23 ނޮވެމްބަރ 2017 - 10:09

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ވެސް ގދ. ތިނަދޫގައި ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

އިދިކޮޅު ފަރާތްތަކުން ތިނަދޫގައި މިރޭ ބޮޑު ޖަލްސާއެއް ބާއްވާއިރު، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވީ އެ ޕާޓީގެ ޖަލްސާ އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ޖަލްސާގައި ޕީޕީއެމްގެ ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވާނެ އެވެ.
ސަރުކާރު ނުވަތަ ޕީޕީއެމްގެ އިތުރުން އިދިކޮޅު ފަރާތްތަކުގެ އިސްބޭފުޅުން މިވަގުތު ތިނަދު އަށް ވަޑައިގެންފައިވާއިރު، ޕީޕީއެމްގެ ލީޑަޝިޕްގެ އިސްބޭފުޅުން އިއްޔެ ތިނަދު އަށް ވަޑައިގެންނެވި ވަގުތު ވަނީ އެމްޑީޕީ އާއި ޕީޕީއެމްގެ ބައެއް ސަޕޯޓަރުންނާ ދެމެދު ހަމަނުޖެހުން ހިންގައިފަ އެވެ.
އިދިކޮޅު ފަރާތްތަކުގެ ޖަލްސާ އަށް ސަރުކާރުން ހުރަސް އަޅާ ކަމަށް ބުނަމުން ދާއިރު، ޚަލީލް ވިދާޅުވީ ޕީޕީއެމަކީ ގާނޫނާއި ޚިލާފު ކަންކަން ކުރާ ބައެއް ނޫން ކަމަށެވެ.
ޕީޕީއެމުން ތިނަދޫގައި ޖަލްސާއެއް ބޭއްވުމަށް ނިންމާފައި މިވަނީ، ތިނަދު އަށް އިސްކަން ދެއްވައިގެން ރައީސް އަބްދުﷲ ޔާމީން ކޮށްދެއްވި ކަންކަމާ މެދު އެ ރަށުގެ ރައްޔިތުން ވިސްނުން ނުގެންގުޅޭ ނަމަ "ވިސްނުން ބަދަލުކުރަން ޖެހިދާނެ" ކަމަށް ވިދާޅުވެ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ވާހަކަ ދެއްކެވުމުން އެ މައްސަލަ ވެސް ހޫނުވެފައި ވަނިކޮށެވެ.
އޭނާގެ ވާހަކަތަކަށް ރައްދު ދެއްވައި، ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު (އަބުޅޯ) ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވީ މި ސަރުކާރުގައި ތިނަދޫގައި ހިންގާފައިވާ މަޝްރޫއުތަކުގެ "ކަލަ ގޮވައި، ރައްޔިތުންނަށް އިންޒާރު ދެއްވުމަކީ"، ނިހާން ކުރެއްވި ލަދު ހުތުރު ކަމެއް ކަމަށެވެ. ތިނަދޫގެ ތަރައްގީގެ ކަންކަން ކުރިއަށް ގެންދިޔައީ، ރައީސް ޔާމީންގެ ހެޔޮފުޅުކަމުން ނޫން ކަމަށާއި ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ރައްޔިތުންގެ ފައިސާ އިން ކަމަށް ވެސް އެ ދެ މެމްބަރުން ވިދާޅުވި އެވެ.