23 ނޮވެމްބަރ 2017 - 09:56

ބަކޫ، އަޒަރުބައިޖާން (ނޮވެމްބަރު 23) – ރަށުން ބޭރުގައި އަޒަރުބައިޖާނުގެ ގަރަބަޖް އަތުން 4-0 އިން މޮޅުވެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން އިނގިރޭސި ޗެމްޕިއަން ޗެލްސީ ރޭ ޖާގަ ހޯދައިފި އެވެ.
އެ ޓީމު 10 ޕޮއިންޓް ހަމަކޮށް ދެ ވަނަ ބުރުން ޖާގަ ހޯދިއިރު ރޯމާ އަށް ދެ ވަނަ ބުރަށް ދާން ލިބުނު ފުރުސަތު ރޭ ވަނީ ވަގުތީ ގޮތުން ގެއްލިފަ އެވެ. އެ ޓީމު ރޭ އެތުލެޓިކޯ މެޑްރިޑް އަތުން 2-0 އިން ވަނީ ބަލިވެފަ އެވެ. އެއާ އެކު އެތުލެޓިކޯ އަށް ވަނީ ދެ ވަނަ ބުރުގެ އުއްމީދުއާވެފަ އެވެ.
މި ވަގުތު ދެ ވަނައިގައި އަށް ޕޮއިންޓާ އެކު ރޯމާ އޮތްއިރު އެތުލެޓިކޯ އޮތީ ހަ ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ދެ ޕޮއިންޓާ އެކު ފުލުގައި އޮތް ގަރަބަޖް ވަނީ ކަޓައިފަ އެވެ.
ރޭގެ މެޗުގައި ޗެލްސީގެ ބްރެޒިލް މިޑްފީލްޑަރު ވިލިއަން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އަނެއް ދެ ލަނޑު ޖެހީ އެޑިން ހަޒާޑާއި ސެސް ފެބްރިގާސް އެވެ. މި ދެ ލަނޑު ވެސް ޖެހީ ޕެނަލްޓީންނެވެ.
އެތުލެޓިކޯގެ ދަނޑުގައި އެ ޓީމު ރޯމާ ބަލިކުރީ 2-0 އިންނެވެ. އެތުލެޓިކޯގެ ފުރަތަމަ ލަނޑު 69 ވަނަ މިނެޓުގައި ޖެހީ އެންޓޮއިން ގްރިޒްމަން އެވެ. އޭގެ ފަހުން 83 ވަނަ މިނެޓުގައި ރޯމާގެ ބްރުނޯ ޕެރޭޒް އަށް ރަތްކާޑު ދައްކާފައިވަނިކޮށް އެތުލެޓިކޯ އިން ދެ ވަނަ ލަނޑު ޖެހީ 85 ވަނަ މިނެޓުގައި ކެވިން ގަމެއިރޯ އެވެ.
މުބާރާތުގެ ގްރޫޕް ބީ ގައި ރޭ ސެލްޓިކް އަތުން ޕީއެސްޖީ ވަނީ 7-1 އިން މޮޅުވެފަ އެވެ. އަދި ބަޔާން މިއުނިކް ވަނީ އެންޑަލެކްޓް އަތުން 2-1 އިން މޮޅުވެފަ އެވެ. މި ދެ ޓީމު ވެސް ވަނީ ދެ ވަނަ ބުރަށް ދަތުރުކޮށްފަ އެވެ. މި ވަގުތު 15 ޕޮއިންޓާ އެކު އެއް ވަނައިގައި ޕީއެސްޖީ އޮތްއިރު ދެ ވަނައިގައި 12 ޕޮއިންޓާ އެކު އޮތީ ބަޔާން މިއުނިކެވެ. ތިން ޕޮއިންޓާ އެކު ތިން ވަނައިގައި އޮތް ސެލްޓިކާއި ފުލުގައި ޕޮއިންޓެއް ނުލިބި އޮތް އެންޑަލެކްޓް ވަނީ ކަޓައިފަ އެވެ.
ރޭގެ މެޗުގައި ޕީއެސްޖީގެ އެޑިންސަން ކަވާނީ އާއި ނޭމާ، ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއިރު އަނެއް ތިން ލަނޑު ޖެހީ ޑެނީ އަލްވެސް އާއި މާކޯ ވެރާޓީ އަދި ކީލިއަން އެމްބާޕޭ އެވެ.
އެންޑަލެކްޓް އަތުން ބަޔާން މޮޅުވި މެޗުގައި ލަނޑު ޖެހީ ރޮބަޓް ލެވޮންޑޮސްކީ އާއި ޓޮލީސޯ އެވެ.