24 ނޮވެމްބަރ 2017 - 07:16

ދުނިޔޭގެ އެންމެ އަގުބޮޑު މޮޑެލްގެ ގޮތުގައި 15 އަހަރު ވަންދެން ހުރި ސުޕަމޮޑެލް ގިޒެލް ބުންޗެން ފަހަތަށް ޖައްސާލުމަށް ފަހު ކެންޑާލް ޖެނާއަށް އެ މަގާމު ލިބިއްޖެ އެވެ.

ޖެނާ އަކީ ހައި-ފެޝަން މޮޑެލިންގެ ދުނިޔެއަށް ވަރަށް އާ މޮޑެލް އެކެވެ. ޚާއްސަކޮށް 37 އަހަރުގެ ބުންޗެން ފަދަ ތަޖުރިބާހުރި މޮޑެލްއަކާ އަޅާ ބަލާއިރު އެވެ. ޖެނާ އަކީ މަޝްހޫރު މޮޑެލް ކިމް ކާޑޭޝިއަން-ވެސްޓްގެ އެއްބަނޑު ކޮއްކޮ އެކެވެ.
ވަރަށް ޅަ އުމުރުގައި މޮޑެލްކުރަން ފެށުމާ އެކު ކަހަލަ ގޮތަކަށް ޖެނާ ވަނީ މޮޑެލްކުރުމުގެ ދުނިޔެއަށް އިންގިލާބެއް ގެނުވާފަ އެވެ.
ފޯބްސް ބުނާ ގޮތުން ޖެނާއަށް މިއަހަރު ލިބުނު އާމްދަނީ 22 މިލިއަން ޑޮލަރަށް އަރަ އެވެ. މީގެ ބޮޑު ބަޔަކީ އެސްޓީ ލައުޑާ، ލާ ޕޭރިއާ އަދި އެޑިޑާސް ފަދަ ބްރޭންޑްތަކަށް މޮޑެލްކޮށްދީގެން ލިބިފައިވާ އާމްދަނީ އެވެ. މީގެ އިތުރުން ކޮއްކޮ ކައިލީއާ އެކު އޭނާ ނެރެފައިވާ ޚާއްސަ ހެދުން ބްރޭންޑަކުން ވެސް ވަރަށް ބޮޑު އާމްދަނީއެއް ލިބުނެވެ. އަދި އޭނާގެ އާއިލާގެ މަޝްހޫރު ރިއަލިޓީ ޓީވީ ޝޯ އާއި 85 މިލިއަން މީހުން ފޮލޯކުރާ ސޯޝަލް މީޑިއާ އެންޑޯސްމަންޓްތަކުން ވެސް ޖެނާ އަށް އާމްދަނީ ލިބިފައިވެ އެވެ.
އުމުރުން އެންމެ 22 އަހަރުގެ ޒުވާން ޖެނާ އަށް މިހާރު ލިބިފައިވާ މޮޑެލްކުރުމުގެ ފުރުސަތުތަކަކީ ވެސް ހައިރާންވާ ވަރުގެ ވަރުގަދަ ޕްރޮޖެކްޓްތަކެވެ. އޭގެ ތެރޭގައި ވޯގް މަޖައްލާގެ ސެޕްޓެމްބަރު މަހުގެ އަދަދުގެ ކަވަރާއި މާކް ޖޭކަބްސް ރަންވޭގެ ލީޑް ސްޕޮޓް އަދި އެސްޓީ ލައުޑާ ތަމްސީލުކުރާ މޫނަށް ވުން ހިމެނެ އެވެ.
މި އަހަރު ވެފައި ވަނީ ޖެނާ އަށް ވަރަށް ކާމިޔާބު އަހަރަކަށެވެ. ނަމަވެސް މި އަހަރު ތެރޭ ބައެއް ކަހަލަ މައްސަލަތައް ވެސް ޖެނާ އަށް ދިމާވި އެވެ. އޭގެ ތެރޭގައި މައްސަލަ ބޮޑުވި ޕެޕްސީ އިޝްތިހާރު ހިމެނެ އެވެ. މިއަހަރު ކުރީކޮޅު ދިމާވި މި މައްސަލައިގައި ނަސީބަކުން ޖެނާއަށް މާބޮޑު މާލީ ގެއްލުމެއް ނުވި އެވެ.
ދެ ވަނަ އަަށް ވެއްޓުނު ބުންޗެން އަށް މޮޑެލްކޮށްގެން މިއަހަރު ލިބިފައި ވަނީ 17.5 މިލިއަން ޑޮލަރެވެ. ތިން ވަނަ އަށް ދިޔަ ކްރިސީ ޓީގަން އަށް ވުރެ ބުންޗެންގެ އާމްދަނީ ހަތަރު މިލިއަން ޑޮލަރު އިތުރެވެ. ކްރިސީ އަކީ ފޯބްސް ލިސްޓުން އަލަށް ޖާގަ ލިބުނު މޮޑެލް އެކެވެ.