ކަޕިލް ޝަރުމާގެ "ފިރަންގީ" ރިލީޒްކުރުން ފަސްކޮށްފި
ކަޕިލް ޝަރުމާގެ "ފިރަންގީ" ރިލީޒްކުރުން ފަސްކޮށްފި

އިންޑިއާގެ މަޝްހޫރު ކޮމޭޑިއަން ކަޕިލް ޝަރުމާގެ "ފިރަންގީ" ރިލީޒްކުރުން ހަފުތާއަކަށް ފަސްކޮށްފި އެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން މި ފިލްމު ރިލީޒްކުރާނީ އަންނަ މަހުގެ 1 ވަނަ ދުވަހު އެވެ.

ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވާ ތާރީޚަށް ނެރެވޭ ގޮތް ނުވީ ސެންސަރު ބޯޑުން ފިލްމު ފާސްކޮށް ނުދީގެންނެވެ. ނަމަވެސް މިހާރު ފިލްމު ފާސްކޮށްދީފައިވާ ކަމަށާއި އަންނަ މަހު 1 ގައި ރިލީޒް ކުރެވޭނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރުން ވަނީ ބުނެފަ އެވެ.

ރަޖީވް ދިންގްރާ ޑައިރެކްޓްކޮށްފައިވާ "ފިރަންގީ"ގައި ކަޕިލް ބަތަލުގެ ބައި ކުޅެފައިވާއިރު ބަތަލާގެ ރޯލު އަދާކޮށްފައިވަނީ އިޝީތާ ދައްތާ އެވެ.

"ފިރަންގީ" ނޫނަސް ވަރަށް ގިނަ ފިލްމުތަކަށް މިހާރު ރިލީޒްކުރަން ހަމަޖެހިފައިވާ ތާރީހުގައި ރިލީޒް ނުކުރެވުމަކީ އެކަށީގެންވާ ކަމެކެވެ. ސަބަބަކީ ފިލްމު ސެންސަރު ބޯޑުން އާ ގަވާއިދެއް ހަދައި އެ ގަވާއިދަށް އަމަލު ކުރަން ފެށުމެވެ.

މި އާ ގަވާއިދު ބުނާ ގޮތުން ފިލްމު ރިލީޒްކުރުމުގެ 68 ދުވަސް ކުރިން ފާސްކުރަން ސެންސަރު ބޯޑަށް ހުށަހަޅަން ޖެހޭނެ އެވެ. ސަންޖޭ ލީލާ ބާންސާލީގެ "ޕަދްމާވަތީ" ވެސް ފާސް ނުކޮށްދީ ސެންސަރު ބޯޑުން ހިފަހައްޓާފައި ވަނީ މި އާ ގަވާއިދަށް އަމަލުކުރުމުގެ ގޮތުން ކަމަށް އެފަރާތުން ވަނީ ބުނެފަ އެެވެ.

ސެންސަރު ބޯޑުގެ ޗީފް ޕްރަސޫން ޖޯޝީ އާ ހަވާލާދީ އެ ބޯޑުގެ މެމްބަރަކު އިންޑިއާ ޓުޑޭ އަށް ބުނެފައިވާ ގޮތުގައި ސެންސަރު ބޯޑުން ފިލްމެއް ސެޓިފައި ކޮށްދޭން އެންމެ ގިނަވެގެން ނަގާނީ 68 ދުވަހެވެ. އެއަށް ވުރެ އަވަސް ވިޔަސް ލަހެއް ނުވާނެ އެވެ.

އޭނާ ބުނި ގޮތުގައި އާންމުކޮށް ފިލްމެއް ސެންސަރު ކުރަން ނަގަނީ މަހެއްހާ ދުވަހެވެ. ނަމަވެސް "ޕަދްމާވަތީ" ކަހަލަ މައްސަލަތައް ބޮޑު ފިލްމެއް ފާސްކޮށްދިނުމުގައި ވަރަށް ފަރުވާތެރިވާން ޖެހޭ ކަމަށާއި ޚިޔާލު ހޯދަން ޖެހޭ މީހުންގެ ޚިޔާލު ހޯދުމަށް ވެސް ވަގުތު ނަގާނެ ކަމަށް އޭނާ ބުންޏެވެ.

"ފިރަންގީ" އަކީ 1920 ވަނަ އަހަރުގެ ވާހަކައަކަށް އުފައްދާ އެކްޝަން-ކޮމެޑީ ޑްރާމާ އެކެވެ. މިއީ ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން ކަޕިލް ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމެވެ.