22 ނޮވެމްބަރ 2017 - 23:55

ހަރާރޭ (ނޮވެމްބަރު 22) - ޑިމޮކްރެސީ އިޔާދަކޮށްދީ، އެތައް ވަޒީފާއެއް އުފައްދާނެ ކަމަށް ޒިމްބާބުވޭގެ ވެރިކަމަށް ވަޑައިގަންނަވަން ހުންނެވި ލީޑަރު އެމާސަން ނަންގަގްވާ ވައުދުވެވަޑައިގެންފި އެވެ.
ނައިބް ރައީސްގެ މަގާމުން މީގެ ދެ ހަފުތާ ކުރިން ދުރުކުރުމާ އެކު ގައުމު ދޫކޮށް ވަޑައިގެންނެވި ނަންގަގްވާ މިއަދު ވަނީ އެނބުރި ވަޑައިގެންފަ އެވެ. ރައީސްކަމުގެ ހުވާ އޭނާ ކުރައްވާނީ އަންނަ ހުކުރު ދުވަހު އެވެ.
"އިގްތިސާދު ކުރިއަރުވަން ބޭނުން. ސުލްހަ ބޭނުންވޭ. ވަޒީފާތައް އިތުރު ކުރަން ބޭނުންވޭ،" ހަރާރޭގައި ސަޕޯޓަރުންނާ މުޚާތަބް ކުރައްވާ އޭނާ ވިދާޅުވި އެވެ.
ބައެއް އެސްޓިމޭޓްތައް ދައްކާ ގޮތުން ޒިމްބާބުވޭގެ 90 ޕަސެންޓް މީހުން އުޅެނީ ވަޒީފާއެއް ނެތި އެވެ. ހަތަރުބައިކުޅަ ތިންބައި މީހުންނަށް ދުވާލަކު 5.50 ޑޮލަރު ވެސް ނުލިބެ އެވެ.
ޒިމްބާބުވޭ ސިފައިން ނުކުމެ މުގާބޭ ގޭ ބަންދުކުރަން ޖެހުނީ ނަންގަގްވާ މަގާމުން ދުރުކުރުމުންނެވެ. މަގާމުން އިސްތިއުފާ ދެއްވި ރޮބަޓް މުގާބޭގެ ބޭނުމަކީ އަނބިކަނބަލުންނަށް ވެރިކަމުގެ މަގުތައް ފަހިކޮށްދިނުމެވެ.
ސައުތު އެފްރިކާގައި އުޅުއްވުމަށް ފަހު ޒިމްބާބުވޭ އަށް ވަޑައިގެން ޕާޓީގެ ހެޑްކުއާޓަރުގައި ސަޕޯޓަރުންނާ ބައްދަލު ކުރައްވާ ނަންގަގްވާ ވިދާޅުވީ ޒިމްބާބުވޭ މިހާރު ދެކެނީ މުޅިން އާ ބާބެއް ކަމަށާއި ދެން ފެނިގެން ދާނީ ޑިމޮކްރެސީ އަށަގަންނަ މަންޒަރު ކަމަށެވެ.
ނަންގަގްވާ ވިދާޅުވީ އޭނާ އަވަހާރަކޮށްލަން އެތައް ރޭވުމެއް ރާވައިފި ކަމަށެވެ. އަދި ސުލްހަވެރިކަމާ އެކު މުގާބޭގެ ވެރިކަން ނިމުމަކަށް ގެނެސްދިނީތީ ސިފައިންނަށް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
ޒިމްބާބުވޭގެ ގާނޫނު އަސާސީ ބުނާ ގޮތުން ރައީސް އިސްތިއުފާ ދެއްވައިފި ނަމަ ވެރިކަން ލިބޭނީ ނައިބް ރައީސް އަށެވެ. އެ މަގާމުގައި ހުންނެވީ ގްރޭސްގެ ގާތް އެކުވެރިއެއް ކަމަށްވާ ފެލެކެޒެލާ ފޮކޯ އެވެ. އޭނާ ވެސް މިހާރު ގައުމަކު ނެތެވެ. ޕާޓީގެ ފަރާތުން އޭނާ ވަނީ މަގާމުން ދުރުކޮށްފަ އެވެ. ނައިބް ރައީސެއް ނެތުމުން ރައީސް ކަމަށް ނަންގަގްވާ ގެންނަން ނިންމީ ކަމަށް ޕާލަމެންޓުގެ ރައީސް ވަނީ ޔަގީންކޮށްދީފަ އެވެ.
ވެރިކަންކުރާ ޒަނޫ-ޕީއެފް ޕާޓީގެ ތަރުޖަމާން ވިދާޅުވީ އުމުރުން 71 އަހަރުގެ ނަންގަގްވާ ވެރިކަމުގައި ހުންނަވާނީ މުގާބޭގެ ދައުރު ނިމެންދެން ކަމަށެވެ. ޒިމްބާބުވޭގައި ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.