"ޕަދްމާވަތީ"ގެ މައްސަލައިގެ ތެރެއަށް ގާނޫނު ހަދާ މަޖިލިސް ވެސް ވަދެފި
"ޕަދްމާވަތީ"ގެ މައްސަލައިގެ ތެރެއަށް ގާނޫނު ހަދާ މަޖިލިސް ވެސް ވަދެފި

ހިންދޫންގެ ދެކޮޅުހެދުންތަކާ ކުރިމަތިވެފައިވާ "ޕަދްމާވަތީ" ގެ މައްސަލައިގެ ތެރެއަށް އިންޑިއާގެ ގާނޫނު ހަދާ މަޖިލިސް ވެސް ވަދެފި އެވެ.

ފިލްމު އުފެއްދިއިރު ވެސް ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ އާއި ފިލްމުގައި ބައިވެރިވާ އެންމެންނަށް ވަރަށް ގިނަ މައްސަލަތަކާ ކުރިމަތިވި އެވެ. އަދި ރިލީޒްކުރަން ފުރަތަމަ ހަމަޖެއްސި ދުވަސް ކައިރިވާ ވަރަކަށް ފިލްމާ ދެކޮޅު މީހުންގެ އަޑުގަދަވެ މިހާރު ވަނީ ފިލްމު ރިލީޒްކުރުން މުއްދަތެއް ނެތި ފަސް ކޮށްފަ އެވެ.

ނަމަވެސް މި ފިލްމަށް ކުރިމަތިވެގެން އުޅޭ މައްސަލައަށް ހައްލެއް ފެނޭތޯ އިންޑިއާގެ ގާނޫނު ހަދާ މަޖިލީސް ލޯކް ސަބާއިން މަސައްކަތް ފެށުމާ ގުޅިގެން ފިލްމު ރިލީޒް ކުރެވިދާނެ ކަމުގެ އާ އުންމީދެއް ވަނީ ލިބިފަ އެވެ.

ލޯކް ސަބާ އިން ސެންޓްރަލް ބޯޑު އޮފް ފިލްމް ސަޓިފިކޭޝަން (ސީބީއެފްސީ) އަށާއި އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓްރީ (އައިއެންޑްބީ) އަށް މިހާރު އަންގާފައިވަނީ "ޕަދްމާވަތީ" އަށް ދިމާވެގެން އުޅޭ މައްސަލަތަކާ ބެހޭ ރަސްމީ ރިޕޯޓެއް ތައްޔާރުކުރުމަށް ފަހު ނޮވެމްބަރު 30 ގެ ކުރިން ހުށަހެޅުމަށެވެ.

މިއީ ފިލްމު ރިލީޒް ކުރެވޭނެ ދުވަހަކަށް އިންތިޒާރުކުރާ މީހުންނަށް ލިބުނު އުންމީދެކެވެ. މިކަމުގެ ސަބަބުން "ޕަދްމާވަތީ" އަށް ރަސްމީކޮށް ގޮތެއް ނިންމޭނެ އެވެ. އަދި ފިލްމާ ދެކޮޅަށް މުޒާހަރާކުރާ މީހުން ވެސް އިތުރަށް ގަދަހަދާނެ ތަނެއް ނޯންނާނެ އެވެ.

ނަމަވެސް ރިޕޯޓުގައި ލިޔެފައި އޮންނާނެ އެއްޗަކާ މެދު ވެސް ސުވާލު އުފެދެ އެވެ. ފަހަރެއްގައި މި ރިޕޯޓު ލިޔާނީ ފިލްމު ބަލާފައިކަމަށް ވެދާނެ އެވެ. އެހެން ވެއްޖެ ނަމަ ފިލްމާ ދެކޮޅު ހަދާ މީހުންގެ އިހްސާސްތަކަށް ރިއާޔަތްކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި މީހުން ރުޅިއައިސް ހިތްހަމަނުޖެހޭ ޒާތުގެ މަންޒަރުތަކެއް ހުރިނަމަވެސް އެނގޭނެ އެވެ.

މިހާތަނަށް އިންޑިއާގެ ތިން ސްޓޭޓެއްގައި ވަނީ "ޕަދްމާވަތީ" ދެއްކުން މަނާކޮށްފަ އެވެ. އެހެންކަމުން ސެންސަރު ބޯޑުން ހުއްދަ ދީގެން ފިލްމު ކޮންމެ ޒަމާނަކުން ނަމަވެސް ރިލީޒް ކުރިޔަސް މަދްޔަޕްރަދޭޝް، އުއްތަރު ޕްރަދޭޝް އަދި ޕަންޖާބު ސްޓޭޓްގައި ފިލްމު ރިލީޒެއް ނުކުރާނެ އެވެ.