް ނުވެ އެވެ.
ބަލްބީ ވިދާޅުވީ ސަބްމެރިން ހޯދުމުގެ މަސައްކަތް މިހާރު ވަރަށް ނާޒުކް ހިސާބެއްގައިވާ ކަމަށާއި ހަފުތާއަކަށް ވުރެ ގިނަ ދުވަސްވީ އިރު ސަބްމެރިންގެ އޮކްސިޖަން ލެވެލް ދަށަށް ގޮސްފައިވާނެ ކަމަށެވެ. މުޅި ގައުމު އިންތިޒާރު ކުރަމުންދަނީ ސަބްމެރިން ފެންނާނެ ވަގުތަކަށް ކަމަށާއި އޮކްސިޖަން ހުސްވުމުގެ ކުރިން ސަބްމެރިން ފެންނާނެކަމުގެ އުއްމީދު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.
އަނެއްކޮޅުން ރަޝިޔާ އިން މިހާރު ވަނީ ސަބްމެރިން ހޯދުމުގެ މަސައްކަތުގައި ބައިވެރިވެފަ އެވެ. އާޖެންޓީނާގެ ރައީސް މައުރިސިއޯ މަކްރީ ވިދާޅުވީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ގުޅުއްވާ ސަބްމެރިން ހޯދުމުގައި އެހީތެރިވުމަށް ހުށަހަޅާފައިވާ ކަމަށެވެ. ރަޝިޔާ އިން ފޮނުވަނީ މި ބާވަތުގެ އޮޕަރޭޝަންތަކުގައި ބޭނުންކުރާ ސާވޭ އުޅަނދަކާއި ތަޖްރިބާކާރު ކްރޫންގެ ޓީމެކެވެ. ސަބްމެރިން ހޯދުމުގެ މަސައްކަތުގައި އެމެރިކާ، ބްރެޒިލް، ޗިލީ، ކޮލަމްބިއާ، ފްރާންްސް، ޖަރުމަން، ޕެރޫ، ސައުތު އެފްރިކާ، އުރުގުއާއީ އަދި އިނގިރޭސި ވިލާތުން ވަނީ ބައިވެރިވެފަ އެވެ.
ސެން ހުއާން ސަބްމެރިން ގެއްލިފައި ވަނީ މެކޭނިކަލް މައްސަލައެއް ރިޕޯޓްކުރި ފަހުންނެވެ. ސަބްމެރިންނާ އެންމެ ފަހުން ގުޅިފައި ވަނީ މިިދޔަ ހަފުތާގެ ބުދަ ދުވަހު ހެނދުނު އެވެ.
ސަބްމެރިން ގެއްލުނީ އާޖެންޓީނާގެ އައްސޭރިން 430 ކިލޯ މީޓަރު (270 މޭލު) ބޭރުންނެވެ.
ސަބްމެރިންގައި ތިބި 44 ފަޅުވެރިންގެ ތެރޭން އެކަކު ފިޔަވައި ދެން މުޅިން ވެސް ތިބީ ފިރިހެނުންނެވެ. ސަބްމެރިންގައި ހުރި ހަމައެކަނި އަންހެނަކީ 35 އަހަރުގެ އޮފިސަރު އެލިއާނާ މާރިއާ ކްރޯޒީކް އެވެ. ކަނޑުމަތީގައި އުޅޭލެއް ގިނަ ކަމުން އޭނާ މަޝްހޫރުވެފައި ވެސް ވަނީ "ކަނޑުގެ ރާނީގެ" ގޮތުގަ އެވެ.