23 ނޮވެމްބަރ 2017 - 13:05

ލަންޑަން (ނޮވެމްބަރު 23) - ޗެލްސީގައި މަޑުކުރަން، ބޮޑު މުސާރަ އަކަށް ބެލްޖިއަމްގެ ގޯލްކީޕަރު ތިބައު ކޯޓުއާ ޑިމާންޑްކޮށްފި އެވެ.
އުމުރުން 25 އަހަރުގެ ކޯޓުއާ ޗެލްސީއާ އެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އޮތީ 18 މަސް ދުވަހެވެ. ޗެލްސީން އަންނަނީ ކޯޓުއާއާ އެކު ހަދާފައިވާ އެއްބަސްވުން އާ ކުރަން މަޝްވަރާ ކުރަމުންނެވެ. އެހެން ނަަމަވެސް އަދިވެސް ވަނީ އަދި އެއްބަސްވުމަކަށް ނާދެވިފަ އެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި އަޒަރުބައިޖާނުގެ ގަރަބަޖް އަތުން 4-0 އިން ޗެލްސީ މޮޅުވި މެޗުގެ ކުރިން ކޯޓުއާ ބުނީ ކޮންޓްރެކްޓްގެ މަޝްވަރާތަކަށް އަދިވެސް ކުރިއެރުމެއް ނުލިބޭ ކަމަށެވެ.
"އަހަރެންގެ ކޮންޓްރެކްޓްގެ މަޝްވަރާތައް ކުރާނީ ޗެލްސީ އާއި އަހަރެންގެ އޭޖެންޓާ ދެމެދު. މިހާތަނަށް އަހަންނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ކުރިއެރުމެއް ނެތް ލިބިފައެއް. އަހަރެންގެ ފޯކަސް މި ވަގުތު ހުރީ ހަމައެކަނި ފުޓްބޯޅައިގެ ކަންތައްތަކަށް،" ކޯޓުއާ ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުގައި މައްސަލަ ޖެހިފައިވަނީ ކޯޓުއާ ބޭނުންވާ ވަރުގެ މުސާރައެއް ޗެލްސީން ދޭން ދެކޮޅު ހަދާތީ އެވެ. ކޯޓުއާ އެދިފައިވަނީ މެންޗެސްޓާ ޔުނައިޓެޑުން ޑޭވިޑް ޑެހެއާ އަށް ދޭ ވަރުގެ މުސާރައެއް އޭނާ އަށް ޗެލްސީން ދިނުމަށެވެ. ރިޕޯޓްތައް ބުނާގޮތުން ޑެހެއާ އަށް ޔުނައިޓެޑުން ހަފްތާ އަކު 250،000 ޕައުންޑް ދެ އެވެ.
ކޯޓުއާ ހޯދުމުގެ ރޭހުގައި ދާދި ފަހުން ޕީއެސްޖީން ވެސް ވަނީ ބައިވެރިވެފަ އެވެ. އަދި އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރަން ކޯޓުއާ އަށް ބޮޑު ބިޑެއް ކުރާނެ ކަމަށް ވެސް ބެލެވެ އެވެ. އަދި ޗެލްސީން ބޭނުންވެއްޖެ ނަމަ ޕީއެސްޖީ އަށް ކުޅޭ ފްރާންސްގެ ކީޕަރު އަލްފޮންސޭ އަރެއޯލާ ވެސް އެ ޑީލްގެ ތެރެއިން ޗެލްސީ އަށް ދޭން ޕީއެސްޖީން އޮތީ ތައްޔާރަށެވެ.