23 ނޮވެމްބަރ 2017 - 10:31

ގދ. ތިނަދޫ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ގދ. އަތޮޅުގެ، ކުއްލިގޮތަކަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ތިނަދޫގެ ރައްޔިތުންނަށް ބިރުދައްކަން ކަމަށާއި މިގޮތަށް އަމަލުކޮށްގެން ސަރުކާރަށް ލިބޭނެ ފައިދާއެއް ނެތް ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.
ތިނަދޫގައި ހުންނަ ގދ. އަތޮޅުގެ ކުއްލި ގޮތަށް އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ، ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީއާ އެކު ކައުންސިލަރުން ބައްދަލުވުމެއް ބޭއްވުމުންނެވެ. ހޯމް މިނިސްޓްރީން ކައުންސިލަށް ފޮނުވި ސިޓީގައި އެކަން ސިފަކުރީ، އެތަނުގައި ސިޔާސީ ހަރަކާތްތައް ހިންގުން ކަމަށެވެ.
ތިނަދޫ ރަށު ކައުންސިލާއި އަތޮޅު ކައުންސިލްގައި މުޅިން ވެސް ތިއްބަވަނީ އިދިކޮޅު ޕާޓީތަކުގެ ކައުންސިލަރުންނެވެ.
އަތޮޅުގެ އާ ފުލުހުން ހަވާލުވި މައްސަލަ ކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ، އެ އަމަލުން އެނގުނީ އިންތިހާބު ކޮށްފައިވާ ކައުންސިލަރުންނަށް އެއްވެސް މިންވަރަކަށް ބާރު ދިނުމަކީ ސަރުކާރުން ކުރަން ބޭނުން ނުވާ ކަމެއް ކަމަށެވެ. ސަރުކާރުގެ ނަޒަރުގައި، އިންތިހާބުކޮށްފައިވާ މެމްބަރުންގެ ޒިންމާ އަކީ ރައީސް އަބްދުﷲ ޔާމީނަށް ސަނާކިޔައި ސަރުކާރުގެ ކޮރަޕްޝަންތަކުގައި ބައިވެރިވެ، ވައްކަންތައް ފޮރުވަން މަސައްކަތް ކުރުން ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
އެ ޕާޓީން ބުނީ ހުވަދު އަތޮޅު ރައްޔިތުންނަކީ ފެށުނީއްސުރެ ވެސް އިސްލާހީ މަސައްކަތްތަކަށް ތާއީދުކުރާ، ހޭލުންތެރި، ގައުމުގެ ކުރިމަގާ މެދު ފުންކޮށް ވިސްނައި ހެޔޮވެރިމުގެ ނިޒާމަށް ބާރު އަޅަމުން އަންނަ ބައެއް ކަމަށެވެ.
"ހިތްވަރު ގަދަ ހުވަދޫ ރައްޔިތުންނަށް ބިރު ދައްކައި އެމީހުން އިންތިޚާބުކޮށްފައިވާ މަންދޫބުންނަށް ބިރު ދައްކައިގެން އޮބަހައްޓައިގެން ލިބޭނެ އެއްވެސް މަންފާއެއް ނޯންނާނެ އެވެ،" ބަޔާނުގައިވެ އެވެ.
އެމްޑީޕީން ބުނިގޮތުގައި ގދ. އަތޮޅުގެ އަކީ ރައްޔިތުންގެ ފައިސާ އިން ޚަރަދުކޮށްގެން ބިނާކޮށްފައިވާ ރައްޔިތުންގެ މިލްކެކެވެ. އެހެންކަމުން ހުވަދު އަތޮޅުގެ އިންތިޚާބީ މަންދޫބުންގެ ބައްދަލުވުންތަކާއި ރައްޔިތުންގެ ތަރައްގީއާ ގުޅިފައިވާ ކޮންމެ ކަމެއް ކުރުމުގެ ފުރިހަމަ މިނިވަންކަން ކައުންސިލަރުންނަށް ލިބިދޭން ޖެހޭނެ ކަމަށް ބަޔާނުގަިއވެ އެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އަތޮޅުގެ ކައުންސިލަރުންނާ ހަވާލުކުރަން އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ.