އިނގިރޭސި ވިލާތުގައި ޑިސެމްބަރު 1 ގައި "ޕަދްމާވަތީ" ރިލީޒްކުރަނީ
އިނގިރޭސި ވިލާތުގައި ޑިސެމްބަރު 1 ގައި "ޕަދްމާވަތީ" ރިލީޒްކުރަނީ

ދީޕިކާ ޕަދުކޯން، ޝާހިދު ކަޕޫރު އަދި ރަންވީރު ސިންގް ތަރިންގެ ގޮތުގައި އުޅޭ "ޕަދްމާވަތީ" އިންޑިއާގައި ރިލީޒްކުރުން ވަކި މުއްދަތެއް ނެތި ފަސްކޮށްފައި ވިޔަސް އިނގިރޭސި ވިލާތުގައި އެ ފިލްމު، އަންނަ މަހު 1 ގައި ރިލީޒްކުރަން ނިންމައިފި އެވެ.

އިންޑިއާގައި މި ފިލްމު ދެއްކޭ ގޮތް ނުވެގެން އުޅެނީ މިއީ ހިންދޫންގެ ގަބޫލުކުރުންތަކަކާ ގުޅުން ހުރި ފިލްމަކަށް ވެފައި އެ މީހުން ނުރުހޭ ގޮތަކަށް ފިލްމު ހަދާފައިވާ ކަމަށް ބުނެ ހަޅުތާލުކުރާތީ އެވެ.

އިނގިރޭސި ވިލާތުގެ ސެންސަރު ބޯޑުން ފިލްމު ފާސްކޮށްދީފައި ވަނީ އެއްވެސް ތަންކޮޅެއް ނުކަނޑަ އެވެ. އެ ގައުމުގެ ސެންސަރު ބޯޑުގެ އޮފިޝަލް ޓުވިޓާ އެކައުންޓުން ކޮށްފައިވާ ޓުވީޓެއްގައި، ފިލްމު ފާސްކޮށްދިން ކަމުގެ ލިޔުން ހިމަނާފައިވެ އެވެ.

އިތުރު ގައުމުތަކެއްގައި މި ފިލްމު ރިލީޒްކުރާނެ ކަމެއް އަދި ޔަގީނެއް ނޫނެވެ. ނަމަވެސް އިންޑިއާގައި ފިލްމު ދައްކަން ނިންމި ތާރީޚްގައި އެކަމެއް ނުވާނެ އެވެ.

ފިލްމީ ވިޔަފާރީގެ ތަޖުރިބާކާރުން ލަފާ ކުރަނީ އެންމެ އަވަސް ވެގެން ވެސް އަންނަ އަހަރުގެ ފެބްރުއަރީ/މާޗް ހިސާބުގައި ނޫނީ ފިލްމު ރިލީޒް ނުކުރެވޭނެ ކަމަށެވެ. ސަބަބަކީ ސެންސަރު ބޯޑުގެ އާ ގަވާއިދެއްގެ ދަށުން ފިލްމު ސެންސަރުކުރުމަށް ތިން މަހެއްހާ ދުވަސް ނަގާތީ އެވެ.