22 ނޮވެމްބަރ 2017 - 19:45

ވެރިކަންކުރާ ޕީޕީއެމްގެ އިސް ބޭފުޅުން މިއަދު ގދ. ތިނަދޫއަށް ވަޑައިގެން ވަގުތު، ސަރުކާރަށް ތާއީދުކުރާ މީހުންނާއި އިދިކޮޅު ފަރާތްތަކާ ދެމެދު ހަމަނުޖެހުން ހިންގައި ބައެއް މީހުންނަށް އަނިޔާވެއްޖެ އެވެ.

މަންޒަރު ދުށް މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި ހަމަނުޖެހުން ހިނގީ ޕީޕީއެމްގެ ލީޑާޝިޕް ބޭފުޅުންތަކެއް އެ ރަށަށް ވަޑައިގަތުމުން "ވަގުންނަށް މަރުހަބާ" ޖަހާފައިވާ ބެނާއެއް ހިފައިގެން އެމްޑީޕީ ބަޔަކު އެސަރަހައްދަށް ދިއުމުންނެވެ.
"އެމްޑީޕީ މީހުން ތިބީ މާދަން ރޭ ޖަލްސާއަށް ތައްޔާރުވާން ބަނދަރު ސަރަހައްދުގައި. ތިބެފަ ޕީޕީއެމް މީހުން އައީމަ ބެނާ ހިފައިގެން އެތުރުނީ. އެހިސާބުން ޕީޕީއެމް ސަޕޯޓަރުންތަކެއް އައިސް އަރައިގަނެ ދެބައި މީހުން މާރާމާރީ ހިންގީ،" މަންޒަރު ދުށް މީހާ ބުންޏެވެ.
އޭނާ ބުނިގޮތުގައި ޕީޕީއެމްގެ ތިރީހަކަށް ސަޕޯޓަރުންނާއި ސަރުކާރާ ދެކޮޅު މަދުބަޔަކާ ދެމެދު ހިނގި މާރާމާރީގައި ބައެއް މީހުންނަށް ކުދި އަނިޔާތައް ލިބިފައިވެ އެވެ.
ފުލުހުން ބުނީ މި ހަމަނުޖެހުމާ ގުޅިގެން މިހާތަނަށް އަދި މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.
ސަރުކާރާއި އިދިކޮޅު ހަރަކާތްތަކުގެ އިސް ބޭފުޅުން ތިނަދޫއަށް ވަޑައިގެންފައި އިދިކޮޅު ހަރަކާތުގެ ޖަލްސާއެއް އެ ރަށުގައި ބޭއްވުމުގެ ތައްޔާރީތައް ކުރިއަށް ދަނިކޮށެވެ.
އަދި ތިނަދޫއަށް އިސްކަންދެއްވައިގެން ރައީސް އަބްދުﷲ ޔާމީން ކޮށްދެއްވި ކަންކަމާ މެދު އެ ރަށުގެ ރައްޔިތުން ވިސްނުން ނުގެންގުޅޭ ނަމަ "ވިސްނުން ބަދަލުކުރަން ޖެހިދާނެ" ކަމަށް ވިދާޅުވެ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސެއިން ރޭ ވާހަކަ ދެއްކެވުމުން އެ މައްސަލަ ވެސް ހޫނުވެފައި ވަނިކޮށެވެ.
މިވަގުތު ޕީޕީއެމްގެ މަޖިލިސް ބައެއް މެންބަރުންނާއި ބައެއް ވަޒީރުން ވެސް ތިއްބެވީ ތިނަދޫގަ އެވެ. އަދި ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުން ވެސް އެބަ އުޅުއްވަ އެވެ.